ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 13:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި ރައީސް ނަޝީދު: ދިވެހިން ބޭނުންވާ ތަރައްގީއަށް ޖަމްޕެއް ޖަހައިދެވޭނީ އެމްޑީޕީ އާއި މި ސަރުކާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި ރައީސް ނަޝީދު: ދިވެހިން ބޭނުންވާ ތަރައްގީއަށް ޖަމްޕެއް ޖަހައިދެވޭނީ އެމްޑީޕީ އާއި މި ސަރުކާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި.
ރާއްޖެއެމްވީ
ތަރައްގީގެ ދުވެލި ހަލުވިކުރުން
ތަރައްގީ ހޯދުމަށް ރައްޔިތުން މިތިބީ އުސް ފުމުމަކަށް އެދިގެންނެވެ.
 
އެވިސްނުމާއި ހުނަރާއި ބުންވަރު ހުރީ އެމްޑީޕީގައެވެ.
 
ކަންކަން ކުރެވޭނީ އެކަމަށް އެކަށީގެންވާ ބަޔަކަށެވެ.
 
މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެއެވެ.

ޖަމްޕު ޖެހުމަކީ ކޮބައިބާވައެވެ. މިޒަމާނުގެ ބަހެކެވެ. މާނައަކީ ފުންމައިގަތުމެވެ. އެއް ހާލަތުން އަވަސްކަމާއެކު އަނެއް ހާލަތަށް ބަދަލުވެގަތުމެވެ. ދަތުރުކުރާން އޮންނަ ރާސްތާ ކުރުކޮށްފައި މަންޒިލަށް ވާސިލްވުމެވެ. ޖަމްޕު ޖެހުމަކީ ހުނަރާއި އުކުޅު ވެސް ބޭނުންވާ ކަމެކެވެ. ކޮންމެ ކޮންމެ މީހަކަށް އަދި ބަޔަކަށް ކުރެވޭ ކަމެއް ނޫނެވެ. ހުނަރާއި ވިސްނުމާއި ތަޖުރިބާއާއި ރޭވުމާއި އަޒުމް ވެސް ހުންނާންޖެހެއެވެ. މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެޔޭ މުސްކުޅި ބަހުގައި ބުނަނީ އެހެންވެގެންނެވެ. ކަމެއް ކުރެވޭނީ އެކަމަކަށް އެކަށީގެންވާ މީހަކަށް ނުވަތަ ބަޔަކަށްކަން އެންގުމަށް ބުނެއުޅޭ ބަހަކީ މިބަހެވެ.

ޖަމްޕު ޖެހުމަކީ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި މެޑަލް ލިބޭ ކުޅިވަރެއްވެސްމެއެވެ. ދިގު ފުމުމާއި އުސް ފުމުމެވެ. މި ފުމުމަކީ ހަމަ ހުރެފައި ކުރެވޭ ކަމެއް ނޫނެވެ. ހުނަރާއި ތަމްރީނު ވަރަށް މަތީ ދަރަޖަޔަށް ބޭނުންވާ ކަމެކެވެ. އެންމެ މައްޗަށް އަދި އެންމެ ދުރަށް ފުންމައިގަނެވޭ މީހާޔަކީ އޮލިމްޕިކް ޗެމްޕިއަނެވެ. ދުނިޔޭގެ ޗެމްޕިއަނެވެ. ދެން އޮންނަ މުބާރާތެއްގައި އެހެންމީހަކު އެއްވަނަ ހޯދުމާ ހަމަޔަށް ދުނިޔޭގެ ތާޖު ހުންނާނީ އެމީހާގެ ބޮލުގައެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގެ މައިތަނބު ކަމަށްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން ރޭ ވަނީ ބާއްވައިފައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް މުހިއްމު ވާހަކަފުޅެއް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި ރައްޔިތުން އެދެނީ މިއަދު ޖަމްޕެއް ޖެހުމަށެވެ. އެ ޖަމްޕަކީ ތަރައްގީ އާއި ކުރިއެރުމަށް ޖަހާ ޖަމްޕެކެވެ. ރައްޔިތުންނާއިގެން މި ޖަމްޕު ޖެހޭނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ސަރުކާރަކީ މިސަރުކާރެވެ. އިތުބާރުކުރާ ސަރުކާރަކީ މިސަރުކާރެވެ. މިކަމުގެ ހުނަރާއި ވިސްނުމާއި އަޒުމްހުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ ކިބައިގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށްވެސް ތެދު ވާހަކަފުޅެކެވެ. ތަރައްގީއާއި ކުރިއެރުމަށްޓަކައި ރާއްޖެ ކުރަމުން މިދާ ދަތުރު އަވަސްކޮށް މަންޒިލަށް އަވަސް ޖަމްޕެއް ޖެހޭނޭ ކަމަށް ރައްޔިތުން ގަބޫލު ކުރާ ސަރުކާރަކީ މިސަރުކާރެވެ. އެހުނަރާއި އަޒުމާއި ވިސްނުމާއި ރޭވުން ހުރިކަމަށް ރައްޔިތުން ގަބޫލުކުރި ވެރިޔަކީވެސް ރައީސް ޞާލިޙެވެ. އެންމެފަހުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހުށަހެޅުއްވި މެނިފެސްޓޯ ބަލައިގެންފައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެމަނިކުފާނު އިންތިޚާބުކުރީ މިސަބަބަށްޓަކައެވެ. ވަގުތު ބޭކާރުނުކޮށް ވީހާވެސް އަވަހަށް ނަތީޖާ ނެރެ ދައްކާނޭކަމުގެ ޔަގީންކަމާއެކުގައެވެ. މެނިފެސްޓޯގައި ހުރި ކަންކަން އަލީގެ ސްޕީޑުގައި ތަންފީޒުވުމުގެ އުންމީދުގައެވެ.

އެހިސާބުން އަދި ނުނިމެއެވެ. މި ޖަމްޕު ޖެހުމަށްޓަކައި ބޭނުންވާ މާހައުލު އުފެއްދުމަށާއި އެހީތެރިވުމަށާއި އެކަމަށް ބޭނުންވާ ހުރިހާ ކަމަކަށް މަގުފަހިކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ވެސް ރައްޔިތުންވަނީ ކޯލިޝަނަށް ދީފައެވެ. ޚާއްސަކޮށް އެމްޑީޕީއަށް ރައްޔިތުން ކުރި އިތުބާރު ބޮޑެވެ. އެޕާޓީއާމެދު ކުރާ އުންމީދު ވެސް ބޮޑެވެ. އެހެންވީމާ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ބަޔަކަށް ދުވަހަކު ވެސް ލިބިފައިނުވާ ކަހަލަ ސުޕަރ މެޖޯރިޓީއެއް ރައްޔިތުންވަނީ އެމްޑީޕީއަށް ދީފައެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީއަށް ވަނީ ދީފައެވެ. މިކަމުން އެކަނިވެސް ރައީސް ޞާލިޙާއި އެމްޑީޕީއަށް ރައްޔިތުން އިތުބާރުކުރާ މިންވަރު ހާމަވެއެވެ. ތަރައްގީ ހޯދުމުގެ ދުވެލި އަވަސްކޮށް ޖަމްޕެއް ޖެހޭނީ އެމްޑީޕީއަށްކަން ރައްޔިތުން ގަބޫލުކުރާކަން ދޭހަވެއެވެ.

ދިގު ފުމުމަކުން ނުވަތަ އުސް ފުމުމަކުން ފުންމައިގަނެގެން އަވަހަށް ވާސިލްވުމަށް ދިވެހިން އެދޭ މަންޒިލަކީ ތަރައްގީއެވެ. އެ ތަރައްގީއަކީ އިޤްތިޞާދީ ދުޅަހެޔޮކަން އިތުރުކޮށް އިޤްތިޞާދު ފުޅާކުރުމެވެ. އާމްދަނީ އިތުރުވުމެވެ. ރައްޔިތުންގެ ޖީބުތައް ފުރުމެވެ. ވަޒީފާތައް އިތުރުވުމެވެ. ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުމެވެ. އަދުލުއިންސާފު ކަށަވަރުވުމެވެ. ތައުލީމީ ހުނަރުވެރި ޒުވާނުންގެ ޖީލުތައް ބިނާކުރުމެވެ. ރައްޔިތުންގެ ތަކުލީފުތައް ކުޑަކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. ލާމަރުކަޒީ ނިޒާމު ފުޅާކޮށް ފުރިހަމަކުރުމެވެ. މިހެންގޮސް ކިތަންމެ ކިތަންމެ ކަމެކެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި ރައީސް ޞާލިޙުގެ މަގު ޗާޓެއް އެބައޮތެވެ. ރައްޔިތުން ބަލައިގެންފައިވާ އަދި ރުހޭ ބަސްދީފައިވާ މެނިފެސްޓޯއެއް އެބައޮތެވެ. ނަތީޖާ ނެރުމުގެ އަމަލީ މަސައްކަތްތައް ފަށައިގެން ދިގު ފުމުމަކަށް ތައްޔާރުވީތަނާ މުޅި ދުނިޔެއަށް ބިންދައިލީ ނުރައްކާތެރިކަމުގެ އިންތިހާއޭ ބުނެވޭ ވަރުގެ ބިޔަ ނާމާން ރާޅެކެވެ. ކޮވިޑުގެ ރާޅުބާނީގެ ތެރޭގައި ދުނިޔޭގެ އެހެން ގައުމުތައްވެސް ކަރުތާފެނަށް ގެނބުނު ގޮތަށް ދިވެހީންވެސް އެރާޅުގެ ތެރޭގައި ތާށިވެއްޖެއެވެ. ތަރައްގީގެ ދުވެލި މަޑުޖެހިއްޖެއެވެ. ޕްލޭންތައް ފަސްކުރާން މަޖުބޫރުވެއްޖެއެވެ. މިއީ ދުރާލާ ތައްޔާރުވެގެން ތިބުމަށް ވަގުތުދިން ރާޅެއް ނޫނެވެ. އިންޒާރު ލިބިގެން އައި ރާޅެއް ނޫނެވެ. ވަކިބައެއްގެ ދެރަކަމުން ނުވަތަ އިހުމާލުން ކުރިމަތިވި ކާރިސާއެއް ނޫނެވެ. މި ތޫފާނުގެ ތެރޭގައި އަހަރަކަށްވުރެ ގިނަދުވަސް ހޭދަވެގެން ދިޔައީއެވެ.

ރައީސް ޞާލިޙުގެ ކެތްތެރިކަމާއި ހުޝިޔާރުކަމާއި ހިކުމަތުއަމަލީގެ އެހީގައި މިބިރުވެރިކަމުން މިންޖުވުމުގެ ކޮޅުމަތި ދިވެހީންނަށް މިހާރު ފެންނާން ފަށައިފިއެވެ. ދިވެހީންނާ ހަމަޔަށް ވެކްސިން އަތުވެއްޖެއެވެ. ވެކްސިނަށް ރައްޔިތުންގެ އިތުބާރު ބޮޑެވެ. އެތިބީ ވެކްސިން ޖެހުމަށް ކިޔޫތައް ދަމާލައިގެންނެވެ. ދާދިއަވަހަށް ކޮވިޑުގެ ބިރުވެރިކަން ފިލައިގެން ހިގައިދާނޭކަމުގެ އުންމީދުތައް ވަނީ އާވެފައެވެ. ފާގަތި ދުވަސްތައް ދެންއޮތީ މާދުރަކު ނޫންކަން މޭރުންވާން ފަށައިފިއެވެ. ތަރައްގީއަށް ވާސިލްވުމުގެ އުސްފުމުމާ މެދު ޔަގީންކަން ވެސް އިތުރުވާން ފަށައިފިއެވެ. ރައީސް ޞާލިޙު ވެސް ވިދާޅުވެފައިވާ ފަދައިން ދިވެހިންގެ ދިރިއުޅުން ދިވެހީންނަށް އަލުން ލިބުމުގެ އުންމީދު އުތުރާއި ދެކުނަށްވެސް މިހާރު ވަނީ ފެތުރިގެން ގޮސްފައެވެ.

ރައީސް ޞާލިޙާއި އެމްޑީޕީއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރުއޮތް ކަމާއި ރައްޔިތުންނާއިގެން ތަރައްގީގެ އަމާޒަށް ދިގުފުމުމަކަށް ދެވޭނީ މިސަރުކާރަށްކަން އިތުރަށް ޔަގީންވެގެންދާނޭ އިމްތިހާނަކަށް ގައުމު މިދަނީ ތައްޔާރުވަމުންނެވެ. އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ތަންފީޒުކުރުމަށްޓަކައި ގިރާކުރާން ޖެހޭ މުހިއްމު އެއް މަރުހަލާޔަކީ ވެސް މި އިންތިޚާބެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޞާލިޙު ވިދާޅުވިފަދައިން އެމަނިކުފާނާއި އަދި އެމްޑީޕީގެ އުންމީދަކީ އަށްޑިހަ އިންސައްތައިގެ ކާމިޔާބީއެކެވެ. މަދުބަޔެއްގެ ހިސާބުޖެހުން ފިޔަވައި އެހެން ހުރިހާ ހިސާބުޖެހުންތަކުން ވެސް ފެންނަނީ ރައީސް ޞާލިޙު އެވިދާޅުވި ކަހަލަ ނަތީޖާއެކެވެ. އެ ނަތީޖާއާއެކު ރައްޔިތުން ބޭނުންވާ ޖަމްޕު ޖެހޭނޭކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
33%
0%
67%
ކޮމެންޓް
25 ފެބްރުއަރީ 2021 | ބުރާސްފަތި 11:04
Sappe
Faaithuvi 4mas there 40rashah araifin 1in 4 ah mashroou nuhingaa eh rah ves neh ufaave manzaru thah fenunyma