ކ. މާލެ
|
1 މެއި 2017 | ހޯމަ 04:18
އީމާން އަހުމަދު - ދުނިޔޭގައި ހުރި އެންމެ ފަލަ އަންހެން މީހާ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނަށް ފަހު
އީމާން އަހުމަދު - ދުނިޔޭގައި ހުރި އެންމެ ފަލަ އަންހެން މީހާ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނަށް ފަހު
ސައިފީ ހޮސްޕިޓަލް
އީމާންގެ އިންޑިއާ ދަތުރު
ބަރުދަން ލުއިކުރަން ކުރި އުއްމީދީ ދަތުރު ބޮޑު މައްސަލަ ގަނޑަކަށް!
 
ޑޮކްޓަރުން ބުނަނީ އާއިލާއިން ހަދަނީ ދޮގު ކަމަށް
 
އާއިލާއިން ބުނަނީ ބަރުދަން ލުއިވި ކަމަށް ބުނެ ޑޮކްޓަރުން ހަދަނީ ދޮގު ކަމަށް

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ބެލޭ، އުމުރުން 36 އަހަރުގެ މިސްރުގެ ރައްޔިތެއް ކަމުގައިވާ އީމާން އަހްމަދު، އޭނާގެ ބަރުދަން ލުއި ކުރުމަށް އިންޑިއާއަށް ކުރި ދަތުރަކީ، މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ ދަތުރެކެވެ.

ހަށިގަނޑުގެ ބަރުދަނުގެ ސަބަބުން ގެއިން ބޭރަށް ނުނިކުމެ 25 އަހަރު އޮތުމަށްފަހު އީމާން އިންޑިއާއަށް ގެންދިޔައީ އެތައް ތައްޔާރީތަކެއް އެތައް ބަޔެއްގެ މަސައްކަތުން ކޮށްގެންނެވެ.

ފަރުވާ ފެށިގެން ދިއުމާއެކު އިވެން ފެށީ، އީމާންގެ ބަރުދަން ލުއި ވަމުންދާ ވާހަކައާއި އޭނާގެ ސިއްހަތު ރަނގަޅުވަމުން އަންނަ ކަމުގެ ވާހަކަ ތަކެވެ. އީމާން އަށް ފަރުވާ ކުރަމުން ދިޔަ ޑޮކްޓަރުން ފެންނަމުން ދިޔައީ އޭނާގެ ހޮސްޕިޓަލް އެނދުގެ ކައިރީގައި ހިނިތުންވެފައި ތިއްބައެވެ.

ކަންކަން ރަނގަޅަށް ކުރިއަށްދާ ކަމަށް ގިނަ ބަޔަކަށް އުއްމީދު ކުރެވިފައި އޮއްވާ، މަންޒަރު އެހެން ގޮތަކަށް ބަދަލު ވެގެން ދިޔައީ އީމާންގެ ދައްތަ ޝައިމާ ޑޮކްޓަރުންނާ އަމާޒުކޮށް ފޮނުވާލި ރުޅިވެރި ބަސްތަކަކުންނެވެ.

އީމާނަށް ފަރުވާ ކުރަމުން ގެންދާ މުމްބާއީގެ ސައިފީ ހޮސްޕިޓަލުގެ ޑޮކްޓަރުން އީމާންގެ ބަރުދަން ލުއިވަމުންދާ ކަމަށް ބުނެ ހަދަމުންދަނީ ހުސް ދޮގު ކަމަށާއި، އީމާންގެ ބަރުދަން ޑޮކްޓަރުން އެ ބުނާ މިންވަރަށް ލުއި ނުވާ ކަމަށާއި، އޭގެ ބަދަލުގައި އީމާންގެ ހާލު ވަރަށް ދެރަކަމަށް ކިޔައިދީ ސޯޝަލް މީޑިއާގައި ޝައިމާ ހާމަކުރި ކުރު ވީޑިއޯ އަކާ ގުޅިގެން، އީމާންގެ ފަރުވާގެ ތެރޭގައި ބޮޑު ކޮޅިގަނޑެއް އުފެދިގެން ދިޔައީއެވެ.

ޝައިމާ ތުހުމަތު ކުރަނީ އީމާން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ސްޓްރޯކެއްވެސް ޖެހުނު ކަމަށެވެ.

ހޮސްޕިޓަލުގެ ޑޮކްޓަރުން ހަދަނީ ދޮގުކަމަށް ބުނެ ޝައިމާ ހުސްވި ހަފްތާގެ އަންގާރަ ދުވަހު ބީބީސީއަށް ވެސް ވަނީ އިންޓަވިއުއެއް ދީފައެވެ.

މިވާހަކަތަކައް ހޮސްޕިޓަލުން ވަނީ ރުޅިވެރިކަމާއެކު ހޫނު ރައްދެއް ދީ ޝައިމާ ހަދަނީ ދޮގު ކަމަށް ބުނެފައެވެ.

ޝައިމާ ބީބީސީގައި ވާހަކަ ދައްކަމުން ބުނެފައިވަނީ، އީމާންގެ ބަރުދަން ލުއި ކުރަން ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކުރި އިރު، އެ އޮޕަރޭޝަންގެ ސަބަބުން އީމާންގެ ބަރުދަނަށް އެއްވެސް ލުއިކަމެއް އައި ކަމުގެ ހެއްކެއް، އީމާން އަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުފައްޒަލް ލަކްޑަވާލާއަށް ދެއްކިފައި ނުވާ ކަމަށެވެ.

ޝައިމާ ބުނީ އީމާންގެ ހަށިގަނޑުގައި އޮކްސިޖަން ހުންނަން ޖެހޭ މިންވަރަށް އޮކްސިޖަން ނުހުންނާތީ ނޭފަތައް އޮކްސިޖަން ހޮޅިއެއް އަބަދު ގުޅާފައި ހުންނަ ކަމަށާއި، އޭނާއަށް އަމިއްލަ އަނގައިން ކައި ބޮއިވެސް ނުހެދޭ ކަމަށެވެ.

ހޮސްޕިޓަލުގެ ތަރުޖަމާނު އެ ވާހަކަތައް ދޮގު ކުރަމުން ބީބީސީގައި ބުނެފައިވަނީ، އެންމެ ފަހުން ކިރި އިރު އީމާންގެ ހަށިގަނޑުގައި ހުރީ 172 ކިލޯ ކަމަށެވެ. އީމާން ހޮސްޕިޓަލަށް ގެނައި އިރު އޭނާގެ ބަރުދަނުގައި 500 ކިލޯ ހުރި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޝައިމާ ހާމަކުރި ވީޑިއޯގައި ހޮސްޕިޓަލަށް ފާޑު ކިޔަމުން ބުނެފައިވަނީ، މިފަދަ ސީރިއަސް ކޭސް އަކަށް ބޭނުންވާ ވަސީލަތްތައްވެސް އެ ހޮސްޕިޓަލުގައި ނެތް ކަމަށާއި، މިއީ ދެއްކުމުގެ ގޮތުން ހޮސްޕިޓަލުން ކުރިއަށް ގެންދާ ޕްރޮޕަގެންޑާއެއް ކަމުގައެވެ.

ޝައިމާ ބުނީ އީމާންގެ ސިޓީ ސްކޭން ހަދަން އެދުމުން، ހުޅުވިފައި ހުންނަ ވައްތަރުގެ ސީޓީ ސްކޭން މެޝިން މުމްބާއީގައި ނުހުންނަ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ. އެކަމަކު އެއީވެސް ދޮގެއް ކަމަށެވެ. ޝައިމާ މިހެން ބުނި އިރު ޑޮކްޓަރުން ހާމަކޮށްފައި އޮތީ، ސީޓީ ސްކޭން ހެދުން ކުޑަކޮށް މަޑު ޖައްސާލީ، އީމާންގެ ބަރުދަން ލުއި ވުމުން މެޝިނަށް ފިޓު ކުރަން ފަސޭހަވާނެއަތީ ކަމަށެވެ.

އީމާންގެ ބަރުދަން ލުއި ކުރުމުގެ ފަރުވާއަށް އިންޑިއާގެ މުމްބާއީއަށް އޭނާ ގެނައީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މާޗު މަހުގެ ތެރޭގައި ޑޮކްޓަރުންގެ ޓީމަކުން ވަނީ ބަރުދަން ލުއި ކުރުމަށް އީމާން އޮޕަރޭޝަން ކޮށްފައެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ، އޮޕަރޭޝަންގެ ފަހުން ފުރޮޅުލީ ގޮނޑިއަށް އިމާން ފިޓު ކުރެވޭ ކަމަށާއި، ކުރިއަށް ވުރެ ގިނަ އިރު އިށީނދެވެސް އިނދެވޭ ކަމަށެވެ.

ސައިފީ ހޮސްޕިޓަލުން ބުނަނީ، ޝައިމާގެ މި އަމަލަކީ، ފަރުވާގެ މުއްދަތު ދިގު ކުރުމަށް އޭނާ ހެދި އުކުޅެއް ކަމަށެވެ. އެއީ މިސްރުގެ އެއްވެސް ހޮސްޕިޓަލަކުން ހިލޭ ފަރުވާ ނުކޮށްދޭނެކަން އޭނާއަށް އެނގޭތީ ހިލޭ ލިބެމުންދާ ފަރުވާގެ މުއްދަތު ދިގު ކުރުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ.

ހޮސްޕިޓަލުން ބުނީ އީމާން މުމްބާއީއަށް ގެނައުމަށާއި، އޮޕަރޭޝަނަށާއި، ހޮސްޕިޓަލުގެ ފަރުވާއަށް ދެ ކުރޯޑު އިންޑިއަން ރުޕީސް ހޮސްޕިޓަލުން ޚަރަދު ކޮށްފައިވާ ކަމަށާއި، އާއިލާއިން މިކަމަށް އެންމެ ލާރިއެއްވެސް ޚަރަދު ކުރަން ނުޖެހޭ ކަމަށެވެ.

ޝައިމާ ބުނީ، އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އޭނާ ކަންކަމުގެ ހަގީގަތް ކިޔައިދީ، ވީޑިއޯ ހެދިއިރު ހޮސްޕިޓަލުގެ ޑޮކްޓަރަކުވެސް ނަރުހަކުވެސް އީމާންގެ ހާލު ބަލާލަންވެސް ނާންނަ ކަމަށާއި، މިހާރު އޭނާ ހުރީ އެއްވެސް އެހީތެރިކަމެއް ނުލިބި އެކަނިވެރިވެފައި ކަމަށެވެ. އަދި އުއްމީދު ކުރަނީ ސަލާމަތުން އަވަހަށް އެނބުރި ގައުމަށް ދިއުމަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޑޮކްޓަރުން ބުނަނީ، އީމާންގެ އާއިލާއިން ބޭނުންވަނީ އޭނާ ހިންގުވަން ކަމަށާއި، އެކަމަކު އެކަމެއް މި ވަގުތަކަށް ނުކުރެވޭނެ ކަމަށެވެ.

ހިންދުސްތާން ޓައިމްސްއަށް މި މައްސަލައާ ގުޅޭ ގޮތުން ހޮސްޕިޓަލުގެ ޑޮކްޓަރަކު ކިޔައިދިން ގޮތުގައި އީމާންއަށް އައިލާ މީހުން ގަދަކަމުން ގެންދަނީ ކާން ދެމުންނެވެ. އަކަމުގެ ސަބަބުން އިރު އިރުކޮޅުން ކޮށިއަރާ މައްސަލަ ދިމާވާ ކަމަށާއި، މިވަގުތައް އޭނާއަށް ކާންދެވޭނީ ހަމައެކަނި ހޮޅީގެ ޒަރީއާއިން ކަމަށް ބުންޏަސް އެކަން އާއިލާއަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ހޮސްޕިޓަލުގެ ސީއީއޯ މިހިނގައިދިޔަ ހަމަނުޖެހުމާ ބެހޭ ގޮތުން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އީމާންގެ ދައްތަ ދެއްކި ހަގީގަތެއް ނެތް ވާހަކަ ތަކުގެ ސަބަބުން ހިތްހަމަ ނުޖެހުނު ނަމަވެސް ބަލިމީހާއަށް ހޮސްޕިޓަލުން ދޭންޖެހޭ ފަރުވާ ދިނުމަށް އެކަމުގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށެވެ. އޭނާ ބުނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އީމާން މުމްބާއީ އަށް ގެނައުމަށް އެތައް ޑޮކްޓަރުންނާއި، ނަރުހުންނާއި، ދުނިޔޭގެ އެތައް މިތަނުން ތަޖުރިބާކާރުން ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
100%
0%
ކޮމެންޓް