ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 04:02
ރާއްޖެއިން އެންމެ ފަހުން ބައިވެރިވި އައިޓީބީ ބާލިން ފެއަރގެ ތެރެއިން
ރާއްޖެއިން އެންމެ ފަހުން ބައިވެރިވި އައިޓީބީ ބާލިން ފެއަރގެ ތެރެއިން
ރައީސް އޮފީސް
ރާއްޖެ އިޝްތިހާރު ކުރުން
އެކްސްޕީޑިއާ މެދުވެރިކޮށް ހަތަރު މަންޒިލެއްގައި ރާއްޖެ އިޝްތިހާރުކުރަނީ
 
ރާއްޖެ އިޝްތިހާރުކުރާނެ ހަތަރު މަންޒިލަކީ ރަޝިޔާ އާއި އިންޑިއާ އާއި މެދުއިރުމަތި އަދި ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން

ދުނިޔޭގެ މަޝްހޫރު ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އެކްސްޕީޑިއާ މެދުވެރިކޮށް ހަތަރު މަންޒިލެއްގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފަށައިފިއެވެ.

އެމްއެމްޕީއާރްސީއިން ބުނީ ރާއްޖެ އިޝްތިހާރުކުރާނެ ހަތަރު މަންޒިލަކީ ރަޝިޔާ އާއި އިންޑިއާ އާއި މެދުއިރުމަތި އަދި ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ. މި ޚާއްޞަ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަނީ ވަކިވަކިން ކަމާއި އެހެންވުމުގެ ސަބަބުން ރަށްތަކުގައި ހޭދަ ކުރާ ޗުއްޓީއަކީ ރައްކާތެރި އަމާން ދަތުރަކަށްވާނެކަން ފަތުރުވެރިންނަށް އަންގައިދޭނެ ކަމަށް ވެސް އެމް.އެމް.ޕީ.އާރް.ސީ.އިން ބުނެއެވެ.

މި ކެމްޕެއިންގެ ތެރެއިން 23 މިލިއަން މީހުންނަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެމް.އެމް.ޕީ.އާރް.ސީ.އިން ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިކަމުގެ ދާއިރާ އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު މި އަހަރުގެ މިހާތަނަށް 60،000 އަށް ވުރެ ގިިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހުކުރު ދުވަހު ހާމަކޮށްފައެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެއްދުވަހަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. އެދުވަހު 4195 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖެނުއަރީމަހުގެ ދެ ވަނަ ދުވަހު 4160 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 594 ޓޫރިސްޓު ފެސިލިޓީއެއްގައި 42,776 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ. އެއީ 142 ރިސޯޓެއްގައި 32,930 އެނދު، 11 ހޮޓަލްގައި 1,458 އެނދު އަދި 134 ސަފާރީއެއްގައި 2,588 އެނދުގެ އިތުރުން 307 ގެސްޓްހައުސްގައި އޮޕަރޭޓްކުރާ 5,800 އެނދެވެ.

ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑެތި މާކެޓްތަށް ކަމަށްވާ އިޓަލީ ޗައިނާ ފަދަ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުނު ނަމަވެސް މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު އައު މާކެޓްތަކެއް ވަނީ ތައާރަފްވެފައެވެ. އަދި ރަޝިއާ އާއި ކަޒަކިސްތާން ފަދަ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދު އިތުރުވެގެން ދިޔައިރު، މެދުއިރުމަތީގެ ގައުމުތަކުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް