ކ. މާލެ
|
17 ޖެނުއަރީ 2021 | އާދީއްތަ 08:44
ޤައުމީ ކުތުބުޚާނާގެ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ
ޤައުމީ ކުތުބުޚާނާގެ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ
ބެންކް އޮފް މޯލްޑިވްސް
ޤައުމީ ކުތުބުޚާނާގެ ޚިދުމަތް
ޤައުމީ ކުތުބުޚާނާގެ ޚިދުމަތް ހޮނިހިރު ދުވަހު ވެސް ދޭން ފަށައިފި
 
ކުތުބުޚާނާ ހިންގަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް
 
ހުޅުވާފައި ހުންނާނީ ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 12:00 ން 15:00 އަށް
 
މިއާއެކު ހަފުތާއަކު 4 ދުވަހު ކުތުބުޚާނާ ހުޅުވާފައި ހުންނާނެ

ޤައުމީ ކުތުބުޚާނާގެ ޚިދުމަތް ފުޅާކޮށް ހޮނިހިރު ދުވަހު ވެސް ޚިދުމަތް ދޭގޮތަށް ބަދަލުގެ ގެނެސްފިއެވެ.

ކޮވިޑް-19އާ ގުޅިގެން ޤައުމީ ކުތުބުޚާނާގެ ޚިދުމަތް މާރޗުމަހުގެ 12 ވަނަ ދުވަހު މެދުކަނޑާލުމަށްފަހު، އައު އާންމު ޙާލަތުގައި އަލުން ޚިދުމަތް ދޭން ފަށާފައިވަނީ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. އެގޮތުން އެންމެ ފުރަތަމަ ޚިދުމަތް ދޭން ފަށާފައިވަނީ ހަފްތާއަކު ތިންދުވަހުއެވެ. އެއީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.

އެހެންނަމަވެސް، ޤައުމީ ކުތުބުޚާނާއިން އެންމެ ފަހުން ކުރި އިޢުލާނުގައި ވަނީ ޤައުމީ ކުތުބުޚާނާގެ ޚިދުމަތްދޭ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް އިތުރުކުރުމަށް ހަމަޖެހުމާ ގުޅިގެން 16 ޖަނަވަރީ 2021 ން ފެށިގެން ކޮންމެ ހަފުތާއެއްގެ 4 ދުވަހެއްގެ 12:00 ން 15:00 އަށް ޤައުމީ ކުތުބުޚާނާގެ ޚިދުމަތް ލިބޭނެކަން ހާމަކޮށްފައެވެ.

ފުރަބަންދުގެ ސަބަބުން 8 މަސްދުވަހަށްވުރެ ގިނަ ދުވަހަށްފަހު އެ ތަން ހުޅުވާފައި މިވަނީ އައު ކަންތައްތަކަކާ އެކުއެވެ. އެގޮތުން ކުތުބުޚާނާގެ އިންޓަނެޓްގެ ޚިދުމަތުގެ އިތުރުން ކޮމްޕިއުޓަރ ސިސްޓަމާއެކު ޑިސްކަޝަން ރޫމެއް ވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އަދި ހުނަރުތައް ދަސްކޮށްދިނުމަށް "މޭކް އަ ސްޕޭސްގެ" ނަމުގައި މިހާރު ވަނީ ޕްރޮގްރާމެއް ވެސް ފަށާފައެވެ. ކުތުބުޚާނާގެ ޚިދުމަތްތައް އަލުން ފަށާފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތައް ގައިދުރުކަން ހިފެހެއްޓޭނެ އިންތިޒާމަކުން ކަމަށް ޤައުމީ ކުތުބުޚާނާއިން މަޢުލޫމާތުދެއެވެ. އެގޮތުން އެއްފަހަރާ ކުތުބުޚާނާއަށް ވަދެވޭނެ މީހުންގެ އަދަދު މަދުކޮށްފައިވާއިރު، ކިޔަން ނަގާ ފޮތް ގެންގުޅުމުގެ އުސޫލާއި، ޑިސްއިންފެކްޓް ކުރުމަށް މިހާރު ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.

ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު ޤައުމީ ކުތުބުޚާނާގެ ޚިދުމަތް އަލުން ފަށާފައިވާއިރު، ޤައުމީ ކުތުބުޚާނާގެ ދަށުން ހިންގާ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ (ސީ.އެމް.އެލް)ގެ ޚިދުމަތް މިއަހަރުގެ ޖަނަވަރީމަހުގެ 10 ވަނަ ދުވަހު ވަނީ ފަށާފައެވެ. ސީ.އެމް.އެލްގެ ޚިދުމަތް ވެސް ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި މި 4 ދުވަހުގެ މެންދުރު 12:00ން 15:00 އަށް ލިބެން ހުންނާނެކަމަށް ޤައުމީ ކުތުބުޚާނާއިން މަޢުލޫމާތުދެއެވެ.

ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެންނެވެ. އަދި މިހާރު ކޭސްތައް މަދުވެ ސްކޫލުތަކުގައި ކިޔެވުން ފެށުމާއެކު ލައިބްރަރީގެ ޚިދުމަތް ދޭން ފެށި ނަމަވެސް ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް