ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 13:38
ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނިކޮށް
ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނިކޮށް
ރޮއިޓަރސް
ކޮވިޑް-19، ބްރެޒިލްގެ ހާލަތު
ކޮވިޑްގެ ދެވަނަ ރާޅާއެކު ބްރެޒިލްގެ ސިއްޙީ ނިޒާމަށް ނުކަތާނެ – ރިޕޯޓްތައް
 
މިހާރުވެސް ބައެއް ހޮސްޕިޓަލްތަކުގައި ބޭނުންވާ މިންވަރަށް އިކުއެޕްމެންޓް ނެތް

ކޮވިޑް-19ގެ ދެވަނަ ރާޅެއް ބްރެޒިލްއަށް ބިންދާލާފައިވާ ކަމަށް އެގައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާއިރު، ދެވަނަ ރާޅާއެކު އެގައުމުގެ ސިއްޙީ ނިޒާމަށް ނުކަތާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޮވިޑްގެ ދެވަނަ ރާޅާއެކު ބްރެޒިލްއިން ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވެފައިވާއިރު، ވައިރަސް ކޮންޓްރޯލްނުވެ ގިނަ ދުވަސްވާވަރަކަށް ހޮސްޕިޓަލަށް ނުކަތާ މިންވަރަށް ބަލި މީހުން ގިނަވެދާނެ ކަމުގެ ބިރު އޮތް ކަމަށް އެގައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މިހާރު ވެސް ބައެއް ހޮސްޕިޓަލްތައް ފުރި ތޮއްޖެހެމުން އަންނަކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކޮވިޑްގެ ވައިރަސް ފެތުރެން ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ދޯދިޔާކޮށް އެޅި ގައުމަކީ ބްރެޒިލެވެ. އެއާއެކު ބްރެޒިލްއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެފައިވާއިރު، އެގައުމަކީ މުޅި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމު ވެސް މެއެވެ.

ބްރެޒިލްގެ ސިއްޙަތާބެހޭ ވުޒާރާގެ އޮފިޝަލަކު ބުނީ މިހާރު ވެސް ބައެއް ހޮސްޕިޓަލްތަކުގައި ބޭނުންވާ މިންވަރަށް އިކުއިޕްމެންޓް ނެތް ކަމަށާއި، އެގޮތުން ހޮސްޕިޓަލްތަކުން އޮކްސިޖަން އުފެއްދޭ މިންވަރަށްވުރެ ބޮޑަށް އޮކްސިޖެން ބޭނުންކުރަން ޖެހިފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރު ފަދަ މުހިންމު އާލާތްތައް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް އޮފިޝަލު ވަނީ ބުނެފައެވެ.

ބްރެޒިލްއިން މިހާތަނަށް 8،755،133 (އަށް މިލިއަން ހަތްލައްކަ ފަންސާސް ފަސްހާސް އެއްސަތޭކަ ތިރީސް ތިނެއް) މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 215،299 (ދެ ލައްކަ ފަނަރަހާސް ދުވިސައްތަ ނުވަދިހަ ނުވަ) މީހުން ވަނީ އެގައުމުން މި ބަލީގައި މަރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް