raajjemv logo
ސިފަންނަށް މަގާމުގެ ކުރިއެރުން ދިނުން
ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމަށް ތިން އަންހެން ކަނބަލުން
 
ވެކްސިން އެއް ރަށުން އަނެއް ރަށަށް ގެންދިއުމުގައި ސިފައިންގެ ދައުރު ބޮޑު
 
ކޮވިޑުގެ ހާލަތުން އަރައިގަތުމުގައި ސިފައިން އަދާކުރަނީ މުހިންމު ދައުރެއް
ނާފިއު ރަޝީދު
16,225
ކ. މާލެ |
25 ޖެނުއަރީ 2021 | ހޯމަ 19:36
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމުގައި ވިދާޅުވި
އެމްއެންޑީއެފް

ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމު ތިން ބޭކަނބަލުންނަށް ލިބިއްޖެއެވެ.

މި ތިން ބޭކަނބަލުންނަށް ކާނަލްގެ މަގާމު އަރުވާފައިވަނީ ސިފައިންގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ހޯމަ ދުވަހު ސިފައިންގެ ބަންޑާރަ ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. ކާނަލްގެ މަގާމު ލިބިލެއްވި ތިން ބޭކަނބަލުންނަކީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަޙްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާ އެވެ.

އަލަށް ކޮމިޝަންވި ސިފައިންނާއި މަޤާމުގެ ކުރިއެރުން ޙާސިލްކުރި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވުމަށް ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިންތީގެ ހަމަހަމަކަން ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ސަރުކާރެއް ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމް ހާސިލް ކުރެއްވި ތިން އަންހެން ބޭކަނބަލުން ހިމެނިވަޑައިގަންނަވާތީ އެކަމާ ނުހަނު އުފާކުރައްވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރަކީ، ދިވެހި އަސްކަރިއްޔާގެ އޯގާތެރި ޚިދުމަތް، ދިވެހި ތާރީޚާއި ދިވެހިންގެ ހަނދާނުން ފޮހެވިގެން ނުދާނެ އަހަރެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، މިހާރުވެސް ސިފައިން ތައްޔާރުވަމުންދަނީ ރައީސް ޞާލިޙް އެކަމަށް އެދިވަޑައިގެންނެވުމުން ކޯވިޑް-19 ގެ ވެކްސިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާއިން މި ހުރިހާ ކުރިއެރުމެއް ޙާސިލްކުރެވެނީ، ރައީސް ޞާލިޙް ދެއްވާ އިރުޝާދާއި އަގުހުރި ލަފާގެ މަތިން، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ލީޑަރޝިޕާއި، ހުރިހާ ރޭންކެއްގެ ސިފައިންގެ ބުރަ މަސައްކަތާއި އެއްބާރުލުން ލިބިގެން ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ދިފާޢީ މުއައްސަސާގެ ކޮންމެ ޕްރޮމޯޝަނެއް، ކޮންމެ މެޑައްޔެއް، ކޮންމެ ކުލައެއް އަދި ކޮންމެ ޝަރަފަކީ، އެކަމަށް އޮންނަ އުޞޫލުގެ ތެރެއިން ސިފައިން ޙާސިލްކުރާ އެއްޗެއް ކަމަށެވެ. އަދި މިއީ، އެއްގޮތަކަށްވެސް މިނިސްޓަރުގެ ހެޔޮފުޅުކަމުން، ނުވަތަ ވަކި އަތޮޅަކަށް، ރަށަކަށް، ފިކުރަކަށް ނުވަތަ އާއިލާއަކަށް ނިސްބަތްވާތީ، ދޭ ހަދިޔާއެއް އަދި އިނާމެއް ނޫން ކަމަށްވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

އެއީ، ތިޔަ އޮފިސަރުންގެ މައިންބަފައިން ތިޔަ ބޭފުޅުންނަށް ދެއްވި ފުރިހަމަ ތަރުބިއްޔަތާއި އަޚްލާޤީ ހަމަތަކުގެ ބިންގަލުން ނުކުންނަ ނަތީޖާ. އެއީ، ތިޔަ އޮފިސަރުންގެ އަނބިދަރިންނާއި އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން ތިޔަ ބޭފުޅުންނަށް ދޭ ލޯތްބާއި ހިތްވަރުން ނުކުންނަ ނަތީޖާ. އަދި އެއީ، ތިޔަ އޮފިސަރުންގެ މައްޗަށް ތިއްބަވާ ކޮމާންޑަރުންނާއި މުދައްރިބުންނާއި މުދައްރިސުން ދެއްވާ އިރުޝާދުގެ ނަތީޖާ. މިއަދު، ތިޔަ އޮފިސަރުން ހޯއްދަވާ ޕްރޮމޯޝަނަކީ، ތިޔަ ސިފައިންނަށް ޙައްޤު އެއްޗެއްކަން، މުޅި މި މުއައްސަސާ ހެކިވާނެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މި ދަތި އުނދަގޫ ޙާލަތުގައިވެސް، ސިފައިން ދިޔައީ ޤައުމީ ވާޖިބު އަދާކުރުމުގައި ފަސްޖެހުމެއްނެތި ކުރިއަށްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓަވައި، ދަމަހައްޓަވައި، ރައްޔިތުންގެ ޚިދުމަތުގައި ތާއަބަދަށް ދެމިތިބުމަށް، ސިފައިން ޢަޒުމް ކަނޑައަޅާ، އެޢަޒުމް ވަރުގަދަކުރަންވާނެ ކަމަށެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި އެކިއެކި ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
8%
އަންތަރީސް ވެއްޖެ
69%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
15%
ރުޅި ގަދަ ވެއްޖެ
8%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް