ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 00:11
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
ގެޓީ އިމޭޖަސް
ކޮވިޑް-19: އިނގިރޭސިވިލާތުގެ ހާލަތު
އިނގިރޭސިވިލާތުގައި ކޮވިޑް ވޭރިއަންޓްގެ ނުރައްކާ ބޮޑު: ބޮރިސް
 
އައު ވޭރިއަންޓްގެ ނުރައްކާ 30 އިންސައްތަ ބޮޑު ކަަމަށް ބުނެފައިވޭ

އިނގިރޭސިވިލާތުގައި ކޮވިޑް ވޭރިއަންޓްގެ ނުރައްކާ ބޮޑު ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބޮރިސް ވިދާޅުވީ އައު ކޮވިޑްގެ ވޭރިއަންޓް އަސްލު ވައިރަސްއަށް ވުރެ ވެސް އަވަހަށް ފެތުރޭ ކަމަށާއި އަދި އެއީ ނުރައްކާ ބޮޑު ވޭރިއެންޓްއެއް ކަމަށް "ބައެއް ހެކިތަކުން" ދައްކާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ޗީފް ސައިންޓިސްޓް ޕެޓްރިކް ވެލެންސް ވެސް ވިދާޅުވެފައިވަނީ އައު ވޭރިއަންޓްގެ ނުރައްކާ 30 އިންސައްތަ ބޮޑު ކަމަށާއި އުމުރުން 60 އަހަރުގެ މީހަކަށް މި ވޭރިއަންޓްގެ އަސަރުކޮށްފިނަމަ ކޮންމެ 1000އިން 10 މީހަކު މަރުވުމުގެ ފުރުސަތު ބޮޑު ކަަމަށެވެ.

އެ ޤައުމުގެ ހާލަތަށް ބަލާއިރު މިހާރު ތިންވަނަ ވޭވްއެއް އައިސްފައިވާއިރު މިއީ އަދި ޕެންޑަމިކް ތެރޭގައި ވެސް އެ ޤައުމުގެ ހާލަތު އެންމެ ބޮޑަށް ގޯސްވި ފަހަރެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވައިރަސް ޖެހިގެން މީހުން މަރުވަމުން އަންނައިރު މިހާރު އެ ޤައުމުން ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ގާތްގަޑަކަށް ލައްކައަކަށް އަރަނީއެވެ.

އައު ވޭރިއަންޓާއެކު އިނގިރޭސިވިލާތުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު ވައިރަސް ޖެހިގެން މަރުވާ މީހުންގެ ހަށިތަކުން ހޮސްޕިޓަލްތައް ފުރެމުންދާތީ ވަގުތީ މޯޗަރީތަކެއް ވެސް މިދިޔަ ހަފްތާގައި ވަނީ ހަދަން ފަށާފައެވެ.

އިނގިރޭސިވިލާތަކީ ފަސް ވަނަ އަށް އެންމެ ގިނަ މީހުން މިބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 3 މިލިއަނަށް އަރާފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ފެތުރެމުންދާތީ މިހާރުވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ބޮރިސް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ވައިރަސް ފެތުރުން ކޮންޓްރޯލް ނުވާތީ އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމަށް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާ ވައިރަސްގެ އައު ސްޓްރެއިން ނުވަތަ ވޭރިއެންޓްގެ ކަންކަން އެ ގައުމާއި ގުޅިގެން ގާތުން ބަލަމުން އަންނަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުން މި އައު ސްޓްރެއިން ދިރާސާކުރަމުން އަންނައިރު އެކަމުގެ މައުލޫމާތު ޑަބްލިޔުއެޗްއޯއާ ހިއްސާކުރަމުން އަންނަ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި މި ސްޓްރެއިންގެ މައުލޫމާތު މެމްބަރު ގައުމުތަކަށާއި އާންމުންނަށް ފޯރުކޮށްދެމުން ގެންދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް