ކ. މާލެ
|
13 ޖެނުއަރީ 2021 | ބުދަ 04:51
ވެކްސިން ޑޯޒްތައް އަރުވައިގެންދާ ޓްރެކްޓަކެއް
ވެކްސިން ޑޯޒްތައް އަރުވައިގެންދާ ޓްރެކްޓަކެއް
ރޮއިޓަރސް
އިންޑިޔާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް
އިންޑިއާގެ އެކި ހިސާބުތަކަށް ވެކްސިން ފޯރުކޮށްދޭން ފަށައިފި
 
ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 151،000ށް ވުރެ މައްޗަށް އަރާފައި
 
ފުރަތަމަ މަރުހަލާގައި 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައި
 
އަންގާރަ ދުވަހު އެއަރލައިންތަކުން 5.65 މިލިއަން ޑޯޒް އެކި ސިޓީތަކަށް ފޯރުކޮށްދޭނެ

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގައި ހިންގާނެ އެންމެ ބޮޑު ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުމަށް އިންޑިއާއިން އެންމެ ފަހުގެ ތައްޔާރީތައްވާން ފަށައިފިއެވެ.

އެގޮތުން އަންގާރަ ދުވަހު ވަނީ އިންޑިއާގެ އެއަރލައިންތަކުން އެގައުމުގެ އެކި ހިސާބުތަކަށް ވެކްސިންގެ ޑޯޒްތައް ގެންދިޔުމުގެ މަސައްކަތް ފަށާފައެވެ. އިންޑިޔާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.

އޭވިއޭޝަން މިނިސްޓަރ ހަރްދީޕް ސިންގ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންގާރަ ދުވަހު އެއަރލައިންތަކުން 5.65 މިލިއަން ޑޯޒް އެކި ސިޓީތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

މިވެކްސިން ޑޯޒްތައް އެއަރޕޯޓުން ސީދާ ދާނީ ވެކްސިން ރައްކާކޮށްފައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖްތަކަށެވެ. އަދި ކޯލްޑް ސްޓޯރޭޖްތަކުގައި ވެކްސިން ބޫތުތަކަށް ވެކްސިން ޑޯޒްތައް ގެންދެވޭނެކަމަށް ގުޖުރާތުގެ ޑެޕިޔުޓީ ޗީޕް މިނިސްޓަރ ނިތިން ޕަޓޭލް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާއިރު ފުރަތަމަ މަރުހަލާގައިވެސް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކުރިޔަށް އޮތް ހަމަހާއި އަށް މަހާ ދެމެދު 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އިންޑިޔާއިން އަންނަނީ ތައްޔާރުވަމުންނެވެ.

އެންމެ ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ތެރޭގައި ހިމެނެނީ ފްރޮންޓް ލައިންގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ މަސައްކަތްތެރިންގެ 30 މިލިއަން މީހުންނެވެ. އަނެއް 270 މިލިއަން މީހުންނަކީ އުމުރުން 50 އަހަރުން މަތީ މީހުންނާއި ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނެވެ.

އިންޑިއާ ސަރުކާރުން ވަނީ ސެރަމް އިންސްޓިޓިއުޓް އާއެކު ހޯމަ ދުވަހު ކޮވިޝީލްޑް ވެކްސިންގެ 100 މިލިއަން ޑޯޒް 200 ރުޕީސް އަށް ގަނެފައެވެ. އެކަމާއި ގުޅިގެން އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން ބުނީ އިންޑިޔާ ސަރުކާރުގެ ޚާއްސަ އެދުމުގެ މަތިން އަގުހެޔޮކޮށް ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަގުހެޔޮކޮށް ވެކްސިން ފޯރުކޮށްދެނީ އާންމު ރައްޔިތުންނަށް އަތްފޯރާ އަގުގައި ވެކްސިން ފޯރުކޮށްދިނުމަށް ކަމަށް އެއިންސްޓިޓިއުޓުން ބުނެއެވެ. ޕްރައިވެޓް މަރކެޓްގައި ވެކްސިންގެ ޑޯޒް ވިއްކަނީ 1000 ރުޕީސް އަށް ކަމަށް ސެރަމް އިންސްޓިޓިއުޓުން ބުނެއެވެ.

އެގައުމުގެ ހުޅަނގާއި އިރުމަތީގެ ސްޓޭޓްތަކުގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެގައުމުގެ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތަޖުރިބާގެ ބޭނުންކުރާނެ އެވެ. އިންޑިޔާގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމަކީ މުޅި ދުނިޔޭގައިވެސް ހިންގާ ވެކްސިން ދިނުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.

އެހެންނަމަވެސް ވެކްސިން އެކި ތަންތަނަށް އުފުލުމާއި ކޮވިޑާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކުރަން ޖެހިފައިވުމުގެ ސަބަބުން ވެކްސިން ޖެހުމަށް ދަތިތަކާއި ކުރިމަތިވާނެކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާއަކީ ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. 10.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އަންގާރަ ދުވަހު 12،584 މީހުންނަށް ވަނީ ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައެވެ. މިއީ ފާއިތުވި މަސްތަކުގައި އެންމެ މަދުން ކޮވިޑް ޖެހިގެން ރިޕޯޓްކުރި ދުވަހެވެ. އެގައުމުގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 151،000ށް ވުރެ މައްޗަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
100%
0%
0%
0%
ކޮމެންޓް