ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 22:27
ޑޮނަލްޑް ޓްރަމްޕް ވީޑިއޯ މެސެޖް ދެއްވަނީ
ޑޮނަލްޑް ޓްރަމްޕް ވީޑިއޯ މެސެޖް ދެއްވަނީ
އަލްޖަޒީރާ
އެމެރިިކާގެ ސިޔާސީ މަޝްރަހު
ބާރުތައް ބަދަލުކުރުމުގެ ކަންކަން އަމާންކަމާއެކު ކުރިޔަށް ގެންދަވާނެ ކަމަށް ޓްރަމްޕް ވައުދުވެވަޑައިގެންފި
 
ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އައު ސަރުކާރު ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ވެރިކަމާ ހަވާލުވާނެކަމަށް
 
ކެޕިޓޮލްގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ޓްރަމްޕަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ޕްރެޝަރތަކެއް ކުރިމަތިވެފައި

އެމެރިކާގެ ރައީސްކަމަށް ދެން ވަޑައިގަންނަވާނީ ޖޯ ބައިޑަން ކަމަށް ގަބޫލުކުރައްވާކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަކީ އަމާންކަމާއެކު ބާރުތައް ބަދަލުކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުން ކަމަށް ރިޔާސީ އިންތިޚާބުން ނާކާމިޔާބީ އާ ކުރިމަތިވެ ވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ކެޕިޓޮލް އަށް ޓްރަމްޕްގެ ސަޕޯޓަރުން ގަދަކަމުން ވަދެ ހިންގި ހަމަނުޖެހުން ތަކަށްފަހުއެވެ. ކެޕިޓޮލްގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެފައިވަނީ އެކަމަށް ހިތްވަރުދޭ މޭރުމަކުން ޓްރަމްޕް ވާހަކަ ދައްކަވާފައިވަނި ކޮށެވެ. އަދި ފަހުންވެސް ޓްރަމްޕް ވަނީ ހަމަނުޖެހުން ހިންގި މީހުން ކުރި ކަންތައް ކުށްވެރިނުކޮށް އެކަމަށް ތާއީދުކުރާ މޭރުމަކުން ވާހަކަދައްކަވާފައެވެ.

އެއަށްފަހު ޓްވިޓަރ މެދުވެރިކުރައްވާ ޓްރަމްޕް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އައު ސަރުކާރު ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ވެރިކަމާ ހަވާލުވާނެކަމަށެވެ. އަދި މިހާރު ޓްރަމްޕްގެ އަމާޒު ހުރީ ވެރިކަމުގެ ބާރުތައް އަމާންކަމާއެކު ބަދަލު ކުރުމަށްކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ޓްރަމްޕް ވަނީ އެމެރިކާ އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ކެޕިޓޮލްގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ޓްރަމްޕަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ޕްރެޝަރ ތަކެއް ކުރިމަތިވެފައެވެ. ވަކިން ޚާއްސަކޮށް ދައުރު ނިމުމުގެކުރިން ޓްރަމްޕް މަގާމުން ދުރުކުރުމަށް ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަނުންވެސް އަންނަނީ ގޮވާލަމުންނެވެ.

ކޮންގްރެސްގައި ތިއްބަވާ ޑިމޮކްރަޓިކް ލީޑަރުން ވަނީ ޓްރަމްޕް މަގާމުން ވަކިކުރުމަށް އެމެންޑްމަންޓް 25 ގެ ބޭނުންކުރުމަށް ނައިބު ރައީސް މައިކް ޕެންސްގެ އަރިހުގައި އެދެމުންނެވެ. އެހެންނަމަވެސް ޕެންސް މިމޭރުމުން ކަންކުރައްވާނެ ކަމަކަށް ނުބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕް އެންމެ ފަހުން ޓްވިޓަރ މެދުވެރިކޮށް މިދެއްވި މެސެޖަކީ އިންތިޚާބުން ނާކާމިޔާބީ އާ ކުރިމަތިވެ ވަޑައިގެންނެވި ފަހުން އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކުގެ ރާގު ބަދަލުވެގެން ދިޔަ މެސެޖެކެވެ. އިންތިޚާބުގައި އޮޅުވާލުންތަކެއް އުޅޭކަމަށާއި އިންތިޚާބު ވަގަށް ނަގާފައިވާކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ތަކުރާރުކޮށް ވާހަކަދައްކަވާފައެވެ. އަދި މިއީ އިންތިޚާބުން ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެންނެވިކަމަށް މިމޭރުމުން އެއްބަސްވެ ވަޑައިގެންނެވި ފުރަތަމަ ފަހަރުވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް