ކ. މާލެ
|
21 ޖެނުއަރީ 2021 | ބުރާސްފަތި 08:55
ރައީސް ޔާމީން މާފުށީ ޖަލުގައި އިންނަވައި، ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި ބައިވެރިވެލައްވަނީ
ރައީސް ޔާމީން މާފުށީ ޖަލުގައި އިންނަވައި، ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި ބައިވެރިވެލައްވަނީ
މުހައްމަދު ފަޒީން
ރައީސް ޔާމީންގެ ޝަރީޢަތް
ރައީސް ޔާމީންގެ ޝަރީޢަތް: ހައިކޯޓުން 14:15ގައި ލައިވްކުރާނެ، މިއަދު އޮތީ ތަންފީޒު ކުރަމުންދާ ޖަލުހުކުމަށް ގޮތެއް ނިންމުން
 
ރައީސް ޔާމީންގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑަރިންގެ ބޮޑެތި މައްސަލަތަކެއްގެ ތުހުމަތު ކުރެވޭ، އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އެއްމެ ބޮޑު އެއް މައްސަލަ
 
މި މައްސަލައަކީ ހުކުމް ތަންފީޒުކުރަމުންދާ މައްސަލައިގެ އިސްތިއުނާފް، މިއަދު މި މައްސަލައަށް ހައިކޯޓުން ގޮތެއް ނިންމާނެ
 
ޝަރީޢަތް ތާވަލް ކޮށްފައިވަނީ 14:15 އަށް، ޔޫޓިއުބް މެދުވެރިކޮށް ހައިކޯޓުން ލައިވްކުރާނެ

އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ "ގއ. ވޮޑުމުލާ" ކިޔާ ފަޅުރަށެއް، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށްދިނުމުގައި ހިންގާފައިވާ، މަނީ ލޯންޑަރިންގްގެ ކުށާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިޢުނާފު މައްސަލައަށް ގޮތެއް ނިންމުން ބުރާސްފަތި ދުވަހަށް ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

ހައިކޯޓުން މަޢުލޫމާތު ދީފައިވާގޮތުގައި، އެ މައްސަލައިގެ ޝަރީޢަތް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 14:15 އަށެވެ. އަދި އެ ޝަރީޢަތް ޔޫޓީއުބް މެދުވެރިކޮށް ލައިވްކުރުމަށް ވެސް ހައިކޯޓުން ވަނީ ނިންމާފައެވެ. މި ޝަރީޢަތް "ރާއްޖެޓީވީ"ން ލައިވް ކުރުމުގެ ހުއްދައަކަށް ހައިކޯޓުގައި ވަނީ އެދިފައެވެ.

އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ ދައުލަތުގެ ކުރީގެ އިސްވެރިންގެ ޝަރީޢަތުގެ އަޑުއެހުންތައް ކޯޓުތަކުން މީގެކުރިން ވެސް ވަނީ ލައިވްކޮށްފައެވެ. އެގޮތުން ރައީސް ޔާމީން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ޖަލު ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ވެސް ލައިވް ކޮށްފައިވެއެވެ. އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ޝަރީޢަތުގެ އަޑުއެހުންތައް ވެސް ލައިވް ކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހު ހައިކޯޓުގައި ކުރިއަށްދާ ޝަރީޢަތަކީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ ގއ. ވޮޑުމުލާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ، ފައިސާގެ ތެރެއިން 1،000،000 (އެއްމިލިއަން) ޑޮލަރު، މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮންނަ، ރައީސް ޔާމީންގެ އަމިއްލަފުޅު ބޭންކް އެކައުންޓަކަށް ޖަމާކޮށް، އަދި އެ ފައިސާގެ އަސްލު އޮޅުވާލައި، އެ ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި ބަހައްޓައިގެން 36 މަސް ވަންދެން އެފައިސާއިން މަންފާ ހޯދާފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ނިންމައި، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިޢުނާފު މައްސަލައެވެ. ހައިކޯޓުގައި ބުރާސްފަތި ދުވަހު ކުރިއަށްދާނީ މި މައްސަލައަށް ގޮތެއް ނިންމުމުގެ ޝަރީޢަތެވެ.

ފައިސާގެ އަސްލު އޮޅުވާލުމަށްޓަކައި ރައީސް ޔާމީން ހިންގަވާފައިވާ އަމަލަކީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)، އެމައްސަލަ ބެލުމަށްޓަކައި އޭ.ސީ.ސީ.އާއި ރައީސް ޔާމީނާ ދެމެދު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސް.އޯ.އެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވައިލުމެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެހުކުމުގައި ވާގޮތަށް ޖޫރިމަނާ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާފައެއް ނުވެއެވެ.

އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އެމް.އެމް.ޕީ.އާރު.ސީ.ގެ އިތުރު މައްސަލަތަކެއްގެ ތަހުގީގުތައް ކުރިއަށްދެއެވެ. އަދި ޝަރީޢަތުގެ މަރުހަލާގައި ވެސް މައްސަލައެއް އެބައޮތެވެ.

އެގޮތުން، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚޔާނާތުގައި ހިމެނޭ، ރ. ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިން މައްސަލައެއްގައި މަނީ ލޯންޑަރ ކުރުމުގެ ދަޢުވާއަކާއި ރިޝްވަތުގެ ދަޢުވާއެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ. މި މައްސަލާގައި ދައުލަތުން ރައީސް ޔަމީންގެ އިތުރުން ތިން ފަރާތަކަށް ދަޢުވާކޮށްފައިވެއެވެ. އަދި މި މައްސަލާގައި ދައުލަތުން ހޯދުމަށް މަސައްކަތް ކުރާ، ޖުމްލަ ފައިސާގެ އަދަދަކީ 591 މިލިއަން ރުފިޔާއެވެ. އަދި އެދަޢުވާ ސާބިތު ވެއްޖެނަމަ، ރައީސް ޔާމީންގެ މައްޗަށް ދިގު މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
11%
56%
22%
11%
0%
0%
ކޮމެންޓް
21 ޖެނުއަރީ 2021 | ބުރާސްފަތި 15:41
ޔާ ގުންޑާ
ބޮޑުވަގު ހަމަ ޖަލުގައި ބަންދުކޮށްފައި ބާއްވާ.