ކ. މާލެ
|
7 ފެބްރުއަރީ 2021 | އާދީއްތަ 15:35
ޅ. ފެލިވަރުގައި ހުންނަ ދަޅުމަސް ބަންދުކުރާ ކާރުޚާނާ
ޅ. ފެލިވަރުގައި ހުންނަ ދަޅުމަސް ބަންދުކުރާ ކާރުޚާނާ
ރާއްޖެއެމްވީ
ރިޔާސީ ބަޔާން: މަސްވެރިކަން
ރިޔާސީ ބަޔާން: ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ވެސް ވިންދު ޖަހަޖަހާ އޮތީ މަސްވެރިކަން
 
މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު
 
ބޮޑުކަންނެލި ގަނެ ބޭރު ކުރާ 6 ފަރާތަކަށް 55.3 މިލިއަން ރުފިޔާ، ލޯނުގެ ގޮތުގައި ސަރުކާރުން ދޫކުރި

ކޮވިޑް 19 ގެ ބަލިމަޑުކަން ޖެއްސި އިގްތިޞޯދީ ގިލަންވެެރި ކަމުގައި އެހެން ޞިނާއަތްތައް ހުއްޓިގެން ދިޔައެވެ. އެހެންނަމަވެސް ވިންދު ޖަހަޖަހާ އޮތީ މަސްވެރިކަމުގެ ޞިނާޢަތު ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ޞޯލިހުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުވުމަށް ބޭނުންވާ މުހިންމު ފިޔަވަޅެއް ނިިމިދިޔަ 2020 ވަނަ އަހަރު އެޅިފައިވާކަން ވެސް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ.

ކަންކަން އޮބަހައްޓާ ހިފެހެއްޓުމަށްވުރެ ތަބީޢަތުގެ މަގުން އެކަންކަން ހިނގަމުން ދިއުމަށް ފަހިކުރުމުގެ ނަތީޖާ ރަނގަޅުކަން އެއީ ހަގީގަތެކެވެ. ވަކިބަޔަކަށް ނޫނީ މަސްނުގަނެވޭ ގޮތަށް އޮތުމުގެ އެކްސްކްލޫސިވިޓީ މިދިޔަ އަހަރު އުވާލެއްވިއެވެ. ކެރިކުޅަދާނަ ކޮންމެ ފަރާތަކުން މަސްގަނެ އެވިޔަފާރީގެ ތެރެއަށް ވަނުމަށް މިހާރު ހުރަހެއް ނެތެވެ.

މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯރޓް ކުރާ ބައެއް ތަކެތިން ސަރުކާރަށް ނަގަމުން އައި އިމްޕޯރޓް ޑިއުޓީގެ ސަބަބުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދަތިތަކެއް ހުއްޓެވެ. އެދަތިތައް ލުއި ކުރުމަށްޓަކާ އެބާވަތްތަކުން ސަރުކާރަށް ނަގަމުން އައި އިމްޕޯރޓް ޑިއުޓީ ކަނޑާާލެއްވުމަށް ރައީސް އިބްރާހިމް މުޙަންމަދު ޞޯލިހް ނިންމަވާ އެގޮތަށް ދަނީ ޢަމަލު ކުރެވެމުން ނެވެ.

މަހުގެ ތެރެއިން، ބޮޑު ކަންނެއްޔަކީ ބޮޑު އާމްދަނީއެއް ލިބޭ، މަސްވެރި އާބާދީގެ ބޮޑުބައެއް ނިސްބަތްވާ ދާއިރާ އެކެވެ.

ކޮވިޑްގެ ހާލަތުގައި ބޮޑުކަންނެލި ގަންނަ ފަރާތްތައް ހެޔޮހާލުގައި ނެތިއްޔާ ކަންނެލި ބާނާ މަސްވެރިންގެ އާމްދަނީ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އޮތެވެ. އެހެންކަމުން ބޮޑުކަންނެލި ގަނެ ބޭރު ކުރާ 6 ފަރާތަކަށް 55.3 މިލިއަން ރުފިޔާ، ލޯނުގެ ގޮތުގައި ފާއިތުވި 2020 ވަނަ އަހަރު ސަރުކާރުން ދޫކޮށް މަސްވެރިންގެ އާމްދަނީ ފެންމަތީގައި ހިފެހެއްޓުނެވެ.

ވޭތުވެދިޔަ 2020 ވަނަ އަހަރަކީ، އޭގެ ކުރިން ފާއިތުވި 14 އަހަރުގެ ތެރޭގައިވެސް މިފްކޯ އަށް އެންމެ ގިނަ މަސް ކިރި އަހަރެވެ. ޖުމްލަ 49 ހާސް މެޓްރިކް ޓަނުގެ މަސްކިރައި އޭގެ އަގުގެ ގޮތުގައި ޖުމްލަ 879 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވުނެވެ. ބާނާ މަސް ގިނަވެ، އޭގެ އަގުގެ ގޮތުގައި ގިނަ ފައިސާ ދައްކަން ޖެހޭ ހިނދު، އެކަމުގެ އިންތިޒާމް ތަކަށް ބައެއް ފަހަރު ލަސްކަމެއް އައުމަކީ ގާތް ކަމެކެވެ. އެފަދަ ދަނޑިވަޅުގެތަކުގެ ނާޖާއިޒު ސިޔާސީ މަންފާ ހޯދުމުގެ ބޭނުމުގައި ފަތުރާ ދޮގު ޚަބަރު ތަކާ، އަރުވާ އަޑުތަކަކީ އާޚިރުގައި ހަދާ ހިސާބު ކިތާބަށް ބަލާއިރު އެއްވެސް ވާހަަކައެއް ނޫނެވެ.

ގިނަމަސް ބާނާ ނަމަ ބޮޑުޖާގަ ބޭނުންވާނެއެވެ. ފެލިވަރާ ކަނޑުއޮތްގިރި އަދި ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް 8200 މެޓްރިކް ޓަނުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް އިރާދަ ކުރެއްވިއްޔާ މިއަހަރު ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މިޖާގަ އިތުރުވުމުން މިހާރު މިފްކޯ އަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 އިންސައްތަ އިތުރު ކުރުމުގެ ގާބިލްކަން ލިބޭނެއެވެ. އަދި އެވަރަކުން ނުނިމެއެވެ. މިދެންނެވި ޖާގައިގެ އިތުރުން މ. މުލަކު ގައި 500 މެޓްރިކް ޓަނާއި، ގދ. ތިނަދޫގައި 1000 މެޓްރިކް ޓަނުގެ ޖާގަ ލިބިދޭ ކޯލްޑް ސްޓޯރޭޖް 2 ފެސިލިޓީ ގާއިމް ކުރުމަށް ތައްޔާރީތައް ވަމުން އަންނަ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ޞޯލިހް ދެއްވި ރިޔާސީ ބަޔާނުގެ ބައިތަކަށް ވަކިވަކިން ބަލާލުމުން ދުނިޔެ ހުއްޓުވާލައިގެން މިއުޅޭ ކޮވިޑް 19 ދިވެހިރާއްޖޭގައި އުޅޭހެން ހީވެސްނުވެއެވެ. ނޫނެކެވެ. ކަންކުރުމުގެ ސީދާސާދާ ތެދުވެރި ނިޔަތް އޮތީމާ ކުރިމަތީގައި އޮތް ހުރަހާއި ދިމާވި ދަތިކަން އެއީ އައު ހިތްވަރު ގެނެސްދޭ ސަބަބު ކަމުގައި ވަނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
100%
0%
0%
ކޮމެންޓް