ކ. މާލެ
|
17 ޖެނުއަރީ 2021 | އާދީއްތަ 22:33
ޤައުމަށް އެނބުރި ވަޑައިގަތުމަށް ފްލައިޓަށް އަރާވަޑައިގަތުމަށްފަހު، ނަވަލްނީ މީޑިއާތަކާ ވާހަކަ ދައްކަވަނީ
ޤައުމަށް އެނބުރި ވަޑައިގަތުމަށް ފްލައިޓަށް އަރާވަޑައިގަތުމަށްފަހު، ނަވަލްނީ މީޑިއާތަކާ ވާހަކަ ދައްކަވަނީ
އޭއެފްޕީ
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ
ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް ނަވަލްނީ އެނބުރި ރަޝިއާއަށް
 
އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީ އަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރު
 
ނަވަލްނީ މިހާރު ސަސްޕެންޝަންގައި ހުންނެވީ ވައްކަމުގެ މައްސަލައަކާއި ގުޅިގެން
 
ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު

ސިއްޙީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަނބުރާ ޤައުމަށް ވަޑައިގަތުމަށް ދަތުރު ފައްޓަވައިފިއެވެ.

ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ނަވަލްނީ ހޮސްޕިޓަލުުން ދޫކޮށްލާފައިވާއިރު، އޮކްޓޯބަރު މަހުގެ 20 ހިސާބުގައި އާލާސްކަންފުޅުގެ ހުރިހާ އަލާމާތެއް ވެސް ފިލައިގެން ގޮސްފައިވާ ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

އެއާއެކު ރަޝިއާގެ ސަރުކާރުން ވަނީ ނަވަލްނީ އަނބުރާ ޤައުމަށް ގެނައުމަށް ވަރަށް ބޮޑަށް ބާރު އަޅާފައެވެ. އެގޮތުން ނަވަލްނީއަކީ މިހާރުވެސް ޙުކުމެއްގެ ދަށުން ސަސްޕެންޝަނެއްގައި ހުންނެވި ބޭފުޅަކަށްވެފައި، މިހާރު ޤައުމުން ބޭރުގައި ހުންނަވަނީ ސަސްޕެންޝަންގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ރަޝިއާގެ ޕްރިޒަން ސަރވިސް އިން ވަނީ ވަގުތުން ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަށް އަމުރު ކޮށްފައެވެ. އަދި އަނބުރާ ވަޑައިނުގަންނަވައިފި ނަމަ، ސަސްޕެންޝަން ޖަލު ޙުކުމަކަށް ބަދަލުވެގެން ދިއުން ގާތް ކަމަށް ޕްރިޒަން ސަރވިސް އިން ބުނެފައިވެއެވެ.

ޕްރިޒަން ސަރވިސްއިން އެހެން އަންގާފައިވާ ދަނޑިވަޅެއްގައި ނަވަލްނީ މިވަނީ ރަޝިއާގެ މޮސްކޯއަށް ވަޑައިގަތުމަށް ދަތުރު ފައްޓަވާފައެވެ. އާދިއްތަ ދުވަހު މި ދަތުރު ފައްޓަވަމުން ނަވަލްނީ ވަނީ މީޑިއާތަކަށް އިންޓަރވިއުއެއް ދެއްވާފައެވެ. ނަވަލްނީ ވިދާޅުވީ، އެއްވެސް ކަމަކާ ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެނބުރި ޤައުމަށް ވަޑައިގެންނެވޭތީ އުފާ ކުރައްވާ ކަމަށް ވެސް ނަވަލްނީ ވިދާޅުވިއެވެ.

ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަކީ އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ސަރުކާރަށް ކުރައްވާ ޗެލެންޖެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ވަނީ ސިފަ ކޮށްފައެވެ. އެގޮތުން މޮސްކޯގެ ޕްރިޒަން ސަރވިސް އިން މިހާރުވެސް ވަނީ ޕެރޯލްގެ ޤަވާއިދުތަކާ ނަވަލްނީ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ، އޭގެ ނަތީޖާއެއްގެ ގޮތުން 3 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއް އައިސްދާނެ ކަމަށް ބުނެފައެވެ.

ނަވަލްނީ ޖަރުމަނުގައި ފަރުވާ ހޯއްދެވިއިރު ނަންގަވާފައިވާ ފޮޓޯއެއް

އޭގެ އިތުރުން، ނަވަލްނީގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ވެސް ރަޝިއާގެ ތަހުޤީޤީ އިދާރާތަކުން ބަލަމުންދާއިރު، ސާބިތުވެއްޖެ ނަމަ މަދުވެގެން 10 އަހަރުގެ ޖަލު ޙުކުމް އަންނާނެ ކަމަށް ބެލެވޭކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އެގޮތުން ނަވަލްނީ މިހާރުވެސް ސަސްޕެންޝަންގައި ހުންނެވީ ވައްކަމުގެ މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް އެއީ ސިޔާސީ ދައުވާއެއް ކަމަށް ނަވަލްނީ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އުމުރުން 44 އަހަރުގެ އެލެކްސީ ނަވަލްނީ އަށް މަޝްހޫރުކަން ލިބިގެން ދިޔައ،ީ 2012 ވަނަ އަހަރު ރައީސް ވްލަޑީމިއާ ޕޫޓިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ބޭއްވި މުޒާހަރާތަކުގައި އޭނާ ދެއްވި ފޯރި ގަދަ ތަގުރީރުތަކުގެ ސަބަބުންނެވެ.

ރަޝިއާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާ އިން މޮސްކޯ އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީ އަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރެވެ. އެކަމަކު ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
100%
0%
0%
0%
0%
0%
ކޮމެންޓް