ކ. މާލެ
|
18 ފެބްރުއަރީ 2021 | ބުރާސްފަތި 13:40
ކޮވިޑަށް ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލްތަކެއް
ކޮވިޑަށް ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލްތަކެއް
ރޮއިޓަރސް
ކޮވިޑްގެ ވޭރިއަންޓާ ދެކޮޅަށް ކުރަމުންދާ މަސައްކަތް
ކޮވިޑް ވެކްސިނާއި ވޭރިއަންޓާ ދެމެދު ހިނގަމުންދާ ހަނގުރާމަ، ނަތީޖާއިން ފެންނަނީ އުންމީދު
 
ވެކްސިން ޖަހާ މީހުންނަށް ކޮވިޑް ޖެހުނުނަމަވެސް އެމީހުންގެ ފުށުން އެހެން މީހުންނަށް ވައިރަސް ޖެހޭ މިންވަރު ދަށް
 
ފައިޒަރ އިން ބުނެފައިވަނީ ހަރޑް އިމިޔުނިޓީ ލިބޭނެއިރެއް ކަނޑައަޅަން އުނދަގޫވާނެކަމަށް
 
އެންމެ ފުރަތަމަ ދެ ޑޯޒް ޖެހި މީހުންގެ ތެރޭގައި ކޮވިޑްގެ އައު ކޭސްތައް ފެންނަ މިންވަރު ވަނީ 53 އިންސައްތަ ދަށަށްގޮސްފަ
 
3.5 މިލިއަން މީހުންނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ނުވަތަ ފުރަތަމަ ޑޯޒް ދީފައި

ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހާ ހަމައަށް އައިއިރު ދުނިޔޭގެ 79 ގައުމެއްގައި އަންނަނީ ކޮވިޑް-19 ވެކްސިން ޖަހަމުންނެވެ. 181 މިލިއަން ޑޯޒް މިހާތަނަށް އައިއިރު ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ޖަހާފައެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ވެކްސިން ޖަހަމުންދާ ގައުމަކީ އިސްރާއީލެވެ. އިސްރާއީލުން ވެކްސިންޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ.

މިހާތަނަށް އައިއިރު އެގައުމުގައި ވެކްސިން ޖަހަންޖެހޭ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންޖަހާފައެވެ. 3.5 މިލިއަން މީހުންނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ނުވަތަ ފުރަތަމަ ޑޯޒް ދީފައެވެ. އެހެންކަމުން މުޅި ދުނިޔެއަށް ބަލާއިރު މިވަގުތު ކޮވިޑް ވެކްސިނުން ކުރާ އަސަރު އެންމެ ފަސޭހައިން ބަލައިލެވެން އޮތީ އިސްރާއީލުންނެވެ. އެއީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އާބާދީގެ ބޮޑު ބަޔަކަށް އެގައުމުގައި ވެކްސިން ދީފައިވާތީއެވެ.

އިސްރާއީލުގައި ޖަހަމުން އަންނަނީ ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކުން އުފައްދާފައިވާ ފައިޒަރ ވެކްސިނެވެ. އިސްރާއީލުގެ އާބާދީއަށް ވެކްސިނުގެ ސަބަބުން ކުރަމުންދާ އަސަރުތައް ދެނެގަތުމަށް މިހާރު ހެދެމުންދާ ދިރާސާތަކަކީ އަހަރަކަށްވުރެ ގިނަދުވަސްވީ މިޕެންޑަމިކްގައި ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ފުރާނަގޮސްފައިވާއިރު ދުނިޔެއަށް މިވަގުތު އެންމެ މުހިންމު އެއް ދިރާސާއެވެ. ދިރާސާތަކުން ދައްކަމުންދާ ނަތީޖާތަކަށް ބަލާއިރު ފެންނަނީ އުންމީދީ އަދަދުތަކެކެވެ.

އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖެހި އުމުރުން ދުވަސްވީ މީހުންނާއި ރިސްކު ގްރޫޕްތަކުގެ މީހުންނަށް ބަލާއިރު އެމީހުންގެ މެދުގައި ބަލި ފެތުރޭ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަށް ދަށަށްގޮސްފައެވެ. އެގޮތުން އެންމެ ފުރަތަމަ ދެ ޑޯޒް ޖެހި މީހުންގެ ތެރޭގައި ކޮވިޑްގެ އައު ކޭސްތައް ފެންނަ މިންވަރު ވަނީ 53 އިންސައްތަ ދަށަށްގޮސްފައެވެ. އަދި ހަމަ އެގްރޫޕްގެ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރަންޖެހޭ ނިސްބަތްވަނީ 39 އިންސައްތަ ދަށަށްގޮސްފައެވެ. އަދި ޖެނުއަރީ މަހުގެ މެދެއްހާ ހިސާބުން ފެށިގެން ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާ ހަމައަށް އެ ގްރޫޕްގެ މީހުންގެ ތެރޭގައި ބަލީގެ ސީރިއަސް ހާލަތަށްދާ މިންވަރު ވަނީ 31 އިންސައްތަ ދަށަށްގޮސްފައެވެ.

ހަމަ މި މުއްދަތުގައި އުމުރުން 60 އަހަރުން ދަށުގެ މީހުންގެ ތެރެއިން ފަހުން ވެކްސިން ޖެހި މީހުންގެ މެދުގައި އަލަށް ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް ވަނީ 20 އިންސައްތަ ދަށަށްގޮސްފައެވެ. އެހެންނަމަވެސް މިގްރޫޕްގެ ތެރޭގައި ހާލަތު ސީރިއަސްވާ ނިސްބަތް 15 އިންސައްތަ އިތުރުވިއިރު ހޮސްޕިޓަލްގައި އެޑްމިޓްކުރި މީހުންގެ ނިސްބަތް 29 އިންސައްތަ އިތުރެވެ.

ވެކްސިން ޖެހުމުގެ އެންމެ ކާމިޔާބު ޕްރޮގްރާމް މިވަގުތު ދުނިޔޭގައި ހިންގަމުން އަންނަ އިސްރާއީލުން ފެންނަމުންމިދާ މިޑާޓާތަކުން ފެންނަމުންދާ ނަތީޖާ އާއެކު ހަރޑް އިމިޔުނިޓީ ގައުމުތަކަށް ލިބޭވަރު ވާނީ ކިހާ ހިސާބަކުތޯ އެއީ ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލެކެވެ. އިސްރާއީލުން ލިބޭ ޑާޓާތަކަކީ ކުރިން ކްލިނިކަލް ޓްރެއަލްތަކުގައި ފެނުނު ނަތީޖާ އާ އަޅާބަލާއިރު ދުނިޔެއިން ކޮންމެހެންވެސް ބަލަން ބޭނުންވާ ޑާޓާތަކެކެވެ. އެއީ ގިނަ ބަޔަކަށް ވެކްސިން ޖަހަމުން އަންނައިރު ވެކްސިނުން ކުރާ އަސަރު ދެނެގަނެވެން އޮތީމައެވެ.

މިހާރު ލިބެމުންދާ ޑާޓާތަކުން ފެންނަ ނަތީޖާތަކަށް ބަލާއިރު މިއަށްވުރެ ރަނގަޅަށް ހާލަތު ދެނެގަނެވޭނެ ޑާޓާތައް ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ލިބޭވަރު ވާނެކަމަށް ސައިންސްވެރިން ބުނެއެވެ. އެއީ ޒުވާން އުމުރުފުރައިގެ މީހުންނަށް ވެކްސިން ޖަހަން ފަށާފައިވަނީ ފަހުން ކަމަށްވާތީ އެގްރޫޕްތަކުގެ ޑާޓާތައް ކުރިޔަށް އޮތް ދެ ހަފުތާތެރޭގައި ލިބޭނެތީއެވެ. މީގެއިތުރުން ހަކުރު ބަލި ހުންނަ މީހުންނާއި ކެންސަރު ބަލި ހުންނަ މީހުންނާއި މާބަނޑު އަންހެނުންނަށް އަމާޒުކޮށްގެން ވެކްސިން ޖަހާފައިވާއިރު އެޑާޓާތަކަކީ ކްލިނިކަލް ޓްރެއަލްގައި ބޭނުންކުރި މީހުންގެ އަދަދަށްވުރެ ދިހަ ގުނަ އިތުރު އަދަދުތަކެކެވެ.

އެކި ގްރޫޕްތަކުން އެކަށީގެންވާ މިންވަރަށް ޑާޓާތައް ބޭނުންވޭ އެބަ ރަނގަޅަށް ނަތީޖާއާ ހަމައަށް ވާސިލްވުމަށް، އެހާ ހިސާބަށް މިހާރު މިދަނީ
ރެން ބެލިސަރ/ ޗީފް އިނޮވޭޝަން އޮފިސަރ އޮފް އެޗްއެމްއޯ ކްލެލިޓް

އަނެއްކޮޅުން ފައިޒަރ އިންވެސް އަންނަނީ އިސްރާއީލުން ފެންނަމުންދާ ނަތީޖާތައް ކޮންމެ ހަފްތާއަކު ބަލަމުންނެވެ. އެއީ އެ އަދަދުތައް އެހެން ހިސާބުތަކުގައި ވެސް ބޭނުންކުރެވޭނެތީއެވެ.

އެހެންނަމަވެސް ފައިޒަރ އިން ބުނެފައިވަނީ ހަރޑް އިމިޔުނިޓީ ލިބޭނެއިރެއް ކަނޑައަޅަން އުނދަގޫވާނެކަމަށެވެ. އެއީ ވައިރަސް ފެތުރެން ދިމާވާ އެކި ސަބަބުތަކާއި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ އެކި ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. މިސާލަކަށް އިޖުތިމާޢީ ގައިދުރުކަމާއި ކޮންމެ ކޭސް އަކުން ބަލި ފަތުރާ މިންވަރު ފަދަ ކަންކަން ތަފާތުވާނެތީ އެކަން ކަނޑައަޅަން އުނދަގޫވާނެކަމަށް ފައިޒަރ އިން ބުނެއެވެ.

އިސްރާއީލަށް ބަލާއިރު ކޮވިޑްގެ ކޭސްތައް އިތުރުވެގެން ދިޔުމާއެކު އެގައުމު ވަނީ ތިން ވަނަ ފަހަރަށް ލޮކްޑައުންކޮށްފައެވެ. ޔޫކޭ ވޭރިއަންޓާއެކު ކޭސްތައް ފެންނަމިންވަރު އަތްނުފޯރާ ހިސާބުގައިއޮތް އިރު އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހިނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަދި ލުއިދޭކަށް އެގައުމުގައި ނުފަށައެވެ.

ފައިޒަރ ވެކްސިން ޔޫކޭ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ރަނގަޅުކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެއެވެ. އިސްރާއީލުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ހެޒީ ލެވީ ވިދާޅުވީ މިހާތަނަށް އައިއިރު ޔޫކޭ ވޭރިއަންޓާ ދެކޮޅަށް ފައިޒަރ ވެކްސިން މަސައްކަތްކުރާ މިންވަރު އުޅެނީ 90 އިންސައްތަ އާއި 95 އިންސައްތަ އާ ދެމެދުގައި ކަމަށެވެ.

ދެވަނަ ޑޯޒް ދިންތާ އަދި ހަފްތާއެއް މިވީ. އެހެންވީމާ އެއްޗެއް ބުނަން އަދި މާ އަވަސް. ސައުތު އެފްރިކާގެ ވޭރިއަންޓަށް ފައިޒަރ ވެކްސިން މަސައްކަތްކުރާ މިންވަރާއި ގުޅޭގޮތުން އެއްޗެއް ބުނަން އަދި މާއަވަސް
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ހެޒީ ލެވީ

ވެކްސިންޖެހުން ކުރިޔަށް ގެންދިޔަގޮތް:

އިސްރާއީލުން ވެކްސިން ޖަހަން ފަށާފައިވަނީ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ.

އޭގެ ހަތަރު ދުވަސްފަހުން އެގައުމުން ޔޫކޭ ވޭރިއަންޓްގެ ހަތަރު ކޭހެއް ރިކޯޑް ކުރިއެވެ. ވެކްސިންދީގެން އުމުރުން ދުވަސްވީ މީހުންނަށް ވައިރަސް އިން ރައްކާތެރިކަން ހޯދައިދޭއިރު މިހާރު ފެންނަމުންދާ ކޭސްތަކުގެ 80 އިންސައްތަ ކޭހަކީ އައު ވޭރިއަންޓުގެ ކޭސްތަކެވެ.

ވޭރިއަންޓް ފެނުމާއެކު ކޭސްތަކުގެ އަދަދު އިތުރުވާން ފެށިއެވެ. އެހެންކަމުން ވެކްސިންދެމުން ގެންދިޔަ ރޭޓްވެސް މަތިކުރިއެވެ. ވެކްސިން ޖެހުމާއި އައު ވޭރިއަންޓާ ދެމެދު ރޭހެއް ޖަހަން ޖެހޭކަން އެނގުމާއެކު އިސްރާއީލުން އުމުރުން 60 އަހަރުން މަތީގެ މީހުންނާއި އާބާދީގައި ބާކީ ތިބި މީހުންނަށް ވެކްސިން ދޭން ހުޅުވާލިއެވެ.

ވެކްސިން ޖެހުމާ ގުޅޭ ކިތަންމެ ކުޑަކަމެއްވެސް އެގައުމުން ދިޔައީ ރިކޯޑް ކުރަމުންނެވެ. އެގޮތުން ވެކްސިން ޖެހީ މީހާގެ ކޮން އަތަކަށްތޯ އާއި އެމީހާ ގަޔަށް ވެކްސިން ޖެހީ ކޮން ފުޅިއަކުން ނަގައިގެންތޯ ވެސް ދިޔައީ ރިކޯޑް ކުރަމުންނެވެ.

އިސްރާއީލުގައި ސިއްހީ ޚިދުމަތްދޭ މައި އެއްތަން ކަމުގައިވާ މަކާބީން ބުނާގޮތުގައި ފައިޒަރ ވެކްސިންގެ ދެ ވަނަ ޑޯޒް ދިންތާ ހަފްތާއެއް ފަހުން 416،900(ހަތަރު ލައްކަ ސޯޅާހާސް ނުވަސަތޭކަ) މީހުންގެ ތެރެއިން 254 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.

ވެކްސިން ނުދޭ މީހުންގެ ގްރޫޕަކާ އަޅާކިޔާއިރު މިއީ 91 އިންސައްތަ ކާމިޔާބު މިންވަރެއްކަމަށް މަކާބީން ބުނެއެވެ.

ވެކްސިންގެ ދެ ޑޯޒް ދިންތާ 22 ދުވަސްފަހުން މިއިން އެއްވެސް މީހަކަށް ކޮވިޑް ޖެހިފައެއްނުވެއެވެ.

އިސްރާއީލުގެ މާހިރުން ގަބޫލުކުރާ ގޮތުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު މަދުވާން ފަށާފައިވަނީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ވުރެ ބޮޑަށް ވެކްސިން ޖަހަން ފެށުމުންނެވެ. އެއީ ވެކްސިން ޖެހުމުގެ ކުރިން ލޮކްޑައުންގައި އޮތް އިރު ކޭސްތައް ފެނުނު ސިޓީތަކާއި އުމުރު ފުރާތަކާ މިހާރު ފެންނަމުންދާ އަދަދުތަކާއި އަޅާކިޔައިގެންނެވެ.

އެހެންކަމުން މިހާރު ނަންބަރުތަކަށް އައިސްފައިވާ ބަދަލުތަކަކީ ވެކްސިން ޖަހަން ފެށުމުން އައި ބަދަލުތަކެއްކަން ޔަގީންވާކަމަށް މިކަން ދިރާސާކުރަމުންދާ އެއް ތަންކަމުގައިވާ ވިޒްމަން އިންސްޓިޓިއުޓުން ބުނެއެވެ.

އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ވެކްސިންގެ އެއް ޑޯޒް ނުވަތަ ދެ ޑޯޒް ދިނުމާއެކު އަދަދުތައް އަދި އިތުރަށް ކަށަވަރުވެގެންދާނެއެވެ. އެއަދަދުތައް ލިބެން ފަށާނީ މިހަފްތާތެރޭގައެވެ.

ވެކްސިނާއި ކޮވިޑް ފެތުރޭ މިންވަރު:

މިހާރު ފެންނަމުންދާ ނަތީޖާތަކަށް ބަލާއިރު ވެކްސިންޖެހުމުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު ދަށްވަމުން އަންނަކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

އިސްރާއީލުގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގައި އެންމެ ކުރީގައި އުޅޭ ސެންޓަރ ހިންގަމުން އަންނަ މައިހެރިޓޭޖް ރިސަރޗަރސް އިން ބުނާގޮތުގައި ވެކްސިން ޖެހި އެކި ގްރޫޕްތަކުގެ މެދުގައި ވައިރަސް ފަތުރާ މިންވަރު ބޮޑުތަނުން ވަނީ ދަށަށްގޮސްފައިއެވެ. މާނައަކީ ވައިރަސް ޖެހިފައި ހުރި މީހެއްގެ ފުށުން އެހެން މީހުންނަށް ވައިރަސް ޖެހޭ މިންވަރު ވަނީ ވެކްސިން ދިން މީހުންގެ ތެރޭގައި ދަށަށްގޮސްފައެވެ.

އެހެންކަމުން ވެކްސިން ޖަހާ މީހުންނަށް ކޮވިޑް ޖެހުނުނަމަވެސް އެމީހުންގެ ފުށުން އެހެން މީހުންނަށް ވައިރަސް ޖެހޭ މިންވަރު ދަށަށްގޮސްފައިވާކަމަށް މައިހެރިޓޭޖްގެ ޗީފް ސައިންސް އޮފިސަރ ޔަނިވް އަރްލިޗް ވިދާޅުވިއެވެ.

ޖޯންހޮޕްކިންސް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ދިރާސާކުރާ ފަރާތެއްކަމުގައިވާ ސްޓެފަން ބަރަލް ވިދާޅުވާ ގޮތުންނަމަ އިސްރާއީލުން ލިބިފައިވާ ޑާޓާތަކަކީ މިހާ ހިސާބަށް އައިއިރު އެންމެ ރަނގަޅަށް ކަންކަން ބެލިގެން ނެގިފައިވާ ޑާޓާތަކެވެ. އެހެންކަމުން ވެކްސިންގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު ދަށަށް ގޮސްފައިވާކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ސްޓެފަން ވިދާޅުވިއެވެ.

އާންމުހާލަތަށް އަނބުރާ އާދެވިދާނެތަ؟

އިސްރާއީލަކީ މިވަގުތު ދުނިޔޭގައި އެންމެ ހަލުވި މިނުގައި އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދެމުން އަންނަ ގައުމެވެ. އެހެންނަމަވެސް އިސްރާއީލަށް މިކަން މިގޮތަށް ދެމެހެއްޓިދާނެތޯ އެއީ ސުވާލެކެވެ.

އިސްރާއީލްގެ ހެލްތު މިނިސްޓްރީގެ އެޑްވައިޒަރީ ޕެނަލްގެ ހެޑް ބޯޒް ލެވް ވިދާޅުވީ އަވަހަށް އެއްފަހަރާ ގިނަ ބަޔަކަށް ވެކްސިން ދެމުންގެންދާނަމަ ވަކި ހިސާބަކުން އެކަމަށް މަޑުޖެހުމެއް އަންނާނެކަމަށެވެ. އެއީ ކޮންމެ އާބާދީއެއްގައި ވެސް ވެކްސިން ޖަހަން ބޭނުންނުވާ އެކަން ކުރަން އެއްބަސްކުރުވަން އުނދަގޫ ބަޔަކު ތިބޭނެތީއެވެ. އެހެންކަމުން އެއްފަހަރާ ގިނަ ބަޔަކަށް އަވަހަށް ވެކްސިން ޖަހާނަމަ ވެކްސިން ޖަހަން ބޭނުންނުވާ މީހުންނާ ހިސާބަށް އަވަހަށް ދާނެއެވެ. އެއާއެކު ވެކްސިން ޖަހަމުންދާ މިންވަރަށް މަޑުޖެހުމެއް އަންނާނެކަމަށް ބޯޒް ވިދާޅުވިއެވެ.

ޔޫކޭގެ ވޭރިއަންޓާއެކު ވައިރަސް ފެތުރޭ މިންވަރު ކުރިޔަށްވުރެ އިތުރުވެފައިވާއިރު ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމަކަށް މިވަނީވެފައެވެ.

ޔޫކޭ ވޭރިއަންޓާއި ވެކްސިން ޖެހުމާ ދެމެދު ރޭހެއްގައި އުޅޭއިރު އޭގެ އާހިރު ނަތީޖާއަކަށް ވާނީ މިބަލީގެ ސީރިއަސް ހާލަތަށް ބަލާއިރު ވަކި ހިސާބަކުން ވެކްސިނުން ކުރާ އަސަރަށް ބަދަލުތަކެއް ނައިސް ހުރުންކަމަށް ބޯޒް ވިދާޅުވިއެވެ. ވެކްސިނުން ކުރާ އަސަރުތައް ވަކި ހިސާބެއްގައި ހުރުންކަމަށާއި އެއަށް މާބޮޑެތި ބަދަލުތަކެއް ނައުންކަމަށް ބޯޒް ވިދާޅުވިއެވެ.

އެހެންނަމަވެސް ވެކްސިނާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ ވެކްސިން ދީގެން މިޕެންޑަމިކުން އަރައިގަނެވޭތޯއެވެ.

ޖޭރުއްސަލަމްގެ ހިބްރޫ ޔުނިވަރސިޓީގެ މޮލިކިޔުލަރ ބައޮލޮޖީ އެންޑް ބައޯއިންފޮރމެޓިކްސް ޕްރޮފެސަރ އެއްކަމުގައިވާ މިޝަލް ލިނިއަލް ވިދާޅުވާ ގޮތުންނަމަ ފާއިތުވި އަހަރުތަކުގައި މިގޮތަށް ފެނުނު ވައިރަސް ތަކަކީ ސީޒަނަލް ނުވަތަ ބައެއް ސަރަހައްދުތަކުން އެކަނި ފެނިފައިވާ ވައިރަސް ތަކެކެވެ.

މިޝަލް ދެކެވަޑައިގަންނަވާ ގޮތުންނަމަ ކުރިޔަށް އޮތްތަނުގައި ކޮރޯނާވައިރަސް އިން ކުރާ އަސަރުތައް ކުޑަވެގެންދާނެއެވެ. ވައިރަސް ފެތުރޭ މިންވަރު މިހާރަށްވުރެ ދަށަށްދާނެއެވެ. އަދި ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކޮރޯނާވައިރަސްއަށް އިތުރު ވެކްސިންތަކެއް އުފައްދަންޖެހޭނެކަމަށް މިޝަލް ވިދާޅުވިއެވެ.

މިވައިރަސް އަދި ދިގުމުއްދަތަކަށް ދުނިޔޭގައި އުޅޭނެކަމަށް މިޝަލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
67%
0%
0%
0%
33%
ކޮމެންޓް