ކ. މާލެ
|
14 ޖެނުއަރީ 2021 | ބުރާސްފަތި 16:01
ޑަބްލިއުއެޗްއޯގެ ޓީމު ބުރާސްފަތި ދުވަހު ޗައިނާއަށް ގޮސް ކަރަންޓީނަށް ދަނީ
ޑަބްލިއުއެޗްއޯގެ ޓީމު ބުރާސްފަތި ދުވަހު ޗައިނާއަށް ގޮސް ކަރަންޓީނަށް ދަނީ
ސީ.އެން.އެން
ކޮވިޑުގެ އަސްލު ދެނެގަތުން
ޑަބްލިއުއެޗްއޯ ޓީމުގެ ދެ މެންބަރަކަށް ޗައިނާއަށް އެތެރެއެއް ނުވެވުނު
 
ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެގައުމުން ބުނޭ
 
ދެ މެންބަރެއް ވަނީ އައިޖީއެމްއަށް ޕޮޒިޓިވްވެފައި
 
ވައިރަހުގެ އަސްލު ދެނެގަތުމަށްޓަކައި ތަހުގީގެއް ހިންގާނެ

ޗައިނާއަށް ދިޔަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޓީމުގެ ދެ މެންބަރަކަށް އެ ގައުމަށް އެތެރެވުން މަނާކޮށްފިއެވެ.

ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުން ޑަބްލިއުއެޗްއޯގެ ދެ މެންބަރަކަށް ޗައިނާއަށް ވަނުމުގެ ހުއްދަ ނުލިބުނީ ކޮވިޑް-19 އަށް ހަދާ އެންޓިބޮޑީ ޓެސްޓުގެ ނަތީޖާއިން އެހެން އެންޓިބޮޑީއަކަށް ޕޮޒިޓިވްވުމުންނެވެ. މި ޓީމު ޗައިނާއަށް ދަތުރުކުރަނީ ކޮވިޑް-19 ގެ އަސްލު ދެނެގަތުމަށް ކުރާ ތަހުގީގަށެވެ. އެތައް މަސް ދުވަހަށްފަހު ޗައިނާއިން ޑަބްލިއުއެޗްއޯގެ ޓީމު އެގައުމަށް އެތެރެވުމަށް ހުއްދަ ނުދީ ހިފަހެއްްޓުމަށްފަހު އެ ހުއްދަ ދީފައިވަނީ މި ހަފުތާގެ ތެރޭގައެވެ. ބުރާސްފަތި ދުވަހަކީ ޓީމަށް އެތެރެވާން ހުއްދަ ދިން ދުވަހެވެ.

މި ޓީމުގައި 13 ސައިންސްވެރިން ޗައިނާގެ ވުހާނަށް ދިއުމަށް ނިންމާފައިވެއެވެ. ވުހާނަކީ 2019 ވަނަ އަހަރުގެ ފަހުކޮޅު ކޮވިޑުގެ ކޭސްތައް ފެނުނު އެންމެ ފުރަތަމަ ސިޓީއެވެ. ނަމަވެސް މި ޓީމުގައި ހިމެނޭ ދެ މެންބަރެއްގެ އެންޓިބޮޑީ ޓެސްޓުގެ ނަތީޖާތައް ދެއްކި ގޮތުން އެމީހުން އައިޖީއެމްއަށް ޕޮޒިޓިވްވެފައިވެއެވެ. އެހެންކަމުން މި ދެ މެންބަރުން މިވަގުތު ތިބީ ސިންގަޕޫރުގައެވެ.

އައިޖީއެމް އެންޓިބޮޑީސް އަކީ ކޮވިޑް-19 ގެ ވައިރަހުގެ އިންފެކްޝަން ހަށިގަނޑުގައި ހުރިކަމުގެ އަލާމާތްތައް ދައްކުވައިދޭ ކަމެކެވެ. ނަމަވެސް މި އައިޖީއެމް އެންޓިބޮޑީސް ކޮވިޑުގެ ވެކްސިން ޖަހާފައިވާ މީހެއްގެ ހަށިގަނޑުންވެސް އަދި ކުރިން ބަލިޖެހި ރަނގަޅުވެފައިވާ މީހެއްގެ ހަށިގަނޑުންވެސް ފެނުން އެކަށީގެންވެއެވެ. އަދި މިގޮތަށް ދައްކާ ނަތީޖާތައް އެންމެ ސީދާ ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން އައިޖީއެމް އެންޓިބޮޑީގެ ނެގެޓިވް ނަތީޖާއަކާއި، ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހަޅަންޖެހެއެވެ. އަދި ގައުމަށް އެތެރެވެވޭނީ އެ ނަތީޖާތައް ދެއްކުމުންނެވެ. މީގެ ކުރިންވެސް މި ޓީމުގައި ހިމެނޭ ސައިންސްވެރިން ކޮވިޑަށް ޓެސްޓުކުރެވި ނަތީޖާ ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި އެ ދެ މެންބަރުންނަށް ޗައިނާއަށް ނުދެވުނު ނަމަވެސް، ޓީމުގެ ބާކީ ތިބި މެންބަރުން އެމީހުންގެ މަސައްކަތްތައް ފުރިހަމަ ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް އެމީހުންނަށް މަސައްކަތް ފެށޭނީ ދެ ހަފުތާގެ ކަރަންޓީނުގެ މުއްދަތަށްފަހުގައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޕޯކްސްމަން ޒާއޯ ލިޖިއަން ވިދާޅުވީ ޕެންޑަމިކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކަމައެކު ބަލަހައްޓަމުންދާނެ ކަމަށާއި، އެއާއެކު ޑަބްލިއުއެޗްއޯގެ ޓީމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށެވެ. އަދި ގައުމަށް އެތެރެ ނުވެވުނު ދެ ސައިންސްވެރިންނާއި ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެއްވައެވެ. އަދި އެކަމާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
50%
0%
50%
0%
0%
ކޮމެންޓް