ކ. މާލެ
|
2 ފެބްރުއަރީ 2021 | އަންގާރަ 12:33
ގުދުރަތީ ގޭހާއި ތެލަށް ބަރޯސާވުން ހުއްޓުމުގެ އޮއިވަރެއް ވަނީ ފެށިފައި
ގުދުރަތީ ގޭހާއި ތެލަށް ބަރޯސާވުން ހުއްޓުމުގެ އޮއިވަރެއް ވަނީ ފެށިފައި
ގެޓީ އިމޭޖަސް
ދުނިޔޭގެ ވެށި ހިމާޔަތްކުރުން
ސާފުހަކަތައިގެ މަތީގައި ދުނިޔެ އަލުން އާރާސްތުކުރުން
 
ޕެރިސް މުއާހަދާއަށް އައު ދިރުމެއް ވަނީ ލިބިފައި
 
އަމާޒަކީ ދުނިޔެ ވިހަކުރުން ހުއްޓުވުން
 
ފޮސިލް ފިއުލަށް ނޫނެކޭ ބުނުމުގެ ވަގުތު އަތުވެއްޖެ

ދުނިޔޭގެ އިގްތިސާދުގެ ބިންގަލަކީ ފޮސިލް ފިއުލެވެ. ދުނިޔޭގެ ހަކަތައިގެ ވަސީލަތަކީ ވެސް އެއީއެވެ. ފޮސިލް ފިއުލަކީ ތެލާއި ގުދުރަތީ ގޭހާއި އެނޫންވެސް ހަކަތަ އުފެއްދުމަށް ބޭނުންކުރާ ގުދުރަތީ ކޮންމެ ވަސީލަތެކެވެ. އެހެންނަމަވެސް ދުނިޔެ ހޫނުވުން ކޮންޓްރޯލްކޮށް ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓެނިވި ތަރައްގީއާ ދިމާލަށް ދަތުރުކުރުމުގައި ފޮސިލް ފިއުލަށް ނޫނެކޭ ބުނަންޖެހޭ ދުވަސް މިއޮތީ އައިސްފައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން މިކަމުގައި ސިޔާސަތުތައް އެކަށައަޅައި ތިމާވެއްޓާއި ރަހުމަތްތެރި ސާފުހަކަތަ ލިބިގަތުމުގެ އޮއިވަރެއް މިހާރު ވަނީ ފެށިފައެވެ.

އެމެރިކާގެ ރިޔާސަތަށް ޖޯ ބައިޑެން ވަޑައިގެންނެވުމަށްފަހު ތެލާއި ގޭހުގެ ބަދަލުގައި ދެމެހެއްޓެނިވި ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ވަސީލަތްތަކަށް އިސްކަން ދިނުމުގެ ސިޔާސަތެއް ވަނީ ގެންގުޅެން ފަށާފައެވެ. މިކަމުގެ އެންމެހައި ކަންކަން ރާވައި ތަންފީޒުކުރުމަށް އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު ޖޯން ކެރީ ވަނީ އައްޔަން ކުރައްވައިފައެވެ. ތެލާއި ގޭސް ބޭނުންކުރުން ހުއްޓާލައި ސާފު ހަކަތައާ ދިމާލަށް ކުރާ ދަތުރު ކާމިޔާބުކުރުމަކީ ޖޯ ބައިޑެންގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ހަގީގަތަކަށް ހެދުމަށްޓަކައި އައު ސަރުކާރުން ހަރުދަނާ މުހިއްމު ފިޔަވަޅުތަކެއް ވެސް ވަނީ އިއުލާންކޮށްފައެވެ.

ޖޯން ކެރީއަކީ ރައީސް ބަރަކް އޮބާމާގެ ދައުރުގައި ޚާރިޖީވަޒީރެވެ. ދުނިޔެ ހޫނުވުން ކޮންޓްރޯލްކޮށް ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ގައުމުތަކުން އެކުލަވައިލި ޕެރިސް މުއާހަދާގެ އެއް އާރުކާޓީއަކީ ވެސް ކެރީއެވެ. އެއީ ދުނިޔެ ހޫނުވުން ކޮންޓްރޯލްކޮށް ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލްކުރުމުގެ ވިސްނުން ބަރާބަރަށް ގެންގުޅުއްވާ ބޭފުޅެކެވެ. އެހެންކަމުން ކެރީއަކީ ތިމާވެށީގެ ކަންކަމުގައި އެމެރިކާގެ ސީރިއަސްކަން ދުނިޔެއަށް ހާމަކޮށް ލީޑަރޝިޕް ދެއްކުމުގައި ވަރުގަދަ ޝަޚުސިއްޔަތަކަށް ވާނެއެވެ.

ރައީސް ޓްރަމްޕަކީ ތިމާވެށީގެ ސައިންސް ގަބޫލުކުރައްވާ ބޭފުޅެއް ނޫނެވެ. ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަޑު އުފުލޭކަން ގަބޫލުކުރައްވާ ބޭފުޅެއް ވެސް ނޫނެވެ. އޭނާގެ ދައުރުގެ އެންމެ ވިޔާނުދާ އެއް ނިންމުމަކީ ޕެރިސް މުއާހަދާއިން އެމެރިކާ ވަކިވުމުގެ ނިންމުމެވެ. އައު ރައީސް ޖޯ ބައިޑެން ވެރިކަމުގެ ހުވާކުރެއްވުމާއެކު ފުރަތަމަ ދުވަހު ވެސް ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ޕެރިސް މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވުން ހިމެނެއެވެ. ދުނިޔެ ހޫނުވުމަށް މެދުވެރިވާ ނުރައްކާތެރި މާއްދާތައް ޖައްވަށް ބޭރުވުން މަދުކުރުމަށްޓަކައި ވެވުނު ކޮންމެ ގޮތަކުން ކޮންމެ ކަމެއް ކުރުމަށް ވެސް އައު ރައީސްވަނީ ސަރުކާރުގެ މުވައްސަސާތަކަށް އަމުރުކުރައްވައިފައެވެ.

ބައިޑެންގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެމަނިކުފާނު ވަނީ ދެހާސް ކިލޯމީޓަރުގެ ދިގު ތެޔޮހޮޅިއެއް އެޅުމުގެ ބޮޑު މަޝްރޫއުވެސް ހުއްޓުވައިފައެވެ. އައު ސިޔާސަތާއި އައުވިސްނުމުގެ ތެރެއިން ތެޔޮހޮޅިއަކަށް ޖާގައެއްނެތްކަން ވަނީ އިއުލާން ކުރައްވައިފައެވެ. ތިމާވެށީގެ ކަންކަމަކީ ގައުމީ ސަލާމަތާއި ގުޅުންހުރި އެންމެ ސީރިއަސް އެންމެ މުހިއްމު ކަންތައްކަމުގައި ބަލައިގެން ގައުމީ ސަލާމަތުގެ އޮނިގަޑު އަލުން މުރާޖައާކޮށް އެކުލަވައިލުމަށް ވެސް އައު ރައީސްވަނީ އަމުރުކުރައްވައިފައެވެ. މުޅި ސަރުކާރުގެ އަމާޒަކީ ތިމާވެށި ހިމާޔަތްކުރުމާއެކު ސާފުހަކަތަ ލިބިގަތުމުގެ އަމާޒުކަމަށް ހެދުމަށް ވަކި މުވައްސަސާސެއް އިސްތިސްނާ ނުކުރައްވައި އެންމެހައި މުވައްސަސާތަކަށް އޭނާ ވަނީ އަމުރު ކުރައްވައިފައެވެ.

އައު ރައީސްގެ އައު ސިޔާސަތު ތަންފީޒުވާން ފެށުމާއެކު އެމެރިކާގެ ތެލުގެ ސިނާއަތުވަނީ ކުޑަކަކޫމައްޗަށް ތިރިވެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަދު ވަރަށް ބޮޑަށް ވެއްޓިގެންދާނޭ ކަމަށް މިހާރު ވަނީ ޔަގީން ކުރެވިފައެވެ. އެމެރިކާއިން ދެން ތެލާއި ގޭހުގެ ސިނާއަތުގައި އިންވެސްޓެއް ނުކުރާނެއެވެ. ޖޯން ކެރީ ވިދާޅުވެފައިވާ ފަދައިން އެމެރިކާއިން އުފައްދާނީ ސާފުހަކަތައެވެ. ސާފު ވަޒީފާތަކެވެ. ދުނިޔެ ހަލާކުވެ ނިމިދާން ފުރުސަތެއް ނުދޭނެއެވެ. ކުރީގައި ގެންގުޅުނު އާދަތައް ގޯސްކަން ޔަގީންވީމާ ދެންޖެހޭނީ އެއާދަތައް ދޫކޮށް ސަލާމަތުގެ އައްސޭރިއެއް އަތުލުމުގެ ދަތުރުފަށާށެވެ. މިއޮތީ އެދަތުރު ފެށިފައެވެ. އެހެންވީމާ ދެން ފަސްއެނބުރި ބެލުމެއްނެތި ދާނީ ކުރިއަށެވެ.

އަމާޒަކީ އަދި ދިހަ އަހަރު ފަހުން ޖައްވު ވިހަކުރާ މާއްދާތައް ބޭރުވުން މުޅިން ހުއްޓުވުމެވެ. ނުވަތަ އެއަމާޒާ ގާތަށް ދަތުރުކުރުމެވެ. އެމެރިކާއިން މިދަތުރުފެށީމާ ޗައިނާ އާއި އިންޑިޔާ ކަހަލަ ގައުމުތަކަށް ވެސް މިމަގުން ދަތުރުކުރާން މަޖުބޫރުވާނެއެވެ. ތިމާވެއްޓާ ރަހުމަތްތެރި ސިޔާސަތު ބަލައިގަނެ ތަންފީޒުކުރަން ވެސް މަޖުބޫރުވާނެއެވެ. މިކަންކަން ކާމިޔާބުވާނީ ސަރުކާރުތަކުގެ ސިޔާސަތު ޕްރައިވެޓް ސެކްޓަރުން ވެސް ބަލައިގަތުމުންނެވެ. އެމެރިކާގެ ޕްރައިވެޓް ސެކްޓަރުންވަނީ ރައީސް ޖޯ ބައިޑެންގެ ތިމާވެށި ސިޔާސަތު ބަލައިގެންފައެވެ. ޖައްވު ވިހަކުރާ މާއްދާތައް މަދުކުރުމުގެ މަސައްކަތް ކާމިޔާބުކުރުމަށްޓަކައި ސަރުކާރާއި އަތާއިއަތް ގުޅާލައިފައެވެ.

މި ހަގުރާމަޔަކީ ކާމިޔާބުކުރަން އެހާފަސޭހަވާނޭ ހަގުރާމައެއް ނޫނެވެ. އޭގެ ސިއްރަކީ ތެލާއިގޭހާއި ބޯޓުދެލި ކަހަލަ ފޮސިލް ފިއުލަށް ދުނިޔޭގެ ބަރޯސާވުން ބޮޑުކަމާއި މިސިނާއަތުގައި ބަގުޑި ބައްދައިގެން ތިބި ބޮޑެތި ބޮޑެތި ކުންފުނިތަކާއި މަހުޖަނުންގެ ނުފޫޒެވެ. އިންތިޚާބުތަކަށް އެމީހުން ނުފޫޒު ފޯރުވާނެއެވެ. ތެލާއިގޭހުގެ ސިނާއަތު މަރުވިޔަނުދީ ބޭއްވުމަށްޓަކައި އެމީހުން ބޭނުންވާ ބަޔަކު ގާނޫނުހަދާ މަޖިލީހަށް ގެންނާނެއެވެ. މިހާރުވެސް ރިޕަބްލިކަނުންނާއި ޑިމޮކްރެޓުންގެ ތެރެއިން ފޮސިލްފިއުލްގެ ދިފާއުގައި ތެދުވާނޭ މީހުން އެބަފެނެއެވެ. ވާހަކަ ދައްކާ މީހުން ވެސް އެބަފެނެއެވެ. ބައެއްކަހަލަ ނިންމުންތައް ގާނޫނުހަދާ މަޖިލީހާ ހަމަޔަށް ދިޔުމުން އެފަދަ މީހުންގެ ވިސްނުމަކީ ހުއްޓުވައިލުމުގެ ވިސްނުމެވެ.

ތެލާއިގޭސް އުފައްދާ ގައުމުތަކުގެ ނުފޫޒަކީ ވެސް ކުޑަ ނުފޫޒެއް ނޫނެވެ. ސައޫދީއަރަބިޔާއާއި އެމިރޭޓްސް ކަހަލަ ގައުމުތަކުން ކޮންމެވެސްވަރެއްގެ ހިފުމެއް ހިފާނެއެވެ. އެކަމަކު މި ޓްރެންޑަކީ ދެން ބަދަލުވާންއޮތް ޓްރެންޑެއް ނޫނެވެ. ކުރިމަގު އޮތީ ސާފުހަކަތައިގެ މަތީގައެވެ. ތެލާއިގޭހަކީ މާޟީއެވެ. މާޟީގައި ބަގުޑިބައްދައިގެން ތިބެގެން ސަލާމަތުގެ އައްސޭރި އަތުވުމެއް ނެތެވެ. ޕެރިސް މުއާހަދާގެ މަފްހޫމަކީވެސް ސަލާމަތުގެ އައްސޭރިއެއް ހޯދުމެވެ. ސާފުހަކަތައިގެ މަތީގައި ދުނިޔެ އަލުން އާރާސްތުކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
50%
0%
50%
ކޮމެންޓް