ކ. މާލެ
|
12 ފެބްރުއަރީ 2021 | ހުކުރު 11:50
މުހައްމަދު އިނާން އިސްމާއިލް
މުހައްމަދު އިނާން އިސްމާއިލް
ރާއްޖެއެމްވީ
ހިރިޔާ ސްކޫލްގެ ކެޕްޓަން - އިނާން
އިނާންގެ އުންމީދު: އޯލެވެލް ގަދަ ދިހައެއްގައި ހިމެނޭ ހިރިޔާ ސްކޫލްގެ ފުރަތަމަ ކެޕްޓަނަށްވުން!
 
އިނާން ވަނީ 2019 ވަނަ އަހަރު ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނެއްގެ މަގާމު އަދާކޮށްފައި

15 ސެޕްޓެންބަރު 2009 ގައި ހުޅުވިގެންދިޔަ ހިރިޔާ ސްކޫލަކީ ޖަޕާނު ސަރުކާރުގެ އެހީގައި ޢިމާރާތް ކޮށްފައިވާ ސްކޫލެކެވެ. މި ސްކޫލް 2009 ވަނަ އަހަރު ރަސްމީކޮށް ހުޅުއްވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. އުމުރުން ހަނގު ސްކޫލެއް ނަމަވެސް އެހެން ސްކޫލްތަކެކޭ އެއްފަދައިން މި ސްކޫލުން ވެސް ކުދިން ކުރިއަރުވާ، ސްކޫލަށް ރީތި ނަން ހޯދައިދިނުމަށްޓަކައި ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މެނޭޖްމަންޓުން ވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއެވެ.

ހިރިޔާ ސްކޫލްގައި ގްރޭޑް 10 ގައި މިހާރު ކިޔަވަމުންދާ މުހައްމަދު އިނާން އިސްމާއިލް ވެސް ސްކޫލްގެ ކެޕްޓަންކަމާ ހަވާލުވީ ސްކޫލަށް ރީތި ނަން ހޯދައި ދިނުމުގެ އަޒުމުގައެވެ. ގްރޭޑް އެކަކުން ފެށިގެން ހިރިޔާ ސްކޫލްގައި ކިޔަވަމުން އަންނަ އިނާން އަކީ އޭރު އެންމެ ފުރަތަމަ ފިރިހެން ކުދިންގެ ބެޗްގައި ހިމެނުނު ކުއްޖެކެވެ. 2019 ވަނަ އަހަރު ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންކަން ވެސް ހޮވިފައިވާ އިނާން ވަނީ ސްކޫލްގެ އެކި މުބާރާތްތަކުގައި އަދި އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އެކި ވަނަތައް ހޯދާފައެވެ. އެގޮތުން ކެރަމް ޓޯނަމެންޓާއި ހޭންޑް ބޯލް ޓޯނަމެންޓްގެ އިތުރުން ވޮލީ ބޯލް ޓޯނަމެޓްގައި ވެސް އިނާން ވަނީ ބައިވެރިވެ ވަނަތައް ހޯދާފައެވެ.

އިނާން ބުނިގޮތުގައި ސްކޫލްގެ ކެޕްޓަންގެ މަޤާމަށް ޝައުޤުވެރިކަން އުފެދިގެން ދިޔައީ ޑެޕިއުޓީ ކެޕްޓެންގެ ގޮތުގައި ސްކޫލްގައި އުޅުނުއިރުއެވެ. ގްރޭޑް ހަޔަކުން ފެށިގެން ކެޕްޓަނެއްގެ މަޤާމަށް އައުމަށްޓަކައި އިނާން ވަނީ ގަދައަޅާ މަސައްކަތްކޮށްފައެވެ. އެ މަސައްކަތް ފަށައިގަތްއިރު ގޮންޖެހުންތަކާ ކުރިމަތިވިނަމަވެސް ހިތްވަރުދޫނުކޮށް އިނާން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ޖެހި ޖެހިގެން ތިން އަހަރު ފްރިފެކްޓްކަން ނުލިބުމުން މާޔޫސްވިކަން ފާހަގަކޮށް އިނާން ބުނީ އޭރުވެސް ހިތުގައި އޮންނަނީ "ހިތްވަރު ދޫނުކުރުމަށް" ކަމަށެވެ. ސްކޫލްގެ ކެޕްޓަނަކަށްވުމުން އެއީ އިނާން ޒަމާނުއްސުރެން ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ވިކަމެކެވެ. ކެޕްޓަން ކަމަށް އިނާން ހޮވުމުން ޓީޗަރަކު އިނާން ކައިރީގައި ބުނި ވާހަކައެއް އަބަދުވެސް ހަނދާނުގައި ހުރެއެވެ. އެއީ ހިރިޔާ ސްކޫލުން އޯލެވެލް އިމްތިހާނުގެ ގަދަ ދިހަގައި ކެޕްޓަނެއް ހިމެނިފައިނުވާތީ ސްކޫލަށް އެ ޝަރަފު އިނާން ހޯދައި ދިނުމެވެ. އެ މުދައްރިސްގެ އުންމީދަކީ ހިރިޔާ ސްކޫލްގެ ކެޕްޓަނަށް އެ ލަޤަބު ލިބުމެވެ. އިނާންގެ އުންމިދަކީ ވެސް މުދައްރިސް ބުނި ފަދައިން ހިރިޔާ ސްކޫލުން އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނޭ ފުރަތަމަ ކެޕްޓަނަށްވުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
89%
0%
11%
0%
0%
ކޮމެންޓް