ކ. މާލެ
|
15 ޖެނުއަރީ 2021 | ހުކުރު 05:06
ފްރާންސްގެ ޕެރިސްގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ހަދާފައިވާ ބިލްބޯޑެއްގެ ކައިރިން މީހަކު ހިނގާފައިދަނީ
ފްރާންސްގެ ޕެރިސްގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ހަދާފައިވާ ބިލްބޯޑެއްގެ ކައިރިން މީހަކު ހިނގާފައިދަނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގައި ކާފިއު ހިންގާ ވަގުތުއިތުރުކޮށް ފިޔަވަޅުތައް ވަރުގަދަކުރަނީ
 
ކޮވިޑްގެ ހާލަތު ގޯސްވެ ކޮންޓްރޯލްނުކުރެވޭ ހިސާބަށް ގޮސްފިނަމަ ލޮކްޑައުން އަކަށް ދާނެކަމަށް ބޮޑުވަޒީރު ވިދާޅުވި
 
މަދުވެގެން ކުރިޔަށް އޮތް 15 ދުވަހުގެ މުއްދަތަށް މުޅި ފްރާންސްގައި ކާފިއު ހިންގާނެ
 
ކާފިއުގެ ވަގުތު 8 ން ފެށިގެން 6ށް އިތުރުކުރުމަށް ވަނީ ނިންމާފައި

ފްރާންސްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ޖީން ކެސްޓެކްސް ނިންމަވައިފިއެވެ.

އެގޮތުން މިހާރުވެސް ފްރާންސްގައި ހިންގަމުން އަންނަ ކާފިއުގެ ވަގުތު 8 ން ފެށިގެން 6ށް އިތުރުކުރުމަށް ނިންމަވާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ބުރާސްފަތި ދުވަހު އެކަން ހާމަކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ ކޮވިޑްގެ ހާލަތު އަންނަނީ ކަންބޮޑުވާ މިންވަރަށް ގޯސްވަމުން ކަމަށެވެ. އެހެންކަމުން މަދުވެގެން ކުރިޔަށް އޮތް 15 ދުވަހުގެ މުއްދަތަށް މުޅި ފްރާންސްގައި ކާފިއު ހިންގާނެކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.

ކާފިއު ވަގުތަށް މިއައި ބަދަލާއެކު އިރުއޮއްސި 6ން ފެށިގެން ގެއިން ނިކުތުން މަނާވާނެއެވެ. އަދި އެމަރޖެންސީކޮށް ޚިދުމަތެއް ދިނުމަށް ނޫނީ ފިހާރައެއްވެސް އެހެން ވިޔަފާރިއެއްވެސް ހުޅުވާފައި ނުބެހެއްޓޭނެއެވެ. ކާފިއު މިހާރު ހިންގަމުންދަނީ ހަމައެކަނި ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނަ އިރުމަތީ ސަރަހައްދުގައެވެ. ނަމަވެސް މިހާރު މިއިއުލާންކުރި ކާފިއު މުޅި ފްރާންސްގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކާފިއު ހިންގުމުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު މަދުކުރެވިފައިވާ ކަމަށް ފްރާންސްގެ ސިއްހީ އޮފިޝަލުން ބުނެއެވެ.

ބޮޑުވަޒީރު ވިދާޅުވީ ފްރާންސް އަލުން ލޮކްޑައުން އަކަށް އަދި ނުދާނެކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވެ ކޮންޓްރޯލްނުކުރެވޭ ހިސާބަށް ގޮސްފިނަމަ ލޮކްޑައުން އަކަށް ދާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ފްރާންސަށް އެތެރެވާ މީހުންނަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ނޫން އެހެން ގައުމުތަކުން އަންނަ މީހުންގެ އަތުގައި 72 ގަޑިއިރުގެ ކުރިން ހަދާފައިވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮންނަން ޖެހޭނެކަމަށް ބޮޑުވަޒީރު ކެސްޓެކްސް ވިދާޅުވިއެވެ.

މީގެއިތުރުން ފްރާންސަށް އައުމަށްފަހު 7 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭއިރު އެއަށްފަހު އަނެއްކާވެސް ކޮވިޑަށް ޓެސްޓްކުރަންޖެހޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ވައިރަސްގެ އައު ވޭރިއަންޓް ފެނިފައިވާތީ ފްރާންސަށް އެތެރެވާ މީހުންނާމެދު އެގައުމުން އަންނަނީ ކުރިޔަށް ވުރެ ބޮޑަށް ބަލަމުންނެވެ. އެގޮތުން މިހާރުވެސް އައު ވޭރިއަންޓްގެ ކޭސްތައް ފްރާންސުން ފެނިފައިވާތީ އައު ވޭރިއަންޓް ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ އޮލިވިއަރ ވެރަން ވަނީ ވިދާޅުވެފައެވެ.

އަނެއްކޮޅުން ފްރާންސުން އަންނަނީ ޖެނުއަރީ މަސް ނިމެންވާއިރަށް އެގައުމުގެ އެއް މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ޖެހުމަށް މަސައްކަތްކުރަމުންނެވެ.

ފްރާންސްގައި ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި ފަސްދޮޅަސްނުވަ ހާހަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް