ކ. މާލެ
|
7 ފެބްރުއަރީ 2021 | އާދީއްތަ 18:12
ކޮށިދަރުގޭ ދެވަނަ ފަންގިފިލާ އަށް ވަންނަ އިރު ފެންނަ ގޮތް
ކޮށިދަރުގޭ ދެވަނަ ފަންގިފިލާ އަށް ވަންނަ އިރު ފެންނަ ގޮތް
ޝުރުފާ މުހައްމަދު
އައްޑޫ ތާރީހު
ފިރާގުގެ ހަޒާނާ: ކޮށިދަރުގެއިން އައްޑޫ ތާރީހުގެ ފަތްފުއްތައް
 
އޭނާ ބޭނުންވަނީ ރަސްމީކޮށް ދާރުލް އާސާރެއް ހުޅުވަން

ބޭރުން ބަލާލާއިރު އެތަނުގައި އެފަދަ ޚަޒާނާއެއް ހުރެދާނޭ ހީވެސް ނުވާނެއެވެ. ހަނި ސިޑިއަކުން އަރައިގެން ގޮސް ކުޑަ ދޮރަކުން ވަދެވޭގޮތަށް މަތީ ފަންގިފިލާގައި ހުރި އެ ޚަޒާނާ އަކީ އިބްރާހިމް ފިރާގު އޭނާގެ މުޅި ދިރިއުޅުމަކީ އެއީ ކަމުގައި ދެކެވަޑައިގަންނަވާ ދާރުލްއާސާރެކެވެ.

މާލޭގައި މީހުން ދިރިއުޅޭ އާދައިގެ ގެއްގައި ހުންނަ ކުޑަ ކޮޓަރިއެއް ވަރުގެ އެ ތަންކޮޅު ފުރިފައި ހުރީ އަގު ނުކުރެވޭ ވަރުގެ އާސާރީ ތަކެތިންނެވެ. ފިރާގުގެ އުމުރުން ގާތްގަނޑަކަށް 28 އަހަރު ހޭދަކުރައްވައިގެން އޭނާ އެއްކުރެއްވި މި ޚަޒާނާ އަކީ އޭނާ އަމިއްލަ ނަފްސު ދެކެ ނުވާ ލޯބި އެއެއްޗަކަށް ދެވޭ ތަނެކެވެ.

އިބްރާހިމް ފިރާގު

އެ ކުޑަ ކޮޓަރި ވަށައިގެން ބަލާއިރު އެތަނުގައި ނެތް އެއްޗެއް ނެތެވެ. އައްޑޫގައި އިނގިރޭސީން އުޅުނު ޒަމާނުގެ ހަނދާންތަކާއި އެދުވަސްވަރުގެ ސާމާނުން އެތަން އޮތީ ފުރިފައެވެ. އޭރު ބޭނުންކުރި އިސްތިރިތަކާއި ގަޑިއާއި އެ ޒަމާނުގައި އިނގިރޭސި ރާނީ ރާއްޖެ ވަޑައިގެންނެވި ފޮޓޯތަކާއި މީހުންގެ ބޮލުގައި އެޅި ތާކިހާތަކުން ގޮސް ފެންބުއި ތަށިތަކާއި ފައިސާ ފޮތިތައް ވެސް އެތަނުގައި ހުއްޓެވެ.

ފިރާގު އޭނާގެ "ފުރާނަ"އިގެ ގޮތުގައި ސިފަކުރައްވާ އެ ކުޑަ ކޮޓަރިއަކީ އަގު ނުކުރެވޭ ވަރުގެ ބޮޑު ޚަޒާނާއެކެވެ.

މިކަމަށް ޝައުގުވެރިކަން އުފެދުނީ، ގޭގަ މިކަހަލަ އެއްޗެހި ވަރަށް ގިނައިން ހުރި، ދެން ވާގޮތަކީ އޭރު ކާބަފައިން ގެންގުޅުނު ތަކެތިވީމަ އެ ތަކެތި ރައްކާކުރުމުގެ ޝައުގު ހުރި. އެންމެ ފުރަތަމަ ރައްކާކުރަން ފެށީ އެ. ފުރަތަމަ މިހެންނެއް ނޫން ގެންގުޅުނީ ވެސް ގޭގެ އެތައް މިތަނުގަ. ދެން ފަހުން މިތަންކޮޅު ހަދައިގެން މިތަނަށް ލީ.
އިބްރާހިމް ފިރާގު

މި ތަކެތި ރައްކާކުރަން ފަށައިގެންނެވި ގޮތުގެ ވާހަކަ ފިރާގު ހިއްސާކުރެއްވި އިރު މިއީ ހަމަ މީހަކު އެކަނި ކުރާ ހިތުން ކޮށްފާނެ ކަމެއްބާއޭ ވެސް ހިތަށް އަރައެވެ. އޭނާ ވިދާޅުވިގޮތުގައި ކާފަގެ ތަކެތި ފޮރުވަމުން ގޮސް އެ ޝައުގު އުފެދި ދެން ހޯދި ތަކެއްޗަކީ އެތަން މިތަނުން ރެޔާ ދުވާލު އުޅެގެން ހޯދާފައިވާ ތަކެއްޗެވެ.

ފިރާގުގެ ހަޒާނާއިން ބައެއް ތަކެތި
ވަރަށް ބޮޑު އުނދަގޫތަކާ ދިމާވި ބައެއް އެއްޗެހި ހޯދަން. ބައެއް ފަހަރު އެއްޗެހި ގަންނަން ވެސް ދިމާވި. ބައެއް އެއްޗިއްސަކީ ދެން ރައްޓެހި ގޭގެއިން ލިބިފަ ހުރި އެއްޗިއްސާ، މީހުން އުކާލާފަ ހުރި އެއްޗެހި ވެސް އަޅުގަނޑު ގެނަސް ރައްކާކޮށްފައި ހުންނާނެ.
އިބްރާހިމް ފިރާގް

ގޭގައި އޭނާ ހައްދަވާފައިވާ ކުޑަކުޑަ ތަންކޮޅެއްގައި އެތަކެތި ރައްކާކުރެވިފައިވާއިރު މިހާރު ފިރާގު އެންމެ ބޭނުންފުޅުވަނީ އެ މަސައްކަތް ރަސްމީކޮށް ދާރުލްއާސާރެއްގެ ގޮތުގައި ހުޅުވޭނެ ދުވަހެއް ފެނުމެވެ. މިހާރު ވެސް ބަލާލަން ބޭނުން ކޮންމެ މީހަކަށް އޭނާ އެ ފުރުސަތު ފަހިކޮށްދެއްވި ނަމަވެސް ރަސްމީ ސިފައެއްގައި އެތަން ފުޅާކޮށް ބޮޑުކޮށް ހުޅުވޭނެ ދުވަހެއްގެ އިންތިޒާރު އެބަކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
50%
50%
0%
0%
0%
0%
ކޮމެންޓް