raajjemv logo
ރައީސް ޔާމީންގެ ހައިކޯޓުގެ ޝަރީއަތް
ރައީސް ޔާމީން ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ރަނގަޅުކަމަށް ހައިކޯޓުން ނިންމައިފި
 
އެސްކްރޯ އެކައުންޓަށް ޖަމާކުރަން އެއްބަސްވި ފައިސާ ހުރީ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި ބަހައްޓާފައި، އެފައިސާއިން 36 މަސް ވަންދެން މަންފާ ހޯދާފައިވޭ
 
އެފައިސާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވި ނަމަވެސް، އެސްކްރޯ އެކައުންޓަށް ޖަމާކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޒަމީރު މެދުވެރިކޮށް ހޯދި 1 މިލިއަން ޑޮލަރު
 
ރައީސް ޔާމީން ވަނީ، ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަަށް ޖަމާކޮށްފައި
 
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ބަދަލުގެންނަންޖެހޭ ތަނެއްނެތްކަމަށް ހައިކޯޓުން ވަނީ ނިންމާފައި
މުހައްމަދު ފަޒީން
15,290
ކ. މާލެ |
21 ޖެނުއަރީ 2021 | ބުރާސްފަތި 16:24
ރައީސް ޔާމީން؛ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން
ޔޫޓިއުބް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލުމާއެކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމާއި ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

މަނީ ލޯންޑަރިންގ މައްސަލާގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމާގުޅިގެން، އެމައްސަލައަށް ބުރާސްފަތި ދުވަހު ހައިކޯޓުން މިވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް އެމައްސަލަ ނިންމާފައެވެ.

ހައިކޯޓުގައި ހުކުމުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ބެލެވޭތީ، އެފައިސާ އަނބުރާ ދައުލަތާ ހަވާލުކުރަން ފެންނަކަމަށް ރައީސް ޔާމީނަށް އޭސީސީން އެންގިކަމާއި އެފައިސާއަކީ ރައީސް ޔާމީން ސިޔާސީ އެކިއެކި ކަންކަމަށް ޚަރަދުކުރުމަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާގެ ތެރެއިން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ ހަވާލުކުރި ފައިސާގެ ތެރެއިން، އަނބުރާ ހަވާލުކުރުމަށް އެންގުމުން ޖަމާކުރި ފައިސާކަމަށާއި އެފައިސާއަކީ ދައުލަތަށް އަނބުރާ ދައްކަންޖެހޭ ފައިސާކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެ، އެފައިސާ ހަވާލުކުރުމަށް 2016 ވަނަ އަހަރުގެ ކުރީކޮޅު އިއުތިރާޒުކޮށްފައިވާކަން އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އެ ފައިސާއަކީ، އަދީބު ދޭންޖެހޭ ފައިސާކަމަށްވާތީ އަދީބު ދިން ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، އަދީބު ވަނީ ކްރިމިނަލް ކޯޓުގައި ހެކިބަސްދެމުން އެކަމަށް ދެކޮޅު ހައްދަވައި، އެ މުއާމަލާތް ހިނގާދިޔަ ގޮތް ޝަރީއަތަށް ވިދާޅުވެދެއްވާފައެވެ. ހައިކޯޓުގެ ހުކުމުގައި ވަނީ، އެފައިސާއަކީ އަދީބު ދޭންޖެހޭ ފައިސާ ކަމަށްވާތީ، އަދީބުދިން ފައިސާކަން ރައީސް ޔާމީނަށް މަދަނީ މިންގަނޑު ޝަރީއަތަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށެވެ. އަދި އެއީ އެއްވެސް ހެއްކެއް ގާރީނާއެއްނެތި، ހަމައެކަނި ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމެއްކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

އޭސީސީގެ ރިޕޯޓަށް ބަލާއިރު، އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށްކަން ފާހަގަކުރެވިފައިވާތީ، އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ ފައިސާކަމަށް ބެލެވޭތީ، އަދި ކުރިން ވެސް އެފައިސާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތްކުރުމުން ވެސް މިހާތަނަށް އެފައިސާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިނުވާތީ، އެހާލަތުގައި އެއްބަސްވުމެއް ހަދައިގެންވިޔަސް، އެ ފައިސާ ތަހުގީގުގައި ވަކިގޮތަކަށް ނިމެންދެން ހިފެހެއްޓުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ އޭސީސީގެ ނަމުގައި އެސްކްރޯ އެކައުންޓެއް ހުޅުވި ކަމަށްވެސް އޭސީސީގެ ރިޕޯޓްގައި ބުނެފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެންދާނެތީއާއި ގާނޫނީ އަދި ޝަރުއީ އޮނިގަނޑުގެ ތެރެއިން މި ފައިސާގެ މައްޗަށް ގޮތެއް ނިމެންދެން މި ފައިސާ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓުމަށް ރައީސް ޔާމީނާއެކު 25 މާރޗު 2018 ވަނަ ދުވަހު އެސްކްރޯ އެކައުންޓެއް ހުޅުވާ އެފައިސާ އެ އެކައުންޓުގައި ބެހެއްޓުމަށް އެއްބަސްވުމެއް ހެދުނު ކަމަށާއި އަދި އޭރުވެސް އެފައިސާ ހުރީ މޯލްޑިވްސް އިސްލާމިކް ބޭންކުގައިވާ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓުގައި 36 މަސް ވަންދެން މަންފާ ލިބޭގޮތަށް ކަމަށްވެސް ހައިކޯޓުގެ ހުކުމުގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގ ކުށް ސާބިތު ކުރުމަށް، ހުށަހަޅި ޝަފަވީ ހެއްކާއި ކިތާބީހެކިތަކަށް ރިއާޔަތްކޮށް ކުށް ސާބިތުވާކަމަށް އެކޯޓުން ކަނޑައަޅާފައިވަނީ މަނީ ލޯންޑަރިންގ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލް ކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ހުކުުގައި ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ 75 ނުކުތާ ހުށަހަޅާފައިވާއިރު، އެއްވެސް ތަރުތީބެއްނެތި، ބައެެއްކަންކަން ތަކުރާރުވެ، އޯޅުންބޮޅުން ބޮޑުކޮށް ހުށަހަޅާފައިވާ ނުކުތާތަކެއްކަމަށާއި އެހެންކަމުން މި މައްސަލަ ބެލުމުގައި ވަރަށްގިނަ ވަގުތު ހޭދަވެގެންދިޔަ ކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއެވެ. އަދި އިސްތިއުނާފީ ނުކުތާ ކޯޓުތަކަކަށް ހުށަހަޅާއިރު، އެކަންކަމަށް ސާމާލުވުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނަސޭހަތްތެރިވެފައިވެއެވެ.

މި މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެެރެއިން، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލަ އެެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެމައްސަލަ ބެލުމަށްޓަކައި އެކޮމިޝަނާއި ރައީސް ޔާމީނާ ދެމެދު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑަރ ކުރުމުގެ މައްސަލަ އެކެެވެ. ރައީސް ޔާމީން ވަނީ އެ 1 މިލިއަން ޑޮލަރު ޖެނަރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އެފައިސާ އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯއްދަވާފަ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ޖޫރިމަނާ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ހުކުމް ކޮށްފައިވީނަމަވެސް، މިހާތަނަށް އެފައިސާ ރައީސް ޔާމީން ދައްކަވާފައެއް ނުވެއެވެ.

އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އެމް.އެމް.ޕީ.އާރު.ސީ.ގެ އިތުރު މައްސަލަތަކެއްގެ ތަހުގީގުތައް ކުރިއަށްދެއެވެ. އަދި ޝަރީޢަތުގެ މަރުހަލާގައި ވެސް މައްސަލައެއް އެބައޮތެވެ.

އެގޮތުން، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚޔާނާތުގައި ހިމެނޭ، ރ. ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިން މައްސަލައެއްގައި މަނީ ލޯންޑަރ ކުރުމުގެ ދަޢުވާއަކާއި ރިޝްވަތުގެ ދަޢުވާއެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ. މި މައްސަލާގައި ދައުލަތުން ރައީސް ޔަމީންގެ އިތުރުން ތިން ފަރާތަކަށް ދަޢުވާކޮށްފައިވެއެވެ. އަދި މި މައްސަލާގައި ދައުލަތުން ހޯދުމަށް މަސައްކަތް ކުރާ، ޖުމްލަ ފައިސާގެ އަދަދަކީ 591 މިލިއަން ރުފިޔާއެވެ. އަދި އެދަޢުވާ ސާބިތު ވެއްޖެނަމަ، ރައީސް ޔާމީންގެ މައްޗަށް ދިގު މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެއިން މަޚްތޫމް
9%
އަންތަރީސް ވެއްޖެ
74%
އުފާ ވެއްޖެ
3%
ދެރަ ވެއްޖެ
12%
ރުޅި ގަދަ ވެއްޖެ
3%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް