raajjemv logo
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލްމަހުގެ 10ގައި ބާއްވަނީ
 
އިންތިހާބު ފަސްކުރަން ސިޔާސީ ޕާޓީތަކުން ބޭނުން ނުވޭ
 
އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލުގެ ދަށުން މިއަދުން ފެށިގެން ކެމްޕެއިން މަސައްކަތް ކުރެވޭނެ
 
އިންތިޚާބުގެ މަސައްކަތް މިމަހުގެ 29ވާ ހޮނިހިރު ދުވަހު ފަށާނެ
އިސްމާއިލް އާޒިމް
3,950
ކ. މާލެ |
26 ޖެނުއަރީ 2021 | އަންގާރަ 14:42
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
ރާއްޖެ އެމްވީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިންތިޚާބު ބާއްވާނެ ދުވަހަކާ މެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި އިލެކްޝަންސް ކޮމިޝަންްގެ ޤައުމީ ލަފާދޭ ކޮމިޓީގައި ވާހަކަދައްކަވަމުން، އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވީ އިންތިޚާބުގެ މަސައްކަތް މިމަހުގެ 29ވާ ހޮނިހިރު ދުވަހުން ފަށާނެކަމަށެވެ. ޝަރީފު ވިދާޅުވީ އިންތިޚާބުގެ ތާރީޚު އިޢުލާންކުރުމުން އެޗް.ޕީ.އޭ.އިން އާއްމުކޮށްފައިވާ އުސޫލުގެ ދަށުން މިއަދުން ފެށިގެން ކެމްޕެއިންގެ މަސައްކަތް ކުރެވޭނެކަމަށެވެ. އަދި މި އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ނަން ނެގުމުގެ އެންމެ ފަހު ތާރީޚަކީ ކޮބައިކަން އަންނަ ހޮނިހިރު ދުވަހު އާއްމުކުރާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގައިޑްލައިންގައި ހުރި ބައެއް ކަހަލަ ކަންބޮޑުވުންތަކާ ގުޅިގެން ސިޔާސި ޕާޓީތަކާއެކު މަޝްވަރާކުރަން އިލެކްޝަނުން އެދުނު ނަމަވެސް، ޕާޓީތަކުން އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށެވެ. އަދި ކަންބޮޑުވުންތަކުގެ ސަބަބުން އިންތިހާބު ފަސްކުރުމަށް ޕާޓީތަކުގެ މަޝްވަރާއަށް އެދުމުން ޕާޓީތަކުން އެ މަޝްވަރާއަށް އެއްބަސްވެފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޮވިޑް-19 އާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަދުވެހެވެ. ނަމަވެސް މި ގާނޫނަށް އިސްލާހެއް ހުށަހަޅާ އަލުން ފާސްކުރި އިސްލާހުގައި ވަނީ މެއި މަހުގެ 10ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް އިސްލާހުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފއިވަނީ ކޮވިޑް-19 މުޖުތަމަޢުގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީއާއި، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމުކުރެވެންދެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން މި އިންތިޚާބު ފަސްކުރެވިފައިވީ ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަލުން ބޭއްވުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް 2021 ޖަނަވަރީ 29 ވާ ހުކުރު ދުވަހު ފަށާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އަދި މި އިންތިޚާބުގެ ވޯޓުލުން، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ އިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ވަގުތުކޮޅެއް ދިނުމަށްފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 އެޕްރީލް 24 ވާ ހޮނިހިރު ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް