ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 19:26
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަނީ
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަނީ
ޔޫސުފް ސޮފްވާން ރަޝީދު
ރިޔާސީ ބަޔާން އިއްވާ ޖަލްސާ
ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް މަޖިލީހުގެ އިދާރާ ތައްޔާރުވެފައި، މިފަހަރު ތަފާތުވާނެ
 
ރިޔާސީ ބަޔާން އިއްވެވުމަށްފަހު މަޖިލީހުގެ ލައިބްރަރީއާއި ޑިޖިޓަލް އާކައިވް ހުޅުއްވައިދެއްވާނެ
 
ކޮވިޑަށްފަހު އިސްކަންދެއްވާނެ ކަންތައްތަކަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލައްވާނެ
 
ޖަލްސާ ކުރިޔަށްދާނީ އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބާއްވާ ޖަލްސާ ބުރާސްފަތި ދުވަހުގެ ހެނދުނު 9 ޖަހާއިރު މަޖިލީހުގެ އިދާރާގައި އޮންނާނެއެވެ. މިޖަލްސާއަށް މަޖިލީހުގެ އިދާރާއިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނައިރު މިޖަލްސާގެ އެންމެ މުހިންމުކަމަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާން އިއްވެވުމެވެ. އެހެންނަމަވެސް މިފަހަރު ރިޔާސީ ބަޔާން އިއްވެވުމަށްފަހު އިތުރުކަންތައްތަކެއްވެސް ކުރިޔަށްދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް މަޖިލީހުން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ޖަލްސާއަށް މަޖިލީހުގެ އިމާރާތް ޒީނަތްތެރިކުރުމާއި އާބާތުރަ ފިލުވުމާއި އަދި އެހެނިހެން ތައްޔާރީތައް ވެނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އެކަމުގެ ހިޔަނިވަނީ މިޖަލްސާއަށް އެޅިފައެވެ.

އާންމު ގޮތެއްގައި ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ދައުވަތުދޭ ހުރިހާ ބޭފުޅުންނަށްވެސް މިފަހަރުގެ ޖަލްސާއަށްވެސް މަޖިލީހުގެ އިދާރާއިން ދައުވަތު އެރުވިއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން ބައެއް ފަރާތްތަކަށް މަޖިލީހުގެ އިދާރާއިން އެރުވި ދައުވަތު ކެންސަލްކޮށް ޖަލްސާގައި ބައިވެރިވާ ބޭފުޅުންގެ އަދަދުވަނީ މަދުކޮށްފައެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މައިގަނޑު ގޮތެއްގައި ގެނައި އެއް ބަދަލަކީ ކުރިން ދައުވަތުދިން، ވަރަށް ގިނަ މީހުންގެ ދައުވަތު ކެންސަލްކުރުން. މިހާރު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވާނީ މެމްބަރުންނާއި ވަޒީރުންނާއި ދެން ރާއްޖޭގައި ތިބޭ ޑިޕްލޮމެޓިކް ބޭފުޅުން. މެމްބަރުންގެ އަނބިއަނބި ކަނބަލުންނާއި ފިރިފިރިކަލުންނެއް މިފަހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާނެ.
ހަސަން ޒިޔާއު/މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު

ޒިޔާއު ވިދާޅުވީ މީގެއިތުރުން ޖަލްސާ ކުރިޔަށްދާނީ އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށްކަމަށެވެ. އެގޮތުން ގައިދުރުކަމާއި މާސްކު އެޅުމާއި އެނޫންވެސް އެޗްޕީއޭއިން އެކުލަވާލާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެކަންކަން ކުރިޔަށްދާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މާދަމާ ދެއްވާ ރިޔާސީ ބަޔާނަކީ އެމަނިކުފާނު ދެއްވާ ތިންވަނަ ރިޔާސީ ބަޔާނެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެއެވެ.

އެގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވާއިރު މިއަހަރުގެ ރިޔާސީ ބަޔާނުގައި ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުރެއްވުނު ކަންތައްތަކާއި ހާސިލްކުރެވުނު މުހިންމު ކަންތައްތަކަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލައްވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ކޮވިޑަށްފަހު އިސްކަންދެއްވާނެ ކަންތައްތަކަށްވެސް އަލިއަޅުވާލައްވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

އާންމު ގޮތެއްގައި އައު އަހަރަށް މަޖިލީސް ހުޅުވާ ޖަލްސާގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ. އެހެންނަމަވެސް މިފަހަރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށްފަހު މަޖިލީހުގެ ލައިބްރަރީއާއި ޑިޖިޓަލް އާކައިވް ހުޅުއްވައިދެއްވާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މަޖިލީހުގެ ލައިބްރަރީ ހުޅުވާފައި ވަނީ 2006 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެއީ ކުޑަ ކޮޓަރިއެއްގައެވެ. މަޖިލީހުގެ ލައިބްރަރީ ބޮޑުކޮށް ތަރައްޤީކޮށް މަޖިލީހުގެ އާކައިވް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިހާރު ކުރިޔަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދެވި މިމަސައްކަތްޕުޅުގެ ދަށުން މަޖިލީހުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާގައި ވަނީ މިހާރު ލައިބްރަރީ ގާއިމުކޮށްފައެވެ. އަދި މަޖިލީހުގައި ހުރި ގިނަ ދުވަސްތަކެއްވީ ލިޔުންތައް ޑިޖިޓަލްކުރުމުގެ ގިނަ މަސައްކަތްތަކެއްވެސް ކޮށްފައިވާކަމަށް ޒިޔާއު ވިދާޅުވިއެވެ.

މަޖިލީހުގައި އެބަހުރި ވަރަށް ގިނަ ދުވަސްވީ ފޮތްތަކާއި ލިޔުންތަކާއި އަދި މުހިންމު މައުލޫމާތުތައް. ޚާއްސަކޮށް މަޖިލީހުގެ މަސައްކަތްތައް ކުރެވިފައި ހުރި ގޮތާއި ކަންކަން ރޭވިފައި ހުރި ގޮތް މިސާލަކަށް ޔައުމިއްޔާތަކާއި މަޖިލީހުގެ ޖަލްސާތަކާއި އަދި މީގެކުރިން މަޖިލީހުގެ މެމްބަރުން ސޮއިކުރި ހާޒިރީއަށް ދަންދެން އެބަހުރި. ގިނަ ދުވަހުގެ މެޓީރިއަލްތައް އެބަހުރި. އެހެންވީމާ އެއެއްޗެހި އާންމުންނާ ހިސާބަށް ގެނެސްދެވޭނެ ކަހަލަ ގޮތަކަށް ނުވަތަ ބެލޭނެކަހަލަ ގޮތަކަށް އެކަން އިންތިޒާމުކުރުން އެއީ މަގްސަދަކީ. އެހެންވީމާ 2019 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ ލައިބްރަރީ ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ދިޔައީ. 2019 ވަނަ އަހަރު ކުރި މަސައްކަތަކީ މިލިޔުންތައް މިސާލަކަށް ރަސްރަސްކަލުން ފޮނުއްވާފައި ހުރި ފަތްކޮޅުތަކާއި ސިޓީފުޅުތަކާއި އަދި ރައީސުން ފޮނުވާފައި ހުރި އެއްޗިއްސާއި މިހެން ގޮސް ހުރި ވަރަށް ގިނަ އެއްޗެހި. މިއެއްޗެހި ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ، ސްކޭން ކޮށްފައި ސޮފްޓްވެއަރއަކަށް އަޕްކޮށްފައި އޭތި ބެލޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން.
ހަސަން ޒިޔާއު/މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު

މަޖިލީހުގެ ލައިބްރަރީއާއި ޑިޖިޓައިލް އާކައިވްއަކީ އާންމު ރައްޔިތުންނަށްވެސް އެމައުލޫމާތުތަކާ ހަމައަށް ވާސިލްވެވޭގޮތަށް ތަރައްޤީކުރަމުން އަންނަ ދެ ކަމެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން ގިނަ ބަޔަކަށް ލައިބްރަރީއަށް އައުމުގެ ފުރުސަތު މިހާރު ނުދެވުނުނަމަވެސް ކުރިޔަށް އޮތްތަނުގައި ލައިބްރަރީ އާންމުންނަށް ހުޅުވާލާނެކަމަށް ޒިޔާއު ވިދާޅުވިއެވެ. އަދި ޑިޖިޓަލް އާކައިވްއަށްވެސް އާންމުންނަށް ވަދެވޭނެކަމަށާއި އެމައުލޫމާތުތައް ފޯރުކޮށްދެމުންދާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
100%
0%
0%
0%
0%
ކޮމެންޓް
4 ފެބްރުއަރީ 2021 | ބުރާސްފަތި 19:26
ރާގުންޑާ
އާނ ތަފާތުވާނެ. އުންމީދީ އެއްވެސް ވާހަކައެއް ނީވޭނެ. ނުހޭރިއްޖެއްޔާ އަދި މާ ތަފާތުވާނެ.