raajjemv logo
ދައުރުން ބޭރުގައި ބާއްވާ ޖަލްސާ
ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ މިއަދު އޮންނާނެ
 
ދައުރުން ބޭރުގައި ބޭއްވި ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ރޭ
ސިމާހާ ނަސީމް
2,094
ކ. މާލެ |
17 ޖެނުއަރީ 2021 | އާދީއްތަ 06:06
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް

ލޯކަލް ކައުންސިލު އިންތިޚާބު އަވަހަށް ބޭއްވުމަށްޓަކައި ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ޤާނޫނު 2020 އަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމަށް އެޖެންޑާ ކުރި ޖަލްސާ އާދިއްތަ ދުވަހުގެ ހެނދުނު 11 ޖަހާއިރު އޮންނާނެއެވެ.

ރައްޔިތުންގެ މަޖިލިސް ދެ މަސް ދުވަހުގެ ޗުއްޓީގައި އޮތްއިރު ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް މެމްބަރުން ހުށަހެޅުއްވުމުން ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ.

އެ ޖަލްސާގައި ވާހަކަދައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާ ބާއްވަވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން 2020 ވަނަ އަހަރު ބާއްވަން އިއުލާނު ކޮށްފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީގެ ކޮމިޓީއަށް މަސައްކަތްކުރާ މީހުންގެ އިންތިޚާބު ލަސްވަމުންދާތީ އިތުރަށް ލަސްވިޔަ ނުދިނުމަށްޓަކައި ޤާނޫނީ ހުރަސްތައް ނައްތާލާ އެ އިންތިޚާބު ބޭއްވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ. އަދި އެބިލުގެ މަސައްކަތް ނިމެންދެން ޖަލްސާ ކުރިޔަށް ގެންދަވާނެކަމަށް އީވާ ވިދާޅުވިއެވެ.

17 ވަނަ ދުވަހު ބާއްވާ ޖަލްސާގައި ބިލަށް ބަހުސްކުރުމަށް އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ދެއްވާނެކަމަށް އީވާ ވިދާޅުވިއެވެ. އެއަށްފަހު ކޮމިޓީ އަށް ބިލް ދިރާސާކުރުމަށް ފޮނުވުމަށްފަހު ކޮމިޓީން ބިލް ދިރާސާކޮށް ނިމުމުން ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ބިލް ފާސްކުރުމަށް ޖަލްސާ އެއް ބާއްވާނެކަމަށް އީވާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ މި އިސްލާހުގެ ބިލްގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތު ވަނީ ކުރު ކޮށްފައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވާއިރު، މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި މި ބިލުގައި އެ މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފައެވެ. އަދި ވޯޓާސް ލިސްޓު އާންމުކުރުމާއެކު ޝަކުވާ ހުޅުހެޅުމަށް މިހާރު 10 ދުވަސް އޮތް ނަމަވެސް، އެ މުއްދަތު ފަސް ދުވަހަށް ކުޑަކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުންވެސް މުހިންމު މުއްދަތުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
100%
ލިޔުން ރަނގަޅު
ކޮމެންޓް