ކ. މާލެ
|
15 ޖެނުއަރީ 2021 | ހުކުރު 04:38
އިނގިރޭސިވިލާތުގެ ސިއްހީ މަސައްކަތްތެރިއަކު މީހަކު ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
އިނގިރޭސިވިލާތުގެ ސިއްހީ މަސައްކަތްތެރިއަކު މީހަކު ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ރޮއިޓަރސް
ކޮވިޑް-19 އާއި އިމިޔުނިޓީ
ކޮވިޑް ޖެހިފައިވާ މީހުންނަށް މަދުވެގެން 5 މަސްދުވަހުގެ އިމިޔުނިޓީ ލިބޭ- ދިރާސާ
 
ފުރަތަމަ ވޭވްގައި ވައިރަސް ޖެހިފައިވާ މީހުންނަށް މިހާރު ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު
 
ކޮވިޑް ޖެހިފައިވާ މީހުންނަށް ދެ ވަނަ ފަހަރަށް ވައިރަސް ޖެހެނީ ވަރަށް މަދުން
 
ވައިރަހަށް އެންޓިބޮޑީސް އުފައްދައިދީފައި ހުރި ނަމަވެސް އެމީހުންގެ ފުށުން އެހެން މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އޮވޭ

ކޮވިޑް-19 ޖެހިފައިވާ މީހުންނަށް މަދުވެގެން ފަސް މަސްދުވަހުގެ މުއްދަތަށް ވައިރަހަށް އިމިޔުން ލިބޭކަމަށް އިނގިރޭސިވިލާތުގެ ސިއްހީ މަސައްކަތްތެރިންގެ ތެރޭގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މިދިރާސާއިން ދައްކާގޮތުގައި އެމީހުންގެ ހަށިގަނޑުގައި ވައިރަހަށް އެންޓިބޮޑީސް އުފައްދައިދީފައި ހުރި ނަމަވެސް އެމީހުންގެ ފުށުން އެހެން މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އޮވެއެވެ.

ޕަބްލިކް ހެލްތު އިންގްލެންޑްގެ ސައިންޓިސްޓުން ކުރިޔަށް ގެންދިޔަ މި ދިރާސާއިން ހާމަވާގޮތުގައި ކޮވިޑް ޖެހިފައިވާ މީހުންނަށް ދެ ވަނަ ފަހަރަށް ވައިރަސް ޖެހެނީ ވަރަށް މަދުންނެވެ. އެގޮތުން ދިރާސާގައި ބޭނުންކުރި 6614 މީހުންގެ ތެރެއިން ދެ ވަނަ ފަހަރަށް ވައިރަސް ޖެހިފައިވަނީ 44 މީހުންނަށެވެ.

އެހެންނަމަވެސް މާހިރުން ވިދާޅުވާ ގޮތުގައި މިދިޔަ އަހަރުގެ ކުރީކޮޅު ފުރަތަމަ ވޭވްގައި ވައިރަސް ޖެހިފައިވާ މީހުންނަށް މިހާރު ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ވައިރަހަށް ގުދުރަތީ ގޮތުން އިމިޔުނިޓީ ލިބިފައިވާ މީހުންގެ ނޭފަތުގައި ނުވަތަ ކަރުގައި ކޮރޯނާވައިރަހުގެ އަސަރު ހުރެދާނެކަމަށާއި ނޭނގި ނަމަވެސް އެމީހުންގެ ފުށުން އެހެން މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބައޮތްކަމަށް މާހިރުން ބުނެއެވެ.

އެހެންނަމަވެސް އަދިވެސް ވައިރަސް ޖެހިގެން އިމިޔުނިޓީ ލިބެނީ ކިހާ މުއްދަތަކަށް ކަމެއް ޔަގީންނުކުރެވޭކަމަށް މިދިރާސާ ކުރިޔަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވި ސޫޒަން ހޮޕްކިންސް ވިދާޅުވިއެވެ.

މިދިރާސާއިން މިހާރު އިނގިރޭސިވިލާތުގައި ކޮވިޑަށް ވެކްސިން ޖަހަމުން އަންނައިރު އެކަމުން އިމިޔުން ލިބިފައިވާ މިންވަރެއް ހޯދިފައެއްނުވެއެވެ. އެއީ ވެކްސިން ޖަހަން ފަށާފައިވަނީ ފަހުގެ ތާރީޚެއްގައި ކަމަށްވުމުން ކަމަށް ދިރާސާކުރިޔަށް ގެންދިޔަ ފަރާތުން ބުނެއެވެ.

މިދިރާސާކުރުމުގައި ބޭނުންކޮށްފައި ވަނީ އިނގިރޭސިވިލާތުގައި މަސައްކަތްކުރާ އެތައް ހާސް ސިއްހީ މަސައްކަތްތެރިންނެވެ. މީގެތެރެއިންވެސް ޖޫން މަހުން ފެށިގެން ކޮވިޑަށް އާންމު ގޮތެއްގައި ޓެސްޓް ކުރަމުން އަންނަ ސިއްހީ މަސައްކަތްތެރިންނެވެ.

އެގޮތުން ޖޫން މަހުގެ 18ން ފެށިގެން ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހާ ހަމައަށް ސައިންސްވެރިންނަށް މީގެތެރެއިން ދެވަނަ ފަހަރަށް ވައިރަސް ޖެހިގެން ހޯދިފައިވަނީ 44 މީހުންނެވެ. އަދި ދެ ވަނަ ފަހަރަށް ވައިރަސް ޖެހިދާނެ ކަމަށް ބެލެވޭ 42 މީހުން ވަނީ ދެނެގަނެވިފައެވެ. މިއީ 6614 މީހުންގެ ތެރެއިންނެވެ. މިމީހުންނަކީ ހަށިގަނޑުގައި ވައިރަހާއި ދެކޮޅަށް އެންޓިބޮޑީސް އުފެދިފައިވާ މީހުންނެވެ.

މިދިރާސާ ކުރިޔަށް ގެންދިޔަ ސައިންސްވެރިން ބުނެފައިވަނީ ގުދުރަތީ ގޮތުން ލިބޭ އިމިޔުނިޓީ ދިގުދެމިގެންދާ މުއްދަތު ދެނެގަތުމަށް އަދިވެސް މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ފަސް މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ވައިރަހަށް އިމިޔުނިޓީ ލިބޭތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެހެންނަމަވެސް މިހާރު ކުރިޔަށްދާ ދިރާސާގައި ލިބޭ ހެކިތަކަށް ބަލާއިރު ވައިރަހަށް އިމިޔުނިޓީ ލިބިފައިވާ ބައެއް މީހުންގެ ހަށިގަނޑުގައި ގިނަ މިންވަރަކަށް ވައިރަހުގެ އަސަރުހުންނަކަމަށް ސައިންސްވެރިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
50%
0%
0%
0%
0%
50%
ކޮމެންޓް