ކ. މާލެ
|
16 ޖެނުއަރީ 2021 | ހޮނިހިރު 18:23
ޔުގެންޑާގެ މިހާރުގެ ރައީސް މުސޭވެނީއަށް ތާއީދު ކުރާ ފަރާތްތަކުން ކެމްޕެއިން ޕޯސްޓަރުތައް ބަހައްޓާފައި
ޔުގެންޑާގެ މިހާރުގެ ރައީސް މުސޭވެނީއަށް ތާއީދު ކުރާ ފަރާތްތަކުން ކެމްޕެއިން ޕޯސްޓަރުތައް ބަހައްޓާފައި
ރޮއިޓަރސް
ޔުގެންޑާގެ ރިޔާސީ އިންތިޚާބު
ޔުގެންޑާގައި ވޯޓުން ކުރި ހޯއްދެވީ މިހާރުގެ ރައީސް، އިދިކޮޅު ކެނޑިޑޭޓް ވިދާޅުވަނީ ވޯޓު އޮޅުވާލާފައިވާކަމަށް
 
ވައިން ވިދާޅުވީ އެ ޤައުމު ބަދަލަކަށް ބޭނުންވެފައިވާކަމަށް
 
މުސޭވެނީ ވަނީ ޔުގެންޑާގައި 35 އަހަރު ވަންދެން ވެރިކަން ކުރައްވާފަ
 
ވައިން ވިދާޅުވީ، ސަރުކާރުން ވޯޓު އޮޅުވާލާފައިވާ ކަމަށް

ޔުގެންޑާގައި 35 އަހަރު ވެރިކަން ކުރައްވާފައިވާ ޔޮވޭރީ މުސޭވެނީ އެ ޤައުމުގެ ރިޔާސީ އިންތިޚާބުން ކުރި ހޯއްދެވުމާއެކު، އިންތިޚާބު އޮޅުވާލާފައިވާކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

ޔުގެންޑާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާތައް ދައްކާ ގޮތުން 91 އިންސައްތަ ވޯޓު ގުނާ ނިމުނުއިރު މުސޭވެނީ ވަނީ 5.6 މިލިއަން ވޯޓު ކާމިޔާބު ކުރައްވާފައެވެ. އެއީ ގާތްގަނޑަކަށް ވޯޓުލީ މީހުންގެ 58.9 އިންސައްތައަށްވާއިރު، އިދިކޮޅު ކެނޑިޑޭޓް ބޮބީ ވައިންއަށް ކާމިޔާބު ކުރެއްވިފައިވަނީ 3.3 މިލިއަން ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 34.6 އިންސައްތައެވެ.

އެކަމާ ގުޅޭގޮތުން ބޭރުގެ މީޑިއާއެއް ކަމަށްވާ ރޮއިޓަރސްއަށް ދެއްވި ފޯނު އިންޓަރވިއުއެއްގައި ވައިން ވިދާޅުވީ، ސަރުކާރުން ވޯޓު އޮޅުވާލާފައިވާ ކަމަށާއި، މިއީ ޔުގެންޑާގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ ބޮޑު އޮޅުވާލުމެއް އޮޅުވާލާފައިވާ އިންތިޚާބު ކަމަށެވެ. ވައިން ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރުމަށްވެސް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އުމުރުފުޅުން 76 އަހަރުގެ މުސޭވެނީ ވަނީ ޔުގެންޑާގައި 35 އަހަރު ވަންދެން ވެރިކަން ކުރައްވާފައެވެ. އެއާއެކު އިތުރު ދައުރަކަށް ހޮވިވަޑައިގަތުން ގާތްވުމާއެކު އިދިކޮޅުން ދަނީ މުސޭވެނީއަކީ ހުދުމުހުތާރު ވެރިއެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ. އެގޮތުން 38 އަހަރުގެ ވައިން ގެންދަވަނީ އެ ޤައުމުގެ ޒުވާނުންނަށް މި ސަރުކާރާ ދެކޮޅަށް ތެދުވުމަށް ގޮވާލައި، އެ ޤައުމު ބަދަލަކަށް ބޭނުންވެފައިވާކަމަށް ވިދާޅުވަމުންނެވެ.

ވައިން ވަނީ އިންތިޚާބު އޮޅުވާލާފައިވާ ކަމުގެ ވީޑިއޯ ހެކި ހުރިކަމަށް ވިދާޅުވެ، އެ ޤައުމުގައި ވަގުތީ ގޮތުން މެދުކަނޑާލާފައިވާ އިންޓަރނެޓުގެ ޚިދުމަތް އަލުން ދޭން ފެށުމާއެކު އެ ހެކިތައް އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންތިޚާބުގެ ކުރީ ދުވަހު އެ ޤައުމުގެ ސަރުކާރުން ވަނީ މުޅި ޤައުމުން އިންޓަރނެޓުގެ ޚިދުމަތް މެދުކަނޑާލާފައެވެ.

އޭގެ އިތުރުން، ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، މެސެޖިންގ އެޕްލިކޭޝަންތައްވެސް ވަނީ ހުއްޓުވާފައެވެ. އެގޮތުން އިންތިޚާބުގެ ކަވަރޭޖާއި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ވައިންއާއި އޭނާގެ ކެމްޕެއިން ޓީމުން ވަރަށް ބޮޑަށް ފޭސްބުކް ފަދަ ޕްލެޓްފޯމްތަކަށް ބަރޯސާވާކަން ރޮއިޓަރސްގައި ފާހަގަ ކޮށްފައިވެއެވެ.

ވައިންގެ ތުހުމަތުތަކާ ގުޅޭގޮތުން އެ ޤައުމުގެ އިންތިޚާބާއިބެހޭ މައި މަރުކަޒުގެ ޗެއަރމަން ސައިމަން ވިދާޅުވީ، އެ ޤައުމުގެ ޤާނޫނު އޮންނަ ގޮތުން އެ ކުރައްވާ ތުހުމަތުތައް ސާބިތު ކުރުމުގެ ޒިންމާ އޮތީ ވައިންގެ އަތްމަތީގައި ކަމަށެވެ.

އެ ޤައުމުގެ ފުލުހުންނާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން، އިންތިޚާބާ ގުޅިގެން އެ ޤައުމުގެ ސިޔާސީ މަޝްރަޙު ގޯސްވެފައިވާއިރު، މިހާތަނަށް އިންތިޚާބައި ގުޅިގެން ހަމަނުޖެހުން ހިންގުން ފަދަ 42 މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވެއެވެ. އޭގެ ތެރޭގައި އަނިޔާ ދިނުމާއި، ވޯޓާ ގުޅިގެން ރިޝްވަތު ދިނުމާއި، ވައްކަމާއި، ވޯޓުލާ މަރުކަޒުތަކަށް ގެއްލުން ދިނުން ފަދަ މައްސަލަތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް