ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 12:54
ސީޝެލްސްއިން ވެކްސިންއާ ހަވާލުވި ރަސްމިއްޔާތުގެ ތެރެއިން
ސީޝެލްސްއިން ވެކްސިންއާ ހަވާލުވި ރަސްމިއްޔާތުގެ ތެރެއިން
-
ކޮވިޝީލްޑް ވެކްސިން ފޮނުވުން
އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ގިނަ ގައުމުތަކަކަށް ފޮނުވައިފި
 
ސެރަމް އިންސްޓިއުޓުން ވެސް ވަނީ ކޮވިޝީލްޑް ވެކްސިނަކީ ކާމިޔާބު ވެކްސިންއަކަށް ވާނެކަމުގެ ޔަގީންކަން ދީފައި
 
ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިވާނެ
 
އިންޑިއާއިން އަބަދުވެސް އިންސާނިއްޔަތުކަމަށް އިސްކަންދޭ

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ގިނަ ގައުމުތަކަކަށް ފޮނުވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒްގެ މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖެއިޝަންކަރު ވިދާޅުވީ ކޮވިޑް-19ގެ ވެކްސިން މޮރިޝަސް، މިއަންމާ، ބްރެޒިލް އަދި މޮރޮކޯއަށް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް އިންސާނިއްޔަތުކަމަށް އިސްކަންދޭކަމަށާއި، ވެކްސިން ފޯރުކޮށްދިނުމާއެކު ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ގައުމުތަކުން އިންޑިއާއާމެދު ބާއްވާ ގާތްކަމާއި ކުރަމުންދާ އިތުބާރަށް ޝުކުރު އަދާކުރެއްވިއެވެ.

އެގޮތުން އެއްލައްކަ ޑޯޒް ވެކްސިން މޮރިޝަސްއަށް، 1.5 މިލިއަން ޑޯޒް ވެކްސިން މިއަންމާއަށް، 50،000 ޑޯޒް ވެކްސިން ސީޝެލްސްއަށް، ދެމިލިއަން ޑޯޒް ވެކްސިން ބްރެޒިލްއަށް އަދި ދެމިލިއަން ޑޯޒް ވެކްސިން މޮރޮކޯއަށް ވަނީ ފޮނުވާފައެވެ. އަދިވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންޑިއާގެ މިވެކްސިން އިތުރު ގައުމުތަކަށް ފޮނުވާ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ކޮވިޝީލްޑް ވެކްސިން ވަނީ ގެނެސްފައެވެ. އިންޑިއާއިން އުފެއްދި ވެކްސިން އެ ގައުމުގެ އެތައްހާސް ބަޔަކަށް މިހާތަނަށް ދީފައިވާއިރު، ބޭރު ގައުމަކަށް ވެކްސިން ފުރަތަމަ ފޯރުކޮށްދިން ދެގައުމަކީ ރާއްޖެއާއި ބޫޓާންއެވެ.

މި މިވެކްސިންއަކީ އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީ ކޮލަރބްރޭޓްވެފައިވާ ވެކްސިންއެކެވެ. ސެރަމް އިންސްޓިއުޓުން މިވެކްސިންގެ ޑޯޒްތައް އުފައްދާތީ އިންޑިއާއިން ވަނީ މިވެކްސިންއަށް ''ކޮވިޝީލްޑް''ގެ ނަމުން ނަންދީފައެވެ. އެސްޓްރަޒެނެކާގެ ވެކްސިންތައް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ގިނަ ގައުމުތަކުގައި ވަނީ ދީފައެވެ. އެގޮތުން އިނގިރޭސިވިލާތް، ޕާކިސްތާން، ބްރެޒިލް އަދި މެކްސިކޯ ފަދަ ގައުމުތައް ހިމެނެއެވެ.

ޑަބްލިޔު.އެޗް.އޯ.ގެ ފުރިހަމަ އިތުބާރާއެކު ކާމިޔާބު ގިނަ ވެކްސިންތަކެއް އުފައްދާ އިންޑިއާގެ ސެރަމް އިންސްޓިއުޓުން ވެސް ވަނީ ކޮވިޝީލްޑް ވެކްސިން ކާމިޔާބު ވެކްސިންއަކަށް ވާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި އުސޫލު އޮންނަ ގޮތުން ކޮންމެ ވެކްސިންއަކަށް ވެސް ވަކިން ހުއްދަ ދޭން ޖެހޭއިރު، ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔު.އެޗް.އޯ.ގެ ހުއްދަ ލިބޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް