ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 12:35
އައިސިސް ޖަމާޢަތަށް ނިސްބަތްވާ ބަޔަކު އެ ޖަމާޢަތުގެ ދިދަ ހިފައިގެން ޙަރަކާތްތެރި ވަނީ
އައިސިސް ޖަމާޢަތަށް ނިސްބަތްވާ ބަޔަކު އެ ޖަމާޢަތުގެ ދިދަ ހިފައިގެން ޙަރަކާތްތެރި ވަނީ
އޭޕީ
ރާއްޖޭގައި އޮޕަރޭޓްކުރާ ހަރުކަށި ފިކުރުގެ ޖަމާޢަތް
ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
 
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ވަނީ އާންމު ކޮށްފައި
 
ޓެރަރިސްޓް ޖަމާޢަތްތަކަށް ތާޢީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ތުހުމަތު ކުރެވޭ
 
އެމީހުންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފައި

އިސްލާމިކް ސްޓޭޓް (އައިސިސް) ޖަމާޢަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރަކަށް ދިވެހިންގެ ތެރެއިން މީހަކު ޢައްޔަނު ކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހު ފުލުހުން ނެެރުނު ބަޔާނެއްގައި ބުނީ، (އައިސިސް) ޖަމާޢަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން ދިވެހިންގެ ތެރެއިން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް ޢައްޔަނުކޮށްފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ވަނީ ތ. ތިމަރަފުށީގައި އައި.އީ.ޑީއެއް ތައްޔާރުކޮށް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ މީހުންގެވަނަވަރުއާންމުކޮށް، އެމީހުންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައެވެ.

ފުލުހުންގެ ތަހުޤީޤަށް ފާހަގަވި ކަންކަން ޙިއްޞާކޮށް ފުލުހުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ހައްޔަރު ކޮށްފައިވާ 8 މީހުންގެ ތެރެއިން އެކަކު އައިސިސް ޖަމާޢަތާ ގުޅިގެން ހަނގުރާމައަށް ދިއުމަށް ޝައުޤުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިސްޓް ޙަމަލާއެއް ދިނުމަށް އިންޓަރނެޓުން ސާރޗް ކުރިކަމުގެ މަޢުލޫމާތު ބައިނަލްއަޤުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނާ ޙިއްޞާ ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ހިމެނޭ މީހަކު އައިސިސް ޖަމާޢަތަށް ތާއީދުކޮށް، އެ ޖަމާޢަތުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސް ކޮށްފައިވާ ކަމަށާއި، ރާއްޖޭގައި ލިބެން ހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް، ޙަމަލާއެއް ދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ތަހުޤީޤަށް ފާހަގަވިކަން ވެސް ފުލުހުން ބަޔާން ކޮށްފައިވެއެވެ.

އޭގެ އިތުރުން، އައިސިސްއިން "ޖަޒީރާގެ ޒުވާނުންނަށް" މުޚާތަބުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ މެސެޖް ފޮނުވާފައިވާކަން ވެސް ފުލުހުންގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި 2020 ވަނަ އަހަރު ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޯލެވެލް އިމްތިޙާނު ހަދަމުންދިޔަ ވަގުތާ ދިމާކޮށް އެ ސުކޫލުގެ ލެބޯރެޓަރީ ގޮއްވާލަން ރޭވި ކަމަށާއި، އެ ދުވަސްވަރު ސުކޫލުގެ ކެމިކަލް ރައްކާކުރާ ގުދަން ވެސް ފަޅާލާފައިވާކަމަށް ވެސް ފުލުހުން ފާހަގަ ކޮށްފައިވެއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި 2020 ނޮވެމްބަރު 11 ވަނަ ދުވަހު ތިމަރަފުށީގެ "ނަސާޙް 3" ދޯނި ބަލައި ފާސްކުރިއިރު، އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުން ކުރެވިދާނެ އާލަތްތަކެއް ފެނިފައިވާ ކަމަށާއި، ދޯނި އަޅާފައި އޮތް ސަރަޙައްދުގެ މޫދުގެ 10 މީޓަރު އަޑިން ބަޑިބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ބައެއް ގެތަކުން ވެސް އެފަދަ ތަކެތި ވަނީ ފެނިފައެވެ.

އޭގެ އިތުރުން، މިކަމާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ޑިޖިޓަލް ޑިވައިސްތަކަށް ބެލުމުން އެމީހުން މަސައްކަތް ކުރަމުން ދިޔައީ އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ޙަމަލާއެއް ރޭވުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ހައްުޔަރުކުރި 8 މީހެއްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ. އޭގެ ތެރޭގައި އައިސިސްގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން ދިވެހިންގެ ތެރެއިން އަމީރެއްގެ ގޮތުގައި ޢައްޔަނު ކޮށްފައިވާކަމަށް ބުނާ ތ. ތިމަރަފުށި، ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
39%
11%
25%
14%
7%
4%
ކޮމެންޓް