ކ. މާލެ
|
13 ޖެނުއަރީ 2021 | ބުދަ 11:15
ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގެ ބޭރު
ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގެ ބޭރު
ސީ.އެން.އެން
ކެޕިޓޮލްގައި ހިނގާދިޔަ ހަމަނުޖެހުން
ކެޕިޓޮލްގައި ހިނގާދިޔަ ހަމަނުޖެހުމުގެ ޒިންމާ ޓްރަމްޕް ނުނެންގެވި
 
ޑިމޮކްރަޓުން އަންނަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ވޯޓު ހައުސްގައި ނެގުމަށް މަސައްކަތްކުރަމުން
 
ޓްރަމްޕް ވަނީ ޑިމޮކްރަޓުންނާއި ޓެކް ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި
 
ޓްރަމްޕް ވިދާޅުވީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅަކީ ހަގީގަތުގައިވެސް ދައްކަވަންޖެހޭ ވާހަކަފުޅެއްކަމަށް

ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގައި ހިނގި ހަމަނުޖެހުމަށްފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެދުވަހު ހިނގާދިޔަ ހަމަނުޖެހުން ކުށްވެރި ކުރެއްވިނަމަވެސް އެކަމުގެ ޒިންމާ ޓްރަމްޕް ނަންގަވަން ނުޖެހޭ މޭރުމަކުން ވާހަކަ ދައްކަވައިފިއެވެ.

ޓެކްސަސް އަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅަކީ ހަގީގަތުގައިވެސް ދައްކަވަންޖެހޭ ވާހަކަތަކެއް ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް އިއުލާންކުރުމަށް ކުރިޔަށްދިޔަ އިލެކްޓޯރަލް ކޮލެޖްގެ ވޯޓު ގުނުމުގެ ކަންކަން ހިނގަމުންދިޔަ ކެޕިޓޮލްގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ގަދަކަމުން ވަދެގަނެ ހަމަނުޖެހުން އުފައްދާފައެވެ.

އޭގެ ގަޑިއިރެއްހާއިރު ކުރިން ޓްރަމްޕް ވަނީ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވަމުން ގެންދެވި ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ ކެޕިޓޮލްގެ ތެރެއަށް ވަނުމަށް ހިތްވަރުދެއްވާ މޭރުމުން ވާހަކަދައްކަވާފައެވެ. ވައިޓް ހައުސްގެ ބޭރުގައި ހުންނަވާ ކެޕިޓޮލް އަށް ދިޔުމަށް ސަޕޯޓަރުންނަށް ގޮވާލެއްވިއިރު އެމަނިކުފާނުވެސް އެމީހުންނާއި ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. ކެޕިޓޮލް ކައިރިއަށް މީހުން އެއްވެ ހަމަނުޖެހުން ހިންގަން ފެށުމުން ޓްރަމްޕް ވަނީ ވައިޓް ހައުސްއަށް ވަދެވަޑައިގަންނަވާފައެވެ.

އެމެރިކާ އާއި މެކްސިކޯގެ ބޯރޑަރުގައި ޓްރަމްޕްގެ ޒަޢާމަތުގައި ބިނާކުރައްވަން ފެއްޓެވި ފާރުކައިރިޔަށް ވަޑައިގެންނެވުމުގެ ކުރިން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެއްވެސް ވަރަކަށް ހަމަނުޖެހުން ހިންގުމަށް ބޭނުންފުޅުނުވާ ކަމަށެވެ.

ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ނުވަތަ ބާރުތައް އަތުލުމަށް ޑިމޮކްރަޓުން މަސައްކަތް ކުރަމުންދާއިރު އިސްތިއުފާ ދެއްވާނެތޯ ނޫސްވެރިން ކުރެއްވި ސުވާލަށް ޓްރަމްޕް ޖަވާބު ދެއްވާފައެއްނުވެއެވެ.

ޓްރަމްޕްގެ ވާހަކަފުޅު ފައްޓަވާފައިވަނީވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މިއިން ދުވަހަކުވެސް ހުރަސްނާޅާ މިންވަރަށް ހުރަސް އަޅާފައިވާކަމަށް ވިދާޅުވެއެވެ. އެއީ ފާއިތުވި ދުވަސްތަކުގައި ޓްރަމްޕް އެންމެ ބޮޑަށް ބޭނުންކުރެއްވި ސޯޝަލް މީޑިޔާ ޕްލެޓްފޯރމްތަކުން ސަސްޕެންޑް ކޮށްފައިވުމާއި ގުޅިގެންނެވެ. އެގޮތުން ޓްވިޓަރ އިން ވަނީ ޓްރަމްޕްގެ އެކައުންޓް ބްލޮކްކޮށްލާފައެވެ.

އެހެންކަމުން ޓްރަމްޕް ވަނީ ޑިމޮކްރަޓުންނާއި ޓެކް ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ޑިމޮކްރަޓުން އަންނަނީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމުގެ ވޯޓު ހައުސްގައި ނެގުމަށް މަސައްކަތްކުރަމުންނެވެ. ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވިދާޅުވީ އެމެޑްމަންޓް 25 އަކީ އެއްވެސް ވަރަކަށް ޓްރަމްޕަށް ގޮންޖެހުން އޮތް ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް އެކަންތައް އަނބުރާ އަންނާނީ ބައިޑަން އާއި ބައިޑަންގެ ސަރުކާރަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދެއްކެވުމަށްފަހު ޓްރަމްޕް ވަނީ މިއީ އެމެރިކާ އެކަތި ގަނޑަކަށް ވާންވީ ވަގުތުކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ޓްރަމްޕް ވަނީ ޑިމޮކްރަޓުން ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ކުރަމުންދާ މަސައްކަތާއި ސޯޝަލް މީޑިޔާ ޕްލެޓްފޯރމްތަކުން ޓްރަމްޕް އެކަހެރި ކުރުމުގެ ސަބަބުން އެމަނިކުފާނުގެ ސަޕޯޓަރުން އިތުރަށް ރުޅިގަދަވެ ހަމަނުޖެހުމަށް މަގުފަހިވަނީކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ ވެރިކަން ރަސްމީކޮށް ނިމިގެންދާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށްވާއިރު އެދުވަހު އިންތިޚާބީ ރައީސް ޖޯ ބައިޑަން ހުވާކުރައްވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް