ކ. މާލެ
|
15 ޖެނުއަރީ 2021 | ހުކުރު 07:59
ކޮވިޑް ވެކްސިންގެ ޑޯޒްތަކެއް
ކޮވިޑް ވެކްސިންގެ ޑޯޒްތަކެއް
ރޮއިޓަރސް
ބްރެޒިލްގައި ކޮވިޑް ވެކްސިން ޖެހުމަށް ތައްޔާރުވަނީ
ބްރެޒިލްގައި ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ޖެނުއަރީ 21 ގައި ފަށަނީ
 
މަރުވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު ސިއްހީ މަސައްކަތްތެރިންގެ ދަތިތަކާ އަންނަނީ ކުރިމަތިވަމުން
 
ބްރެޒިލް އަށް ކޮވިޑްގެ ދެ ވަނަ ވޭވެއް އައިސްފައިވާއިރު ބަލި މީހުންނައިގެން ހޮސްޕިޓަލްތައް ވަނީ ފުރިފައި
 
ކަންތައްތައް ރަނގަޅަށްދާނަމަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ވެކްސިން ޖަހަން ފެށޭވަރުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި

ބްރެޒިލްގައި ކޮވިޑް-19 އަށް ވެކްސިން ޖެހުމަށް ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ފަށާނެ ކަމަށް އެގައުމުގެ ސެނެޓަރ ނެލްސިނޯ ޓްރެޑް ވިދާޅުވެއްޖެއެވެ.

އެގައުމުގެ ހެލްތު މިނިސްޓަރ އެޑުއަޑޯ އާއެކު ކުރިޔަށްދިޔަ ވާހަކަތަކަކަށްފަހު ސެނެޓަރ ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރެއްވިއިރު ވެކްސިން ޖެހުމުގެ ކަންތައް ލަސްވަމުންދާތީ ބްރެޒިލްގައި ވަނީ ކަންބޮޑުވުންތައް އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް ރައީސް ޖައިރް ބޮލްސޮނާރޯ އަށް ކުރިމަތިވެފައިވާ ޕްރެޝަރތައް ވަނީ އިތުރުވެފައެވެ.

ވެކްސިން ޖެހުމަށް ރަސްމީކޮށް ފަށާނެ ދުވަހެއް ހާމަކުރުމަށް ސަރުކާރުން ވަނީ ދެކޮޅުހަދާފައެވެ. ނަމަވެސް ކަންތައްތައް ރަނގަޅަށްދާނަމަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ވެކްސިން ޖަހަން ފެށޭވަރުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން އަދި މިހާތަނަށް އައިއިރު ވެކްސިން ޖަހަން ފަށާނެކަމަށް ސެނެޓަރ ހާމަކުރައްވާފައިވާ ތާރީޚާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.

އަނެއްކޮޅުން ބްރެޒިލް އަށް ކޮވިޑްގެ ދެ ވަނަ ވޭވެއް އައިސްފައިވާއިރު ބަލި މީހުންނައިގެން ހޮސްޕިޓަލްތައް ފުރެމުން އަންނަކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މަރުވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު ސިއްހީ މަސައްކަތްތެރިންގެ ދަތިތަކާ ކުރިމަތިވަމުން އަންނަކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ހޮސްޕިޓަލްތައް ފުރެމުން އަންނައިރު ބަލި މީހުންނަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުމުގެ މައްސަލަ މިހާރު ވަނީ ކުރިމަތިވެފައެވެ. މިއީވެސް މިވަގުތު މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާ ސަބަބެއްކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އަނެއްކޮޅުން ވައިރަސްގެ އައު ވޭރިއަންޓް ބްރެޒިލްގައި މިހާރު ފެތުރިފައިވާނެ ކަމަށް ސިއްހީ މާހިރުން ދެކެއެވެ. އެއީ ބްރެޒިލް އިން ޖަޕާނަށް ދިޔަ މީހެއްގެ ފުށުން އައު ވޭރިއަންޓް ފެނިފައިވުމުގެ ސަބަބުންނެވެ. އެހެންކަމުން މިހާރު ހަލުވިމިނުގައި ކޭސްތައް އިތުރުވަމުން އަންނަނީ އެހެންވެގެންކަމަށް ބެލެވޭކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ބްރެޒިލްގައި 8 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މަރުވެފައިވާ މީހުންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް އަރައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް