ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 16:32
ރައީސް ސޯލިޙު ރިޔާސީ ބަޔާން އިއްވަވާ ނިންމެވުމަށްފަހު މަޖިލީހުގެ ރައީސާ ވާހަކަފުޅެއް ދައްކަވަނީ
ރައީސް ސޯލިޙު ރިޔާސީ ބަޔާން އިއްވަވާ ނިންމެވުމަށްފަހު މަޖިލީހުގެ ރައީސާ ވާހަކަފުޅެއް ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ސޯލިޙު ރިޔާސީ ބަޔާން އިއްވެވުން
ކޮންތާކު! ފެންނަމުންދަނީ އެވެރިން އެބުނާ މަންޒަރެއް ނޫން!
 
އެމްޑީޕީއަކީ އަބަދުވެސް ތަފާތު ޚިޔާލުތައް ބަލައިގަންނަ ޕާޓީއެއް
 
ރައީސްގެ ކާމިޔާބީގައި ބައިވެރިވެވަޑައިގެން، އެމަނިކުފާނަށް ސަޕޯޓު ދެއްވީ މަޖިލިސް މެމްބަރުން
 
ދައުލަތުގެ 3 ބާރުގެ މައި ދެ ބާރުވެސް މި ފެންނަނީ ނުހަނު ގުޅިގެން މަަސައްކަތް ކުރާތަން

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދި، އެމްޑީޕީގެ ބިންގަލުގައި ކޫރުންތަކެއް އެޅިފައިވާކަމަށް އިދިކޮޅުން ތުހުމަތު ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކި ފަހަރު، އެކި މުނާސަބަތުތަކުގައި މި ވާހަކަ ދައްކަމުންދާއިރު، އެވެރިން ބުނެ އުޅެނީވެސް ސަރުކާރާއި މަޖިލީހުގެ ގުޅުމަށް ޒާތެއްގެ ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. މުޅި އެމްޑީޕީ މެމްބަރުން ތިއްބެވީ ސަރުކާރާއި މަޖިލީހާ ދެމެދު ދެކޮޅަށް ކިރިކިރި ކަމަށެވެ. އެހެންނަމަވެސް، ދުރުގައި މަންޒަރު ބަލަން ތިބޭ އާންމު ރައްޔިތުންނަށް ގައިމުވެސް ފެންނަނީ އެ މަންޒަރެއް ނޫނެވެ.

އަތް ވެއްޓޭނީ ކަކޫ މައްޗަށޭ ބުނާ ބީދައިން، ދައުލަތުގެ 3 ބާރުގެ މައި ދެ ބާރުވެސް މި ފެންނަނީ ނުހަނު ގުޅި ލާމެހިގެން، އެއްބާރު އަނެއްބާރަށް ބެލެނިވެރިވަމުންދާ މަންޒަރެވެ. ދިމާވާ ކަންކަމުގައި ގުޅި ލާމެހިގެން ކުރިއަށްދާ މަންޒަރެވެ. އައު އަހަރަށް މަޖިލިސް ހުޅުވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ދެއްވި ރިޔާސީ ބަޔާނުން އެކަނިވެސް މި ދެންނެވި ރިވެތި މަންޒަރު ފެނިގެން ގޮސްފިއެވެ.

ގާތްގަނޑަކަށް 48 މިނެޓަށް ކުރިއަށް ގެންދެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިޙު ގެންދެވީ ސަރުކާރަށް ނިމިދިޔަ އަހަރު ކާމިޔާބު ކުރެވުނު މައިގަނޑު ލަނޑުދަނޑިތަކުގެ ވާހަކަތައް ހިއްސާ ކުރައްވައި، މިހިނގާ 2021 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފާފައިވާ މުހިއްމު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ. އެގޮތުން އެކި ދާއިރާތަކުން ސަރުކާރަށް ޙާސިލު ކުރެވުނު މައިގަނޑު ކާމިޔާބީތަކުގެ ވާހަކަތައް ހިއްސާ ކުރެއްވިއިރު، ސަރުކާރުގެ ފާރަވެރިއެއް ކަމަށްވާ މަޖިލީހުގެ މެމްބަރުން ގެންދެވީ އުފަލާއެކު، ރައީސްގެ ކާމިޔާބީގައި ބައިވެރިވެވަޑައިގެން، އެމަނިކުފާނަށް ސަޕޯޓު ދެއްވަމުންނެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ކޮޅަށް ތެދުވެވަޑައިގެން ރައީސް ސޯލިޙަށް ހޫނު މަރުޙަބާ ދަންނަވަމުން ގެންދެވީ ސަރުކާރުގެ ކާމިޔާބީއަކީ ހަމަ މަޖިލީހުގެ ކާމިޔާބީކަމުގައި ދެކިގެންނެވެ. އެމްޑީޕީގެ ބަދަހި ގުޅުމުގެ އާރޯކަމާއި، ވަރުގަދަކަން ފެނިގެން ދިޔައީ ސަރުކާރެއް، މަޖިލީހެއް އިސްތިސްނާ ކުރުމެއް ނެތިއެވެ. އެވެރިން އެބުނާ ކަހަލަ ދެކޮޅުވެރިކަމެއް ސަރުކާރާއި މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ މެމްބަރުންގެ މެދުގައި އޮތް މަންޒަރެއް ހަމަ ގައިމުވެސް ނުފެނެއެވެ.

ނުވިތާކަށް ރައީސް ސޯލިޙުގެ 3 ވަނަ ރިޔާސީ ބަޔާނުގައިވެސް މަޖިލީހަށް ޝުކުރު އަދާ ކުރައްވައި، ދެ ބާރުގެ ދެމެދުގައި އޮތް ބަދަހިކަމަށް އަލިއަޅުވާލައްވާފައިވެއެވެ. ރައްޔިތުންނަށް ޚިދުމަތް ކުރަން އެމްޑީޕީ ސަރުކާރަކުން ނުކުމެ ދުއްވަމުން ގެންދާ އޮޑީގައި ފަޅުވެރިންގެ ގޮތުގައި ތިބެ އެންމެ ބާރަށް ފަލި ޖަހަމުން ގެންދަނީ މަޖިލީހުގެ މެމްބަރުންކަމަށް ރައީސްގެ ވާހަކަފުޅުން ހަމަ ގައިމުވެސް ދޭހަވިއެވެ.

ކޮންމެއަކަސް، އެމްޑީޕީއަކީ އަބަދުވެސް ތަފާތު ޙިޔާލުތައް ބަލައިގަންނަ ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓާ ޕާޓީއެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ވީއިރު، އެމްޑީޕީން ވައުދުތައް ފުއްދުމުގައި ސަރުކާރު މަޖިލީހަށް ޖަވާބުދާރީވެ، މަޖިލިސް ސަރުކާރަށް ފާރަވެރިވުމަކީ ފަހަރުގައި ދެކޮޅުވެރިވެ ބައިބައިވުންކަމަށް ބަޔަކަށް ހީވެދާނެއެވެ. އެހެން ނަމަވެސް، ދުރު މަންޒަރު ބަލާލުމުން، މިއީ ޙަޤީޤަތުގައި އެމްޑީޕީގެ ޑިމޮކްރަސީ ނިޒާމުން ޤައުމު ހިންގުމުގެ އުކުޅެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
11%
67%
0%
11%
11%
0%
ކޮމެންޓް