ކ. މާލެ
|
20 ފެބްރުއަރީ 2021 | ހޮނިހިރު 12:33
ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެކިގޮތްގޮތުން އިންޑިޔާގެ އެހީތެރިކަން އަންނަނީ ލިބެމުން
ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެކިގޮތްގޮތުން އިންޑިޔާގެ އެހީތެރިކަން އަންނަނީ ލިބެމުން
އިންޑިއާ އިން މޯލްޑިވްސް
އިންޑިޔާ-ރާއްޖޭގެ ދިފާއީ ގުޅުން
އިންޑިޔާއާއި ރާއްޖޭގެ އަސްކަރީ ގުޅުމާމެދު ކަންބޮޑުވެ ފިކުރުކުރާންޖެހޭ ސަބަބެއް އެބައޮތްތަ؟
 
ބޯޑަރ ޕެޓްރޯލްކުރުމާއި ސަރވައިލެންސްގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑު
 
ތަފާތު އެއްބަސްވުންތައް އެކިފަހަރުމަތިން ވަނީ ގާއިމް ކުރެވިފައި
 
ދިވެހިންނަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އިންޑިޔާގެ އެހީ ވަނީ ލިބިފައި

އިންޑިޔާއަކީ ދެކުނު އޭޝިޔާގައިވާ އެންމެ ބޮޑު ގައުމެވެ. އެންމެ ބޮޑު ބާރެވެ. ދިވެހިރާއްޖެއަކީ ދެކުނު އޭޝިޔާގައިވާ އެންމެ ކުޑަ ގައުމެވެ. ދިވެހިރާއްޖެއާ އެންމެ ގާތުގައިވާ އެންމެ ބޮޑު އަދި އެންމެ މުހިއްމު އަވަށްޓެރިޔަކީވެސް އިންޑިޔާއެވެ. މިސަބަބަށްޓަކައި އެކި ކަންކަމުގައި އިންޑިޔާގެ އެހީތެރިކަމަށް އަބަދުވެސް އޮންނަނީ އެދެންޖެހިފައެވެ.

ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގައި ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވައްޓަފާޅިޔާއި ސިފަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ބޮޑަސް ކުޑަޔަސް މިހާރު އެންމެހައި ގައުމުތަކަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ ބައިނަލްއަގުވާމީ ޓެރަރިޒަމެވެ. މި އައު ގޮންޖެހުންތަކާއި ކުރިމަތިލުމަށްޓަކައި ކުރިއަށްވުރެވެސް ބޮޑަށް އިންޑިޔާގެ އެހީތެރިކަމަށް ދިވެހިރާއްޖެ ވަނީ ބޭނުންވެފައެވެ. މިދާއިރާގައި ދެމެހެއްޓެނިވި ގޮތަކަށް އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭ ތަފާތު އެއްބަސްވުންތަކެއް އެކިފަހަރުމަތިން ގާއިމުކުރެވުމުގެ ސިއްރަކީ އެއީއެވެ.

ބައެއް މީހުން ސުވާލު އުފައްދައެވެ. އިންޑިޔާއާއި ދިވެހިރާއްޖޭގެ އަސްކަރީ ގުޅުމާއި އެގުޅުންތަކުގައި ކުލަ ޖައްސައިދޭ އެއްބަސްވުންތަކަކީ ރާއްޖެއަށް ބިރަކަށް ނުވާނޭ ބާވައެވެ. މިކަން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ނަގައިލުމަށް ދެވޭ ފުރުސަތަކަށް ނުވާނެބާވައެވެ. މަސައްކަތް މިކުރަނީ މިސުވާލުގެ ޖަވާބު ދެވޭތޯއެވެ. އިންޑިޔާއާއި ދިވެހިރާއްޖޭގެ އަސްކަރީ ގުޅުމަކީ ރައީސް މައުމޫނުގެ ދައުރުގެ ކުރީކޮޅުން ފެށިގެން ބަދަހިވަމުން ގެތެމުން އަންނަ ގުޅުމެކެވެ. އެކި ރައީސުންގެ ދައުރުގައި އެކި ކަހަލަ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރެވިފައެވެ. ކޮންމެ ސަރުކާރެއްގައިވެސް އެކަންކުރަނީ ދިވެހިރާއްޖެ ހިމާޔަތްކުރުމާއި ދިވެހީންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައެވެ.

ދައުލަތުގެ ނަމުގައި ކަންކަން ކުރަން ސަރުކާރަކުން ނިންމައި އަހުދުވީމާ ދެން އަންނަ ސަރުކާރަކަށްވެސް އެ ނިންމުމެއް ދަމަހައްޓަން ލާޒިމުކުރާ ހާލަތު ހުރެއެވެ. ރާއްޖޭގެ ނަމާއި އަބުރާއި ޝަރަފާއި އިތުބާރު ދެމެހެއްޓުންވެސް ހިމެނޭގޮތުންނެވެ. އެހެންވީމާ ރައީސް މައުމޫނުގެ ދައުރުން ފެށިގެން އިންޑިޔާއާއެކު ދިވެހިރާއްޖެއިން ވެފައިވާ މިދެންނެވި ޒާތުގެ އެއްބަސްވުންތަކުގެ ތެރޭގައި މިއަދާހަމައަށް ދެމެހެއްޓިފައިވާ އަދި އަމަލުކުރަމުންދާ އެއްބަސްވުންތައްވެސް އެބަހުއްޓެވެ. އެ އެއްބަސްވުންތަކުގެ މޭވާވެސް އެކިފަހަރުމަތިން ލިބެމުން ނަތީޖާ ހާސިލްވަމުންދެއެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ ތާރީޚަށް ބަލައިލުން

ގުދުރަތީގޮތުން އިންޑިއާއަކީ ރާއްޖެއާއި އެންމެ ކައިރި ގައުމެވެ. ދެ ގައުމުގެ ދެމެދުގައި ހުރި ސަގާފީ އެއްގޮތްކަން ވަރަށް ބޮޑެވެ. މިކަމުގެ ސަބަބުން އަބަދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އިންޑިއާއަކީ ދިވެހިރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް އެއް ގައުމެވެ. ރާއްޖޭގެ އާންމު ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެތި ވަރަށް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް، ރާއްޖެއާއި އިންޑިއާއާ ދެމެދު 1981 ވަނަ އަހަރު ވިޔަފާރީގެ އެއްބަސްވުމެއް ވަނީ ގާއިމު ކުރެވިފައެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބޯޑަރުތައް ބަނދުވެފައިވިޔަސް ރާއްޖެއަށް ކާބޯތަކެތި މެދުނުކެނޑި ދިޔައީ ލިބެމުންނެވެ. ސިއްހީ ބޭނުންތަކަށް ޚާއްސަ ހުއްދައެއްގެ ދަށުން އިންޑިޔާއަށް ދަތުރުކުރެވޭ ފުރަތަމަ ގައުމަށްވެސް ރާއްޖެ ވެގެން ދިޔައެވެ.

ކުރީގެ ސަރުކާރުތަކުންވެސް އުމްރާނީ ތަރައްގީއަށާއި ސަލާމަތީ ކަންކަމަށް އިންޑިއާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް އެދިފައިވެއެވެ. ދިވެހިރާއްޖެއަށް 1988 ވަނަ އަހަރު ކުރިމަތިވި އުދުވާނީ ހަމަލާގައި ދިވެހިރާއްޖެއިން އެހީއަށް އެދުނުތާ 12 ގަޑިއިރުގެ ތެރޭގައި އިންޑިއާ ސިފައިން ދިވެހިންގެ އެހީތެރިކަމަށް އައިސްފައިވެއެވެ.

މާލެއަށް 2014 ވަނަ އަހަރު ކުރިމަތިވި ފެނުގެ ކާރިސާއަކީވެސް މިސާލެކެވެ. އެންމެ 4 ގަޑިއިރުގެ ތެރޭގައި އިންޑިއާގެ ކަނޑުގެ އަދި ވައިގެ ސިފައިން ދިވެހިރާއްޖެއަށް ފެން ފޯރުކޮށްދީފައިވެއެވެ.

ދިވެހިރާއްޖެއިން 2017 ވަނަ އަހަރު ގެއްލިގެން ހޯދަމުން ދިޔަ ކޮޅުވެއްޓިއެއް ކަމަށްވާ މާރިއާ 3 ހޯދުމަށް އެހީތެރިވެދިނުމަށްވެސް ދިވެހި ސަރުކާރުގެ ފަރާތުން އެދުނެވެ. ވަރަށް އަވަހަށް ނަތީޖާވެސް ފެނުނެވެ.

މެޑިކަލް އިވެކުއޭޝަން އަދި ސަރޗް އެންޑް ރެސްކިއުގެ ބޭނުމަށް 2010 ވަނަ އަހަރުން ފެށިގެން އިސީޖީ މޯލްޑިވްސް ދްރުވް ހެލިކޮޕްޓަރު ވަނީ ލ. ގަމުގައި ބާއްވައިދީފައެވެ. ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު ރާއްޖެއަށް ބޭނުންވާ އިންސްޓޮލޭޝަން އެންޑް ކޮމިޝަނިން އޮފް ކޯސްޓަލް ސަވައިލަންސް ސިސްޓަމްގެ އެގްރީމަންޓްގައި ސޮއިކުރެވުނީ 2014 ވަނަ އަހަރުއެވެ.

ދިވެހިރާއްޖޭގައި 2016 ވަނަ އަހަރު ބޭއްވުނު އިންޑިއާ މޯލްޑިވްސް ޑިފެންސް ވޯކިން ގްރޫޕްގެ ބައްދަލުވުމުގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ޑޯނިއަރ އެއަރކްރާފްޓެއް ބޭނުންވާކަމަށް ދިވެހިރާއްޖެއިން ފާހަގަކޮށް މަޝްވަރާކޮށްފައިވެއެވެ. އެކަން އިންޑިޔާއިން ވަނީ ފުރިހަމަވެސް ކޮށްދީފައެވެ.

އިންޑިއަން ނޭވީއާ ގުޅިގެން ދެ ގައުމުގެ ކަނޑުގެ ސިފައިންގެ ހުނަރުވެރިކަމާއި ގާބިލުކަން އިތުރުކޮށް ދެ ގައުމުގެ ކަނޑުގެ ސިފައިން ގުޅިގެން އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަ ކުރުމަށްޓަކައި 1991 ގައި "ދޯސްތީ" ގެ ނަމުގައި އެކްސަސައިޒެއް ކުރިއަށް ގެންދަން ފެށިއެވެ. މިއީ ބޭރުގެ ގައުމެއްގެ އަސްކަރިއްޔާއަކާ ގުޅިގެން ދިވެހި ސިފައިން ރާއްޖޭގެ ސަރަހައްދުގައި ހިންގި ފުރަތަމަ އެކްސަސައިޒެވެ. މި އެކްސަސައިޒްގައި 2012 ވަނަ އަހަރު ސްރީ ލަންކާއިން ބައިވެރިވުމުން މިހާރު ވަނީ ޓްރައިލެޓަރަލް އެކްސަސައިޒަކަށް ބަދަލުވެފައެވެ.

"ޓްރާންސްނޭޝަނަލް" ކުށްތައް ބެލެހެއްޓުމުގައި ޚާއްޞަކޮށް މެރިޓައިމް ސެކިއުރިޓީ، ކައުންޓަރ ޓެރަރިޒަމް އަދި ކައުންޓަރ ޕައިރަސީ، އިންސާނީ ވަގުފާރިކުރުން ފަދަ ކަންކަމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކެކެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވެސް މިފަދަ އެތައް ހާދިސާތަކެއް ހިނގާފައިވެއެވެ. އެހެންކަމުން ބޯޑަރ ޕެޓްރޯލްކުރުމާއި ސަރވައިލެންސްއަކީ ހަމައެކަނި އިންޑިއާ ނުވަތަ އެހެން ގައުމުތަކަށް ފައިދާ ހުރި ކަމެއް ނޫނެވެ. މިއީ ރާއްޖެއަށް ވެސް ފައިދާ ހުރި ކަމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
50%
0%
0%
25%
13%
13%
ކޮމެންޓް
20 ފެބްރުއަރީ 2021 | ހޮނިހިރު 17:27
ޕްރިންސް
ތީ ހުސްޖަރީމާ. ވާނެއެއްވެސް ފައިދާ އެއް ނޯންނާނެ.