ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 21:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް ކައިރީގައި މަޑުކޮށްލައްވައިގެން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް ކައިރީގައި މަޑުކޮށްލައްވައިގެން
ސީ.އެން.އެން
ޓްރަމްޕް މަގާމުން ވަކިކުރުމުގެ މަސައްކަތްތައް
ޓްރަމްޕް އިމްޕީޗް ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ހައުސްއިން ފަށާނެކަމުގެ އިޝާރާތެއް
 
ރިޕޯޓްތައް ބުނާގޮތުގައި އެމެންޑްމަންޓް 25 ގެ ބޭނުން ނައިބު ރައީސް މައިކް ޕެންސް ކުރެއްވުމަކީ ވަރަށް ނާދިރުކަމެއް
 
ހައުސްގެ ރައީސް ނެންސީ ޕެލޯސީ ވަނީ ހައުސް އިން ޓްރަމްޕް އިމްޕީޗްކުރާނެކަމަށް ވިދާޅުވެ އިންޒާރުދެއްވާފައި
 
އަންނަ ހަފްތާގެ މެދުތެރޭގައި އިމްޕީޗްކުރުމުގެ ވޯޓު ނެގުމަށް އަންނަނީ މަސައްކަތްކުރަމުން

އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިކުރުމުގެ މަސައްކަތް އެމެންޑްމަންޓް 25 ބޭނުންކޮށްގެން ނައިބު ރައީސް މައިކް ޕެންސް އާއި ކެބިނެޓުން ނުކުރާނަމަ ޓްރަމްޕް އިމްޕީޗްކުރުމުގެ މަސައްކަތް ހައުސް އިން ކުރާނެކަމުގެ އިޝާރާތެއް ހައުސްގެ އެސިސްޓަންޓް ސްޕީކަރ ކެތްރިން ކްލަރކް ދެއްވައިފިއެވެ.

ކެތްރިން ކްލަރކް ވިދާޅުވީ ޓްރަމްޕް މަގާމުން ވަކިކުރަންޖެހޭ ކަމަށާއި އެކަމަށްޓަކައި ބޭނުންކުރެވެން ހުރި ހުރިހާ މަގެއް ބޭނުން ކުރައްވާނެކަމަށެވެ. ޑިމޮކްރަސީ ހިމާޔަތްކުރުމަށްޓަކައި އެކަން ކުރައްވާނެކަމަށް ސީއެންއެންއާ ވާހަކަ ދައްކަވަމުން ކެތްރިން ވިދާޅުވިއެވެ.

އަދި އަންނަ ހަފްތާގެ މެދުތެރޭގައި އިމްޕީޗްކުރުމުގެ ވޯޓު ނެގޭނެކަމަށް ކެތްރިން ވިދާޅުވިއެވެ.

2020 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންކަން ރަސްމީކޮށް އިއުލާންކުރުމަށް ކޮންގްރެސްއިން ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުމަށްފަހު ޓްރަމްޕް މަގާމުން ވަކިކުރުމުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ. ވަކިން ޚާއްސަކޮށް ކެޕިޓޮލްގެ ތެރެއަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގި މީހުންނަށް ޓްރަމްޕް ތައުރީފުކުރެއްވުމުން ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީ އާއި ކެބިނެޓްގެ ގިނަ މެމްބަރުންގެ އިތުރުން ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން އަންނަނީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ ވާހަކަތައް ވަރަށް ބޮޑަށް ދައްކަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެކަމުގެ މަޝްވަރާތައް މިހާރު ކުރިޔަށްދެއެވެ. ޖޯ ބައިޑަން ރައީސް ކަމުގެ ހުވާކުރައްވާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށްވާއިރު މިއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް ޓްރަމްޕް މަގާމުގެ ބޭނުންކުރައްވައިގެން ކަންތައްތަކެއް ކުރައްވަފާނެކަމަށް ވަނީ ބެލެވޭ ކަމަށް ޑިމޮކްރަޓުން ބުނެއެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް ޓްރަމްޕް މަގާމުން ވަކިކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ޑިމޮކްރަޓުން ބޭނުންވެއެވެ.

ބައިޑަން ހުވާކުރެއްވުމުގެ ކުރިން ޓްރަމްޕް މަގާމުން ވަކިކުރެވޭނެ އޮތީ ދެ ގޮތެކެވެ. އެއީ ޓްރަމްޕް މަގާމުން އަޒުލުކުރުމާއި އެމެރިކާގެ ޤާނޫނު އަސާސީގެ އެމެންޑްމަންޓް 25 ގެ ބޭނުންކުރުމެވެ.

އެމެންޑްމަންޓް 25 ގެ ދަށުން ޓްރަމްޕް މަގާމުން ވަކިކުރެވޭނީ އެކަމަށް އެދި ނައިބު ރައީސް މައިކް ޕެންސް އަދި ކެބިނެޓްގެ މެޖޯރިޓީ މެމްބަރުން އެދިވަޑައިގެން އެކަން އިއުލާނު ކުރެއްވުމުންނެވެ. އެކަން ޕެންސް ނުކުރައްވާނަމަ ދެން އޮތީ ޓްރަމްޕް މަގާމުން ވަކިކުރުމެވެ. އެކަމަށްޓަކައި ޑިމޮކްރަޓުން އަންނަނީ ތައްޔާރުވަމުންނެވެ.

ހައުސްގެ ރައީސް ނެންސީ ޕެލޯސީ ވަނީ ހައުސް އިން ޓްރަމްޕް އިމްޕީޗްކުރާނެކަމަށް ވިދާޅުވެ އިންޒާރުދެއްވާފައެވެ. އަދި އެކަން ކުރެއްވޭނެގޮތްތަކެއް ޑިމޮކްރަޓުން އަންނަނީ ބަލަމުންނެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އެމެންޑްމަންޓް 25 ގެ ބޭނުން ނައިބު ރައީސް މައިކް ޕެންސް ކުރެއްވުމަކީ ވަރަށް ނާދިރުކަމެކެވެ.

އެހެންކަމުން ދެން އޮތް ގޮތަކީ ޓްރަމްޕް މަގާމުން ވަކިކުރުން ކަމަށްވާއިރު މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ ޓްރަމްޕް މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ކޮށްފައެވެ. އެފަހަރު އެކަން ކާމިޔާބުނުވީ ސެނެޓުން އެގޮތަށް ފާސްނުކުރުމުންނެވެ. ސެނެޓްގެ މެޖޯރިޓީ އޮންނަނީ ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަނުންނަށެވެ. މިފަހަރުގެ އިމްޕީޗްމަންޓާއި ގުޅިގެން ރިޕަބްލިކަނުންގެ ބައެއް މެމްބަރުން ވިދާޅުވަމުން އަންނަނީ އިމްޕީޗްކުރުމާމެދު ގޮތެއް ނިންމާނީ އިމްޕީޗްމަންޓް ކުރުމަށް ހުށަހަޅާ ކަންތައްތަކަށް ބެލުމަށްފަހުކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
100%
0%
0%
0%
0%
0%
ކޮމެންޓް