ކ. މާލެ
|
22 ޖެނުއަރީ 2021 | ހުކުރު 17:30
ރާއްޖެ އައިސްފައިވާ ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި
ރާއްޖެ އައިސްފައިވާ ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި
ވެލާނާ އެއާޕޯޓް
ރާއްޖެ އަންނަ ފަތުރުވެރިން
އަހަރުގެ މިހާތަނަށް 60،000ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
 
ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 594 ޓޫރިސްޓު ފެސިލިޓީއެއްގައި 42,776 އެނދު ދަނީ އޮޕަރޭޓް ކުރަމުން
 
މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުން ދަނީ ރަޝިއާއިން
 
މިހާތަނަށް އެއްދުވަހަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ވަނީ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު

މި އަހަރުގެ މިހާތަނަށް 60،000 އަށް ވުރެ ގިިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 60,581 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެއްދުވަހަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. އެދުވަހު 4195 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖެނުއަރީމަހުގެ ދެ ވަނަ ދުވަހު 4160 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިނިމުނު ހަފްތާގެ އާދިއްތަ ދުވަހު 3581 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ހޯމަ ދުވަހު ރާއްޖެ އައިސްފައި ވަނީ 2281 ފަތުރުވެރިންނެވެ. އަދި އަންގާރަ ދުވަހު 2786 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ބުދަ ދުވަހު ރާއްޖެ އައިސްފައި ވަނީ 1872 ފަތުރުވެރިންނެވެ. ބުރާސްފަތި ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ބުދަ ދުވަހު އައި ފަތުރުވެރިންނަށް ވުރެ ދެގުނަ އިތުރުވެފައެވެ. އެދުވަހު 2982 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުން ދަނީ ރަޝިއާއިންނެވެ. އެގޮތުން ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ 24.1 އިންސައްތަ ރަޝިއާގެ ފަތުރުވެރިން ހިއްސާކުރާ އިރު، އެގައުމަށް ނިސްބަތްވާ 13,880 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެއަށް ދެ ވަނައަށް އެންމެ ގިނަ އަދަދެއްްގެ ފަތުރުވެރިން އަންނަ ގައުމަކީ އަވައްޓެރި އިންޑިއާއެވެ. އެގައުމުން 10,623 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މިއީ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ 18.4 އިންސައްތައެވެ. ތިން ވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ޔޫކްރެއިނުން ހިއްސާ ކުރަނީ 8.7 އިންސައްތައެވެ. އެއީ 5,020 ފަތުރުވެރިންނެވެ.

އޭގެ އިތުރުން ކަޒަކިސްތާނުން 3,023 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ރާއްޖެ އައި ފަތުރުވެރިންގެ 5.2 އިންސައްތައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ 3.9 އިންސައްތަ ފްރާންސުން ހިއްސާކުރާއިރު، ރުމޭނިއާ އިންވެސް ހިއްސާ ކުރަނީ 3.9 އިންސައްތައެވެ. ފްރާންސުން މިހާތަނަށް 2,252 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ރުމޭނިއާއިން ރާއްޖެ އައިސްފައި ވަނީ 2,242 ފަތުރުވެރިންނެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ 3.6 އިންސައްތަ ހިއްސާކުރާ ޖަރުމަނުން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 2,070 ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓްކަމަށްވާ އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާން ފަށާފައިވާއިރު، އެގަމުން މިއަހަރު ރާއްޖެއައި ފަތުރުވެރިން ހިއްސާކުރަނީ ރާއްޖެއައި ފަތުރުވެރިންގެ 3.3 އިންސައްތައެވެ. މިއީ 1,900 ފަތުރުވެރިންނެވެ.

އެމެރިކާގެ ފަތުރުވެރިން 2.3 އިންސައްތަ ހިއްސާކުރާއިރު، އެގައުމުން ރާއްޖެ އައިސްފައި ވަނީ 1,312 ފަތުރުވެރިންނެވެ. އަދި 1,072 ފަތުރުވެރިން އައިސްފައިވާ ސްވިޒަލޭންޑުން ހިއްސާކުރަނީ 1.9 އިންސައްތައެވެ.

މީގެ އިތުރުން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 594 ޓޫރިސްޓު ފެސިލިޓީއެއްގައި 42,776 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ. އެއީ 142 ރިސޯޓެއްގައި 32,930 އެނދު، 11 ހޮޓަލްގައި 1,458 އެނދު އަދި 134 ސަފާރީއެއްގައި 2,588 އެނދުގެ އިތުރުން 307 ގެސްޓްހައުސްގައި އޮޕަރޭޓްކުރާ 5,800 އެނދެވެ.

ކޮވިޑް-19 އާއިއެކު އައި ލޮޅުމާއި ގުޅިގެން ގެސްޓްހައުސް ވިޔަފާރި އެއްކޮށް ހުއްޓުނު ނަމަވެސް ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ ލިބުމާއިއެކު 15 އަތޮޅެއްގެ 47 ރަށެއްގައި މިހާރު ގެސްޓްހައުސް އޮޕަރޭޓްކުރަން ވަނީ ފަށާފައެވެ.

ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑެތި މާކެޓްތަށް ކަމަށްވާ އިޓަލީ ޗައިނާ ފަދަ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުނު ނަމަވެސް މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު އައު މާކެޓްތަކެއް ވަނީ ތައާރަފްވެފައެވެ. އަދި ރަޝިއާ ކަޒަކިސްތާން ފަދަ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދު އިތުރުވެގެން ދިޔައިރު، މެދުއިރުމަތީގެ ގައުމުތަކުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް