ކ. މާލެ
|
13 ފެބްރުއަރީ 2021 | ހޮނިހިރު 16:43
އިޖުތިމާއީ ގައިދުރުކަން އިސްކުރުމަކީ މުހިއްމު ކަމެއް
އިޖުތިމާއީ ގައިދުރުކަން އިސްކުރުމަކީ މުހިއްމު ކަމެއް
ރާއްޖެއެމްވީ
ކޮވިޑް-19ން ރައްކާތެރިވުމަކީ އެންމެންގެ ޒިންމާއެއް
އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެއެވެ
 
އެނދުމަތި ކުރެވޭ މީހުންގެ އަދަދުތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވޭ
 
ޑރ ނަޒްލާ ވަނީ ރާއްޖެ އޮތީ "ކްރިޓިކަލް" ޙާލަތެއްގައިކަން ބަޔާން ކުރައްވާފައި

އިސް ރަށްވެހިން ބުނާތީ އިވެއެވެ. އިހަށް ނުވި ރައްކަލެއް ފަހުން ނުވެނޭނެއެވެ. ތެދެކެވެ. ދަތި ވަގުތެއް އައިސްދާނެ ކަން އެނގިހުރެ އެކަމާމެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފިނަމަ ދަތިކަން އައުމުން އެކަމުން އަރައިގަތުމަށް ފަސޭހަވާކަން މިއީ އެންމެން ވެސް ގަބޫލު ކުރާނެ ހަގީގަތެކެވެ. އަދި އެކަމަކަށް ތައްޔާރުނުވެ، ރައްކާތެރި ނުވާ މީހާއަށް އެކަމުން އަރައިގަތުމަށް އިތުރު ތަކުލީފުތަކާއި ކުރިމަތިލާން ޖެހޭކަން މިއީވެސް އެންމެން ގަބޫލުކުރާ ހަގީގަތެކެވެ.

ކޮންމެއަކަސް މިއަދު ކުރިމަތި ވެފައިމިވަނީ ބޮޑު ކާރިސާއަކާއެވެ. ކޮވިޑް-19ގެ ބިރުވެރިކަމުން ވަށާލެވި މުޅި ދުނިޔެ އެ ބިރުވެރިކަމުގައި ޣަރަގުވެގެން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއަކަށް ވަނީ ވެފައެވެ.

މިއަދު ރާއްޖޭގެ ހާލަތަށް ބަލާލުމުންވެސް ފެނިގެންދަނީ މި ބަލިމަޑުކަމުން އަރައިގަތުމަށް މުޅި ގައުމު ކުރަމުންދާ މަސައްކަތެވެ. ބައެއް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމުގައި ވީނަމަވެސް އަނެއްބައި ރައްޔިތުން ތިބީ މިހާލަތުން އަރައިގަތުމަށް ފެން ބޮވައިގެންފައެވެ. އެންމެ ފުރަތަމަ މި ގައުމުން ކޮވިޑް ފެނުނީއްސުރެ ރާއްޖޭގެ ސިއްހީ މާހިރުންނާއި ކަމާބެހޭ އިދާރާތަކުންނާއި ރައްޔިތުން ކުރަމުންދިއަ މަސައްކަތުން ރާއްޖެއަށް ބިންދާލި ކޮވިޑް-19ގެ ދެ ރާޅުންވެސް އަރައިގަނެވުނެވެ.

ނަމަވެސް މިއަދު ހާލަތުވަނީ ވަރަށްވެސް ގޯސްވެފައެވެ. ކޮވިޑުގެ ތިންވަނަ ރާޅެއް އައިސް މުޅި ގައުމު އަނެއްކާވެސް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލީއެވެ. ސިއްހީ މަސައްކަތްތެރިންނާއި އިދާރާތަކުގެ ކަންބޮޑުވުން އިންތިހާއަށް ހިނގައްޖެއެވެ. ބަލި މީހުންނަށް ޚާއްސަކުރެވިފައިވާ އެނދުތައް ފުރިއްޖެއެވެ.

މިކަމާ ގުޅިގެން ރައްޔިތުނަށް ކެނޑިނޭޅި އިރުޝާދު ދެއްވަމުން ގެންދަވާ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން މިހާރު ފެންނަމުންދާ ކޮވިޑް ކޭސްތަކަށް ބަލާއިރު، މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކޮވިޑް-19 ރާޅުކަމަށެވެ.

އެގޮތުން ހުކުރު ދުވަހު ޑރ ނަޒްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ފެންނަމުންދާ ރާޅަކީ މިހާތަނަށް ރާއްޖެއަށް ފެނުނު އެންމެ ނުރައްކާތެރި ކޮވިޑް ރާޅުކަން ޔަޤީންކަމާއެކު ވިދާޅުވެވިދާނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރެވޭ މީހުންގެ އަދަދުތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު، ހޮސްޕިޓަލުތަކުގެ ބެޑް ކެޕޭސިޓީ ފުރެމުންދާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި މިވަގުތު ބާކީ ހުރީ މަދު އެނދުތަކެއްކަަމަށްވެސް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވަނީ ރާއްޖެ އޮތީ "ކްރިޓިކަލް" ޙާލަތެއްގައިކަން ބަޔާން ކުރައްވާފައެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރުމުގައި އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރައްވަމުން ޑރ ނަޒްލާ ވަނީ އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެކަން ހަނދުމަ ކޮށްދެއްވާފައެވެ.

ރާއްޖެއިން މިހާރު ފެންނަމުންދާ ކޮވިޑް ކޭސްތައް އުޅެނީ 100ން މަތީގައެވެ. އަދި ކޮންމެ ދުވަހަކުވެސް މާލެ ސަރަޙައްދުން އެތައް ބަޔަކު ޕޮޒިޓިވްވަމުންދާއިރު، އަތޮޅު ތެރެއަށްވެސް ވަނީ ބަލި ފެތުރިފައެވެ. އަދި މާލެ ސަރަޙައްދުގެ އިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ވެސް ވަނީ ކާފިއު ހިންގަން ފަށާފައެވެ.

މި ބަލިމަޑުކަމުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެނެވެ. ހުރިހާ ދިވެހިން އެކުގައި ފުރަތަމަ އަދި ދެވަނަ ރާޅުން ވެސް އަރައިގަތީ ކަމާބެހޭ އިދާރާތަކުގެ ލަފާއަދި އިރުޝާދުގެ މަތިންނެވެ. އަނެއްކާވެސް އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު މިވަނީ އައިސް ޖެހިފައެވެ. ވުމާއެކު ރައްކާތެރިވުމަށް ފިޔަވަޅު އަޅާ، އަންގާ އެންގުންތަކަށް އިޖާބަދީ އެންމެން އެކުގައި މިކަމުން އަރައިގަންނަން މަސައްކަތް ކުރުމަކީ ހަމަ ކޮންމެ މީހެއްވެސް ފަރުދީ ވާޖިބެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް