ކ. މާލެ
|
8 ޖެނުއަރީ 2021 | ހުކުރު 18:12
ކެޕިޓޮލްގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
ކެޕިޓޮލްގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
އަލްޖަޒީރާ
އެމެރިކާގެ ކެޕިޓޮލްގައި ހިނގި ހަމަނުޖެހުން
ކެޕިޓޮލްގައި ހިނގި ހަމަނުޖެހުމުގައި ޒަޚަމްވި ފުލުސް މީހާ މަރުވެއްޖެ
 
ސިކްނިކް އަކީ ބުދަ ދުވަހު ހިނގި ހަމަނުޖެހުމުގައި މަރުވި ފަސް ވަނަ މީހާ
 
ސިކްނިކް ކެޕިޓޮލް ފުލަހާއި ގުޅުނީ 2008 ވަނަ އަހަރުގެ ޖުލައި މަހު

އެމެރިކާގެ ކެޕިޓޮލްގެ ތެރެއަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރި މީހުންގެ ކިބައިން އެތަން ސަލާމަތްކުރުމުގައި އުޅެނިކޮށް ޒަޚަމްވި ފުލުސް މީހާ މަރުވެއްޖެކަމަށް ކެޕޮޓިލްގެ ފުލުހުން ބުނެފިއެވެ.

އެކަމާއި ގުޅިގެން ކެޕިޓޮލް ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޮފިސަރ ބްރެއަން ޑީ ސިކްނިކް މަރުވެފައިވަނީ ޑިޔުޓީ އަދާކުރަމުން ދަނިކޮށް ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށްކަމަށެވެ. މިމަރު އެމެރިކާގެ މެޓްރޯޕޮލިޓަން ފުލުސް ޑިޕާޓްމަންޓުން ބަލަމުން އަންނަކަމަށްވެސް ކެޕިޓޮލް ފުލުހުން ބުނެއެވެ.

ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގެ ތެރެއަށް ވަދެގަންނަން މަސައްކަތްކުރި މީހުން އެތަނުން ދުރުކުރުމަށް އޮފިސަރ ސިކްނިކް ދިޔައީ މަސައްކަތްކުރަމުން. އޭނާ ޒަޚަމްވީ މުޒާހަރާކުރަމުންދިޔަ މީހުންނާއި ކުރިމަތިލާ އެމީހުން ދުރަށް ޖައްސަން އުޅެނިކޮށް. އޭނާގެ ޑިވިޝަން އޮފީހަށް އައުމާއެކު ހޭނެތިގެން ވެއްޓުނު. އެހެންކަމުން ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައި
~ ކެޕިޓޮލް ފުލުހުން ނެރުނު ބަޔާން

ސިކްނިކް ކެޕިޓޮލް ފުލަހާއި ގުޅުނީ 2008 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

މިހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކެޕިޓޮލް ފުލުހުން ވަނީ ސިކްނިކްގެ އާއިލާއަށާއި ރަހުމަތްތެރިންނަށް ތައުޒިޔާ ކިޔާފައެވެ.

ސިކްނިކް އަކީ ބުދަ ދުވަހު ހިނގި ހަމަނުޖެހުމުގައި މަރުވި ފަސް ވަނަ މީހާއެވެ. ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ބަޑި ޖެހުމުގެ ސަބަބުން އަންހެނަކު ވަނީ މަރުވެފައެވެ. ދެން މަރުވި މީހުން މަރުވެފައިވަނީ އެމަރޖެންސީކޮށް ފަރުވާދެމުން ދަނިކޮށެވެ.

ބުދަ ދުވަހު ކޮންގްރެސްގެ ބައްދަލުވުން ކުރިޔަށް ގެންދިޔައީ އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑަން ކާމިޔާބުކުރެއްވިކަން ރަސްމީކޮށް އިއުލާންކުރުމަށެވެ. އެއީ އިލެކްޓޯރަލް ކޮލެޖްގެ ވޯޓު ގުނާ ނަތީޖާ ހާމަކުރުމަށްޓަކައެވެ. އެހެންނަމަވެސް ބައްދަލުވުން ފެށުނުތަނާ ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ގަދަކަމުން ކެޕިޓޮލްގެ ތެރެއަށް ވަދެގަނެފައެވެ. މިމީހުން ކެޕިޓޮލް އިން ބޭރުކުރުމަށް މަސައްކަތްކުރި އޮފިސަރުންނާ ދިމާލަށް އެއީ ގައްދާރުން ކަމަށްވެސް ވަނީ ގޮވާފައެވެ.

އިމާރާތުގެ ތެރެއަށް ވަދެގަތުމަށް ކުރި މަސައްކަތް ކާމިޔާބުކޮށް އެމީހުން ވަނީ ހައުސް އާއި ސެނެޓްގެ ދޮރުތައް ހަލާކުކޮށް އެތެރެއަށް ވަދެފައެވެ. އެއާއެކު ހައުސްގެ ފްލޯރގައި ތިބި މެމްބަރުން ނެރުނެވެ. އޭގެތެރޭގައި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްވެސް ހިމެނިވަޑައިގަންނަވައެވެ.

މިހިނގާ ދިޔަ ކަންތައްތަކާއި ގުޅިގެން ކެޕިޓޮލްގެ ޕޮލިސް ޗީފް ސްޓީވަން ސަންޑް ވަނީ އިސްތިއުފާދެއްވާފައެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ން ރިޕޯޓްކޮށްފައިވާ ގޮތުގައި އިލެކްޓޯރަލް ކޮލެޖްގެ ވޯޓު ގުނުން ކުރިޔަށްދިޔަ ދުވަހުގެ ތިން ދުވަސްކުރިން ޕެންޓަގަންއިން ވަނީ ކެޕިޓޮލް ފުލުހުން އިތުރު ގާޑުން ބޭނުންވޭތޯ ސާފުކޮށްފައެވެ.

މީގެއިތުރުން އިމާރާތުގެ ތެރެއަށް އެމީހުން ވަނުމާއެކުވެސް ޖަސްޓިސް ޑިޕާޓްމަންޓްގެ ލީޑަރުން ވަނީ އެފްބީއައި އެޖެންޓުންގެ އެހީތެރިކަމަށް އެދިފައެވެ. ނަމަވެސް ފުލުހުން ވަނީ އެހީތެރިކަން ހޯދުމަށް ދެ ފަހަރެއްގެ މަތިންވެސް އިންކާރުކޮށްފައި ކަމަށް ސީނިއަރ ޑިފެންސް އޮފިޝަލުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
33%
0%
33%
33%
0%
0%
ކޮމެންޓް