ކ. މާލެ
|
19 ޖެނުއަރީ 2021 | އަންގާރަ 19:33
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓްރީ
ވެކްސިން ސެޓިފައިޑް ޓޫރިޒަމް
ވެކްސިން ސެޓިފައިޑް ޓޫރިޒަމާއެކު ދުނިޔޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ - މިނިސްޓަރު
 
ރާއްޖެއިން ޔޫއެންޑަބްލިއުޓީއޯ އަދި އެހެނިހެން ގައުމުތަކާއެކު ގުޅިގެން މަސައްކަތްކުރާނެ
 
ވެކްސިން ސެޓިފައިޑް ޓޫރިޒަމާއެކު ދުނިޔޭގައި ޓޫރިޒަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ޖެހިލާނެ

ވެކްސިން ސެޓިފައިޑް ޓޫރިޒަމާއެކު ދުނިޔޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޔޫއެންޑަބްލިއުޓީއޯގެ "ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީ" ގެ އަށްވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ކުރެއްވި ޓުވީޓެއްގައެވެ. ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން އޮފް ސައުތު އޭޝިއާގެ މިހާރުގެ ޗެއަރގެ ހައިސިއްޔަތުން މިނިސްޓަރު މައުސޫމް ބައިވެރިވެވަޑައިގެން މި ބައްދަލުވުމަށްފަހު އެމަނިކުފާނު ވަނީ ދުނިޔޭގެ ޓޫރިޒަމުގެ ސިނާއަތް އަލުން ފަށައި ކޮޅަށް ޖަހަން މަސައްކަތްކުރާތަން ފެނުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ވެކްސިން ސެޓިފައިޑް ޓޫރިޒަމާއެކު ދުނިޔޭގައި ޓޫރިޒަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ޖެހިލާނެ ކަމަށާއި، މިކަން ހާސިލުކުރުމަށްޓަކައި ރާއްޖެއިން ޔޫއެންޑަބްލިއުޓީއޯ އަދި އެހެނިހެން ގައުމުތަކާއެކު ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، މާނަވީ ގޮތެއްގައި ފަތުރުވެރިކަން އަލުން ފެށުމަށް މަޝްވަރާކުރުމަށް ބޭއްވި އެ ބައްދަލުވުމުގައި ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންތައް އާބާދީ ބޮޑުބަޔަކަށް ބޭނުންކުރެވި، ވެކްސިންޖެހިކަމުގެ ސެޓުފިކެޓް ހިފައިގެން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ މަގުފަހިވުމަކީ ފަތުރުވެރިކަން އަލުން ފެށުމަށް ކޮންމެހެންވެސް ބޭނުންކަމެއްގެ ގޮތުގައި ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުން ވަނީ ފާހަގަކޮށްފައެވެ.

ޔޫއެންޑަބުލިއުޓީއޯގެ އެގްޒެކެޓިވް ކައުންސިލުގެ 113 ވަނަ ބައްދަލުވުމާ ގުޅުވައިގެން ބޭއްވި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ހީމަ ދުވަހު ސްޕެއިނުގެ މެޑްރިޑުގައެވެ.

މި ބައްދަލުވުން އިފްތިތާހުކޮށްދެއްވާފައި ވަނީ މެޑްރިޑް މޭޔަރ ޖޯސް ލުއިސް މާރޓިނެޒް އަލްމޭނިއާއެވެ. މި ބައްދަލުވުމުގައި ޔޫއެންޑަބުލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒާރަބް ޕޮލޮލިކަޝްވިލި އާއި ޔޫއެންޑަބުލިއުޓީއޯގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއަރ ނަޖީބް ބަލާލާ އަދި ޔޫރަޕިއަން ކޮމިޝަނުގެ ނައިބު ރައީސް މާރގަރަޓިސް ޝިނަސްގެ އިތުރުން ސެކްރެޓަރީ ފޮރ ގްލޯބަލް އޮފް ސްޕެއިން މަނުއަލް މޫނިޒް އާއި، އައިކާއޯގެ ސެކްރެޓަރީ ޖެނެރަލް ފަންގް ނިއު ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވައިފައެވެ.

ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީއަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ހައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިއުޓީއޯއިން އެކުލަވާލި ކޮމިޓީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް