ކ. މާލެ
|
10 ފެބްރުއަރީ 2021 | ބުދަ 13:48
އުމުރުން 117 އަހަރުވީ ލުސީލާ ރެންޑޮން: ކޮވިޑު ޖެހިފައި އަލާމާތެއް ވެސް ފާޅުނުވެ މިހާރު ވަނީ ގަދަވެފައި.
އުމުރުން 117 އަހަރުވީ ލުސީލާ ރެންޑޮން: ކޮވިޑު ޖެހިފައި އަލާމާތެއް ވެސް ފާޅުނުވެ މިހާރު ވަނީ ގަދަވެފައި.
އޭއެފްޕީ
ކޮވިޑްޖެހުނު އެންމެ މުސްކުޅި މީހާ
އުމުރުން 117 އަހަރުވީ މީހެއްގެ ތަޖުރިބާ: ކޮވިޑު ޖެހުނުހެން ހީވެސްނުވެއެވެ.
 
އޭނާގެ ކަންބޮޑުވުމަކީ އެހެން މީހުންނަށް މެދުވެރިވެދާނޭ ނުރައްކާތަކެވެ.
 
ލުސީލާ ރެންޑޮންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފާޅެއްނުވޭ
 
ޔޫރަޕުގައި ހުރި އެންމެ މުސްކުޅި މީހާއަށް ކޮވިޑު ޖެހުނުކަން އޭނާއަށް ވެސް ރޭކާނުލާ

ޔޫރަޕުގެ ގައުމެއްގައި މިހާރު ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ މީހަކީ ފަރަންސޭސި އަންހެނެއް ކަމުގައިވާ ލުސީލާ ރެންޑޮންއެވެ. އޭނާގެ އުމުރަކީ 117 އަހަރެވެ. ހުސްވި ޖަނަވަރީ މަހުގެ ސޯޅަ ވަނަ ދުވަހު އޭނާ ކޮވިޑަށް ޕޮޒިޓިވްވިއެވެ. ސިއްހީ މާބޮޑު މައްސަލަތަކެއް ކުރިމަތިނުވެ އެބަލިން އޭނާ މިހާރު ވަނީ މުޅިން ގަދަވެފައެވެ.

ލުސީލާގެ އުމުރާއި އޭނާގެ ރިކޯޑުތަކަށް ބަލާފައި ކޮވިޑުން އޭނާ ގަދަވިގޮތް ނޫސްތަކަށް މިހާރު ދަނީ އަރަމުންނެވެ. ފަރަންސޭސި ނޫހަކަށް ދިން އިންޓަވިޔުއެއްގައި ލުސީލާ ބުންޏެވެ. އަހަރެންނަށް ކޮވިޑު ޖެހުނުހެން ހީވެސް ނުވެއެވެ. ނަތީޖާ ޕޮޒިޓިވް ވުމުގެ ކުރިން ކޮވިޑު ފޮށިއްޖެކަން ނުވެސްދެނަހުރީމެވެ.

ލުސީލާ ދިރިއުޅެނީ ފްރާންސްގެ ޓުލޮންގައިވާ ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ މަރުކަޒެއްގައެވެ. އޭނާގެ ލޮލަށް ކުރީއްސުރެވެސް ނުފެނެއެވެ. ނުހިނގެއެވެ. އެހެންވެ އެއްތަނުން އަނެއްތަނަށް ގެންދަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

ލުސީލާއަށް ކޮވިޑު ޖެހުނީމާ އޭނާ އަލުން ގަދަވެދާނެތޯ ސުވާލު ވެސް އުފެދުނެވެ. އެއީ އުމުރުގެ ދޮށީ ކަމުންނެވެ. އެކަމަކު ކޮވިޑު ޖެހިފައިވާ މީހަކަށް ވެގެން އައިސޮލޭޓް ކުރުމުގެ އިތުރަށް އެހެން އެއްވެސްކަމެއް ކުރާކަށް ނުޖެހުނެވެ.

ލުސީލާ ދިރިއުޅޭ މަރުކަޒުގެ ފަރާތުން ބުނެފައި ވަނީ ކޮވިޑު ޖެހިފައިވާކަން އެނގުމުން ވެސް ލުސީލާ ބިރުގަނެ ހާސްވެގެން ނޫޅޭ ކަމަށާއި، އޭނާގެ ކަންބޮޑުވުމެއް އޮތިއްޔާ އެކަމަކީ މަރުކަޒުގައި ދެންތިބި މީހުންގެ ސިއްހަތު ކަމުގައެވެ. މަރުވެދާނެތީ ހާސްވުމެއް ނެތްކަމަށާއި، އެކަމަށް ކުރީއްސުރެ އެ ހުންނަނީ ތައްޔާރުވެގެން ކަމަށް ވެސް ބުނެފައިވެއެވެ.

ލުސީލާއަކީ ޔޫރަޕުގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ ކަމަށް ވުމުގެ އިތުރަށް އޭނާއަކީ މުޅިދުނިޔޭގައި ވެސް ހުރި ދެވަނަޔަށް އެންމެ ދުވަސްވީ މީހާއެވެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ މީހަކީ ޖަޕާނުގެ އަންހެނެއްކަމުގައިވާ ކާނޭ ޓަނަކާއެވެ. އުމުރަކީ 118 އަހަރެވެ.

ކޮވިޑުގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ބަލައިގެން ހައިރިސްކު ގިންތިއަށް ވެސް ލައިގެން އުޅެނިކޮށް 117 އަހަރުވީ ލުސީލާގެ ފަރާތުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ހުމެއް ވެސް ނައިސް އެއްވެސް އަލާމާތެއް ވެސް ފާޅުނުވެ އޭނާ ގަދަވީއެވެ. ލުސީލާގެ 117 ވަނަ އުފަންދުވަސް ފާހަގަކުރުން އޮތީ މާދަމާއެވެ. ކުރީ އަހަރުތަކާ ޚިލާފަށް މިފަހަރުގެ އުފަންދުވަސް ފާހަގަކުރުން އޮތީ ވަރަށް މަދުބަޔަކާއެކީގައެވެ. އެއީ ކޮވިޑުގެ ސަބަބުންނެވެ.

ފަރަންސޭސި ޓީވީއަކަށް ދިން އިންޓަރވިޔުއެއްގައި ހުސްވި ހަފުތާގައި ލުސީލާ ބުނެފައިވަނީ މަރުވެދާނެތީ ބިރުގަތުމަކީ އޭނާގެ ސިފައެއް ނޫންކަމަށެވެ. ދުނިޔޭގައި ހުރެގެން މިގޮތަށް އިންޓަރވިޔު ދީދީފައި އުޅެވޭތީ އުފާކުރާ ކަމަށާއި އެކަމަކު މިހާރު ބޮޑަށް އެދެވެނީ އަނެއް ދުނިޔެ ކަމަށް ވެސް ބުންޏެވެ. އެ ދުނިޔެއަކީ އޭނާގެ މައިންބަފައިންނާއި ކާފަމާމަމެން މިހާރު ތިބި ދުނިޔެ ކަމަށް ވެސް ބުންޏެވެ.

ކޮވިޑުން ދާދިފަސޭއިން ސަލާމަތްވި ލުސީލާއަކީ މުޅިދުނިޔޭގައި 1918 ން 1920 ށް ފެތުރުނު ސްޕެނިޝް ފްލޫ ވެސް ތަޖުރިބާކޮށްފައިވާ މީހެކެވެ. އެ ބަލިމަޑުކަމުގެ ހަތަރު ރާޅު ދުނިޔެއަށް ބިންދައިލުމުގެ ސަބަބުން ސާޅީހަކަށް މިލިޔަން މީހުން ދުނިޔޭގެ ކަންކޮޅުތަކުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް