raajjemv logo
ރާއްޖޭގައި ޓެރަރިސްޓް ޖަމާޢަތް އޮޕަރޭޓް ކުރުން
ގޮވާއެއްޗެއް ތައްޔާރުކޮށް، ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރޭވި 8 މީހަކު ހައްޔަރުކޮށްފި
 
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ވަނީ އާންމު ކޮށްފައި
 
ރަށުގެ ބައެއް ގޭގައި ހަރުކަށި ފިކުރުގެ ބައެއް ކްލާސްތައް ހިންގައި، ހަރުކަށި ފިކުރުގެ ދަރުސްތައް ދޭ
 
ޓެރަރިސްޓް ޖަމާޢަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ތުހުމަތު ކުރެވޭ
މުހައްމަދު ފަޒީން
6,213
ކ. މާލެ |
26 ޖެނުއަރީ 2021 | އަންގާރަ 12:13
ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން މީގެ ކުރިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން- ފުލުހުން ދަނީ ދޭތެރެ ދޭތެރެއިން އެފަދަ އޮޕަރޭޝަންތައް ހިންގަމުން
މަޑުއްވަރި އޮންލައިން

އިމްރްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ)އެއް ތައްޔާރުކޮށް، ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރޭވި ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ޤަބޫލުކުރާ ބަޔަކު އިސްވެތިބެ، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިސްޓް ޖަމާޢަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ދައްކައި، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވައި، އެކަމަށް ހިތްވަރުދީ، ތިމަރަފުށީގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާޙް 3" ދޯނީގައި އައިއީޑީ (ގޮވާ އެއްޗެއް) ތައްޔާރުކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށްގޮސް ތަމުރީންތައް ހަދަމުންދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން، ރަށުގެ ބައެއް ގޭގައި ހަރުކަށި ފިކުރުގެ ބައެއް ކްލާސްތައް ހިންގައި، ހަރުކަށި ފިކުރުގެ ދަރުސްތައް އޮންލައިންކޮށް ބާއްވައި، ރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދެމުންދާކަމަށް ތުހުމަތު ކުރެވޭކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުންގެ ފަރާތުން ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް، މި މައްސަލަގައި ތުހުމަތު ކުރެވޭ 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ތިމަރަފުށިން އިތުރު 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ވަނީ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފައެވެ.

  1. އަބްދުﷲ ޝަރީފް ( ތ ތިމަރަފުށި ފެލިވިދުވަރުގެ)
  2. އަޙްސަން މުޙައްމަދު ( ތ ތިމަރަފުށި އަސްރަފީވިލާ)
  3. އަލީ މުނީޒް ( ތ ތިމަރަފުށި ކެނެރީގެ)
  4. މުޙައްމަދު އާސިރު ( ތ ތިމަރަފުށި އަސުރުމާގެ)
  5. އަލީ އަރުޙަމް މުޙައްމަދު ( ރ ކަނދޮޅުދޫ ފެހިވިލާ)
  6. ޝަމާހު ޝަރީފް ( ތ ތިމަރަފުށި ސައިމާ)
  7. އިބްރާޙިމް ލޫތު ( ނ ކުޑަފަރި ރޯޒްމީޑް)
  8. އަބްދުﷲ އިމާދު ( ރ މަޑުއްވަރި ބީޗް ހައުސް)

ފުލުހުން ބުނީ، މި މީހުންގެ ތެރޭގައި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، މީހަކަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، މުދަލަށް ގެއްލުން ދިނުން ފަދަ މައްސަލަތަކުގައި މީގެ ކުރިންވެސް ހައްޔަރު ކޮށްފައިވާ މީހުން ހިމެނޭ ކަމަށެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރު ކޮށްފައި ތިބި މީހުންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި 2021 ޖެނުއަރީ 25 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. އަދި އޭގެ އިތުރުންވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ބައެއްގެ މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
20%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
60%
ދެރަ ވެއްޖެ
20%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
26 ޖެނުއަރީ 2021 | އަންގާރަ 20:04
ވިރަސް
މައިން ބަޕައިން ގެ އިހުމާލު މިކަމުގައި ވަރަށް ވއސ ބޮޑު