ކ. މާލެ
|
25 ޖެނުއަރީ 2021 | ހޯމަ 04:56
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކެމްޕޭން ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކެމްޕޭން ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ
ޝުރުފާ މުހައްމަދު
އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު
އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނަށް ނިކުންނަން ޖެހިދާނެ ކަމަށް ހީވެސް ނުކުރަން: އިމްރާން
 
އިންތިހާބަށް ހުޅުވާލުމާ އެކު އެކި ކަހަލަ މައްސަލަތައް ފެންމަތިވެ އީސީ އަށް ވެސް ހުށަހަޅާފައިވޭ
 
ޕާޓީގެ ރައީސް ކަމަށް އިސްލާމިކް މިނިސްޓަރ ވެސް ކުރިމަތިލެއްވި
 
ރާއްޖޭގެ ސިޔާސީ މަސްރަހުން ޕާޓީގެ ހިންގުމަށް ނުފޫޒު ފޯރުވާ

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު އެހާ ބޮޑުކޮށް ބާއްވަން ޖެހުނީ ބޭރުގެ ބައެއް ސިޔާސީ ނުފޫޒު ޕާޓީއަށް ފޯރައި ޕާޓީ ރޫޅާލަން މަސައްކަތްކުރާތީ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ޕާޓީގެ ރައީސްކަން މިހާރުވެސް ކުރައްވާ އިމްރާން އަބްދުﷲ ވަނީ ކުރިމަތިލައްވާފައެވެ. އެމަނިކުފާނުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކޮށް ކެމްޕޭން އަށް ބޮޑު ހަރަކާތެއް ބާއްވައި ވާހަކަދައްކަވަންޖެހިވަޑައިގަންނަވާނެ ދުވަހެއް އަންނާނެ ކަމަށް ހީނުކުރައްވާ ކަމަށެވެ.

ނަމަވެސް މިއަދު އެކަން ވެސް ކުރަން ޖެހިފައިވާ ކަމަށާއި އެކަން ކުރަން ޖެހުނީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އޭގެ ނުފޫޒު އަދާލަތު ޕާޓީ އަށް ފޯރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޕާޓީގެ ސަފުތައް ބައިބައިކުރަމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކަންކަން "ހަރުކޮށް" ކުރަން ނިންމީ އެ ސަބަބައްޓަކާ ކަމަށް ވިދާޅުވިއެވެ.

މިވަގުތު، މި ހިނގާ ދެ ގަޑިއިރު ތެރޭގައި އަޅުގަނޑު ޕާޓީއަށާއި ދިވެހި ގައުމަށާއި، ހުރިހާ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތައް ކޮށްދޭން ހުރި މަސައްކަތް މާވެސް ގިނަ. އެކަމަކު ކުރިން ދެންނެވިގެން މި ހާލަތު ކުރިމަތިކުރީތީވެ މި ވަގުތު ހުސްކުރަން ޖެހުނީ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އިމްރާން ވިދާޅުވީ މީގެ 15 ވަރަކަށް އަހަރުކުރިން އަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލި ވަގުތެއްގައި ކަމަށެވެ. އެ ހާލަތުގައި ވެސް އަދާލަތު ޕާޓީ އުފެއްދީ ވަރަށް ސާފު މަގްސަދަކަށްޓަކައި ވަރަށް ހަރުދަނާ ބިންގަލެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ އަމާޒަކީ އަދުލު އިންސާފުގެ މައްޗަށް ބިނާވެފައިވާ ދީނީ ސިޔާސީ އިޖްތިމާއި ނިޒާމެއް ރާއްޖޭގައި ގާއިމްކުރުން ކަމުގައި ވިދާޅުވިއެވެ. އަދި މީގެ 100 އަހަރު ފަހުން ވެސް އެ އަމާޒަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ޕާޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތީގެ ނިޔަލަށް އިތުރުކުރުމަށް ފަހު ޕާޓީ ބާއްވާ ތާރީހު ވަނީ ފަސްކޮށްފައެވެ.

އެ ޕާޓީން އިންތިހާބަށް އިއުލާންކުރުމާ އެކު އެކި ކަހަލަ މައްސަލަތައް ފެންމަތިވެފައިވާއިރު ޕާޓީގެ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތި ނުލެވޭ މައްސަލަ އާއި، އެ ޕާޓީގެ ބާރުތައް ވަކި ބަޔަކަށްދޭން އުސޫލުތަކަށް ބަދަލު ގެންނަން މަސައްކަތްކުރާ ކަމަށް ބުނެ ޕާޓީގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ވެސް މައްސަލަތައް ހުށަހަޅާފައިވެއެވެ. އެ ޕާޓީން މިހާރު ވަނީ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ބަދަލުކޮށްފައެވެ.

މީގެ އިތުރަށް ގެނައި ބައެއް އިސްލާހުތަކުގައި ޕާޓީ އަށް ތިން ނައިބު ރައީސުން ހޮވުމާއި އޭގެ ތެރެއިން އެކަކަކީ ރައީސް އަށް ކުރިމަތިލާ މީހެއްގެ ރަނިން މޭޓުގެ ގޮތުގައި ހަރަކާތްތެރިވާ މީހާގެ ގޮތުގައި ވެސް އުސޫލަށް ބަދަލުގެނެސްފައިވެއެވެ. ޕާޓީގެ ރައީސް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރިމަތިލެއްވި އިރު އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވެސް ވަނީ ކުރިމަތިލައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
55%
9%
0%
0%
27%
9%
ކޮމެންޓް