ކ. މާލެ
|
5 ފެބްރުއަރީ 2021 | ހުކުރު 16:06
ރާއްޖެ އައިސްފައިވާ ފަތުރުވެރިންތަކެއް
ރާއްޖެ އައިސްފައިވާ ފަތުރުވެރިންތަކެއް
ވެލާނާ އެއާޕޯޓް
މިއަހަރުގެ ފުރަތަމަ އެއް ލައްކަ ވަނަ ފަތުރުވެރިޔާ
35 ދުވަހުގެ ތެރޭގައި އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން!
 
މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިން
 
ފާއިތުވި އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް 193,697 ފަތުރުވެރިން ވަނީ އައިސްފައި
 
ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 102,107 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

މިއަހަރުގެ މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 102,107 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނާ އަޅައިބަލާއިރު، 7.3 އިންސައްތަ ދަށް އަދަދެކެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 193,697 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޖެނުއަރީ މަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 2,971 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފެބްރުއަރީ މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެ އައިސްފައި ވަނީ 10,004 ފަތުރުވެރިންނެވެ. ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެ އައިސްފައި ވަނީ 19,823 ފަތުރުވެރިންނެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން 22,178 ފަތުރުވެރިންވަނީ ރާއްޖެ އައިސްފައެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ 21.7 އިންސައްތައެވެ.

ރާއްޖެ އައިސްފައިވާ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރު ކުރި 10 ގައުމު ރަޝިޔާއިން ރާއްޖެ އައި ފަތުރުވެރިންގެ 75 އިންސައްތަ ހިއްސާކުރާއިރު، ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އިންޑިއާއިން ހިއްސާކުރަނީ 19.6 އިންސައްތައެވެ. އެއީ 20,027 ފަތުރުވެރިންނެވެ.

ޔޫކްރެއިނުން ރާއްޖެ އައި ފަތުރުވެރިންގެ 7.2 އިންސައްތަ ހިއްސާކުރާއިރު، އެގައުމުން 7,373 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ކަޒަކިސްތާނުން ރާއްޖެ އައި 4,684 ފަތުރުވެރިން 4.6 އިންސައްތަ ހިއްސާކުރާއިރު، ރޫމޭނިއާއިން އައި 4,456 ފަތުރުވެރިން ހިއްސާކުރަނީ 4.4 އިންސައްތައެވެ. އަދި ފްރާންސުން އައި 3,782 ފަތުރުވެރިން ހިއްސާކުރަނީ ރާއްޖެއައި ފަތުރުވެރިންގެ 3.7 އިންސައްތައެވެ.

ޖަރުމަނުން ރާއްޖެއައި ފަތުރުވެރިންގެ 3.5 އިންސައްތަ ހިއްސާކުރާއިރު، އެގައުމުން 3,603 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އިނގިރޭސިވިލާތުން އައި 2,576 ފަތުރުވެރިން ހިއްސާކުރަނީ ރާއްޖެ އައި ފަތުރުވެރިންގެ 2.5 އިންސައްތައެވެ.

ރާއްޖެއަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ސްވިޒަލޭންޑް ހިމެނުނު ނަމަވެސް މިހާރު އެ މަގާމު ނަގާފައި ވަނީ ޗެކްރިޕަބްލިކުންނެވެ. އެގައުމުން 2,129 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެއީ 2.1 އިންސައްތަ މީހުންނެވެ. އެމެރިކާއިން އައި 2,055 ފަތުރުވެރިން ހިއްސާކުރަނީ 2 އިންސައްތައެވެ.

ފާއިތުވި އަހަރު ނިމުނު އިރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 62,960 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވަ ތަފާސްހިސާބު

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުޓުނު ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އިރުޝާދުުގެ ދަށުން އެސިނާޢަތް އަލުން ފަށައި 2020 ވަނަ އަހަރު ނިމުނު އިރު، ރާއްޖޭގެ ފަތުރުވެރިކަން ވަނީ އައު މިސްރާބަކަށް އަމާޒުހިފައިފައެވެ. ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ޓޫރިިސްޓު ފެސިލިޓީއެއްގެ ޚިދުމަތްތައް މެދުކަނޑާލަން ޖެހުނު ނަމަވެސް އަލުން ޚިދުމަތްތައް ފަށައި 2021 ވަނަ އަހަރަށް އައި އިރު، ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓްތަކާއި ހޯޓާތަކާއި ގެސްޓް ހައުސްތަކުގެ އިތުރުން ސަފާރީތައް ވަނީ ޚިދުމަތް ދިނުމަށް ހުޅުވައިލާފައެވެ.

މިއަހަރުގެ ފުރަތަމަ 35 ދުވަސް ނިމުނުއިރު ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 624 ފެސިލިޓީއެއްގައި 43,656 އެނދު ވަނީ އޮޕަރޭޓްކުރަން ފަށާފައެވެ. އެއީ 145 ރިސޯޓުގައި 33,372 އެނދު، 135 ސަފާރީގައި 2,610 އެނދު އަދި 333 ގެސްޓް ހައުސްގައި 6,216 އެނދުގެ އިތުރުން 11 ހޮޓަލުގައި އޮޕަރޭޓް ކުރަމުންދާ 1,458 އެނދެވެ.

ރާއްޖޭގެ ރިސޯޓެއް

ކޮވިޑްގެ ބަލިމަނޑުކަމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް އައި ލޮޅުމާއެކު ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ބޮޑެތި އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރުން މެދުކަނޑާލި ނަމަވެސް، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިތާ އަހަރު ދުވަސް ވެސް ނުވަނީސް ބައިނަލްއަޤްވާމީ 27 އެއަރލައިނަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވެ އެއަރލައިންތަކުން ވަނީ ރާއްޖެއަށް ކުރާ ޝެޑިލްޑް ދަތުރުތައް އިތުރުކޮށްފައެވެ.

ދުނިޔޭގެ ބޮޑު ތިން އެއަރަލައިނެއްގެ ފްލައިޓްތައް ވީއައިއޭގައި

ރާއްޖޭގެ އިޤްތިޞާދު ވީ އެންމެ އަވަހަށް ކުރީގެ ހާލަތަށް އެނބުރި ގެނެސް، އިޤްތިޞާދު ސިންދަފާތުކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތްކުރާއިރު، މި ސިނާޢަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.

އެގޮތުން ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތައް ބީލަމަށް ހުޅުވައިލާފައިވާއިރު، ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް، ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް، ގާނޫނަށް ވަނީ ބަދަލު ގެނަސްފައެވެ.

މިއީ ރާއްޖޭ ގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ކުރެވޭ ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ޞާލިޙް ފާހަގަކުރައްވާފައިވާއިރު، މިހާރު ތަރައްގީކުރަމުން އަންނަ ރިސޯޓްތަކާއެކު، މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5،062 އެނދު މާރކެޓަށް ނެރެވި، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި، އިތުރު 9،000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް އަންދާޒާކުރެވޭކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލާ ކައިރިވެފައިވާއިރު، ރަންޔޫބީލް ރަން އަހަރެއްގެ ގޮތުގައި ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މި ސިނާޢަތާ ގުޅުންހުރި އިދާރާތަކާއި ވިޔަފާރިތައް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން 2021 ވަނަ އަހަރު ސިފަކޮށްފައި ވަނީ ދިވެހި ފަތުރުވެރިކަމުގެ އިންވެސްޓްމެންޓް އަހަރުގެ ގޮތުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
5 ފެބްރުއަރީ 2021 | ހުކުރު 16:57
ލަދު
އަންނި ކައިރީ އަ ހާބަލަ ފަތުރުވެރިކަން ބޮއިކަޓްކުރަން ގޮވި ހަނދާން އެބަ ހުރި ހޭ!