ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 22:08
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އަދި ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އަދި ރައީސް ޑޮނަލްޑް ޓްރަމްޕް
އަލްޖަޒީރާ
އެމެރިކާގެ ސިޔާސީ މަޝްރަހު
ޓްރަމްޕް މަގާމަށް ކުފޫ ހަމަނުވާކަން ސާބިތުކުރުމަށް ބޭނުންކުރާ އެމެންޑްމަންޓް 25 އަކީ ކޮބާ؟
 
ކޮންމެ ގޮތަކަށް ވެރިކަމުން ދުރުކުރެވުނުނަމަވެސް ބާރުތައް ލިބިވަޑައިގަންނަވާނީ ނައިބު ރައީސަށް
 
މިވަގުތު ޓްރަމްޕް މަގާމުން ވަކިކުރެވޭނެ އޮތީ ދެ ގޮތެއް
 
ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު

އެމެރިކާގެ ކެޕިޓޮލް އަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން އުފެއްދި ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންގެ އަމަލު ކުށްވެރިކުރެއްވުމަށް ޓްރަމްޕް ނުކުޅެދިފައިވާއިރު ޓްރަމްޕް މަގާމުން ވަކިކުރުމުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ. އައު ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ކުރިޔަށް މިއޮތް މަދު ދުވަސްކޮޅުގައިވެސް ޓްރަމްޕް މަގާމުގައި ބަހައްޓަން ބޭނުންފުޅު ނުވާ އެތައް މެމްބަރުންނެއް ޓްރަމްޕްގެ ކެބިނެޓްގަޔާއި ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގައިވެސް އެބަތިއްބެވެ. ސަބަބަކީ ޓްރަމްޕް ހިތްވަރުދެއްވައިގެން ކެޕިޓޮލްގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުމަކީ އެމެރިކާގެ ތާރީޚުގައިވެސް ކަޅު ސަފްހާއެއްގެ ގޮތުގައި ލިޔެވިގެންދާނެ ކަމަކަށްވާތީއެވެ.

އެކަން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުންގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސުންވެސް ސިފަކުރެއްވީ ލަދުވެތި ޑިމޮކްރަސީ އަށް ކުރި މަލާމާތެއްގެ ގޮތުގައެވެ.

އޭބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސޯސްތަކުން ލިބެމުންދާ މައުލޫމާތަށް ބަލާއިރު ޓްރަމްޕްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ވަނީ އެމެެރިކާގެ ޤާނޫނު އަސާސީގެ ސެކްޝަން 4 އަދި އެމެޑްމަންޓް 25 ގެ ދަށުން ޓްރަމްޕް ވެރިކަމުން ދުރުކުރުމުގެ މަޝްވަރާތައްކޮށްފައެވެ. އަނެއްކޮޅުން ކޮންގްރެސްގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރަޓިކް މެމްބަރުން ވަނީ ނައިބު ރައީސް މައިކް ޕެންސް އިސްވެ ހުންނަވާ ޓްރަމްޕް ވެރިކަމުގައި ހުންނެވުމަށް ގާބިލްނޫންކަން ހާމަކުރެއްވުމަށް ޕެންސްގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

"ރައީސް ޓްރަމްޕް މިވަނީ އޭނާ އަކީ ސިކުނޑި ހަމަނުޖެހޭ މީހެއްކަން ސާބިތުކޮށްދީފައި. 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގަބޫލުކުރުމުގައި އަދިވެސް ޓްރަމްޕް މިވަނީ ނުކުޅެދިފައި. އެކަން ހިނގާދިޔަ ގޮތް ޓްރަމްޕަށް އަދިވެސް ނޭނގޭ." ހައުސްގެ ޖުޑީޝަރީ ކޮމިޓީގައި ތިއްބަވާ ޑިމޮކްރަޓިކް މެމްބަރުން ސޮއިކުރައްވާފައިވާ ސިޓީއެއްގައިވެއެވެ.

"ޓްރަމްޕް މިވަނީ އޭނާގެ ޒިންމާތައް އަދާކުރުމުގައި ނުކުޅެދިފައިވާކަމާއި ޑިމޮކްރަސީ ހިމާޔަތްކުރުމުގައި ނާގާބިލް މީހެއްކަން ސާބިތުކޮށްދީފައި" ސިޓީގައި އިތުރަށް ބުނެފައިވެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލް އަށް ވަދެ ހިންގި ހަމަނުޖެހުމުގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. ކެޕިޓޮލްގެ ބޭރުގައި ޓްރަމްޕްގެ ސަޕޯޓަރުން މުޒާހަރާ ކުރަމުންދިޔައިރު ޓްރަމްޕް ވަނީ އޭނާގެ ސަޕޯޓަރުން ގެޔަށް ދިޔުމަށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް އެމީހުންގެ އެއަމަލުތަކަށް ތާއީދުކުރައްވާ ކަމަށާއި އެމީހުން ދެކެ ލޯބިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް މަގާމުން ވަކިކުރެވޭނެ ދެ ގޮތެއް:

ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާ މިމަހުގެ 20 ވަނަ ދުވަހު ކުރެއްވުމުގެ ކުރިން ޓްރަމްޕް މަގާމުން ވަކިކުރެވޭނެ އޮތީ ދެ ގޮތެކެވެ. އެއީ ޓްރަމްޕް މަގާމުން އަޒުލުކުރުމާއި އެމެރިކާގެ ޤާނޫނު އަސާސީގެ އެމެންޑްމަންޓް 25 ގެ ބޭނުންކުރުމެވެ.

މިދެގޮތަށް ބެލިނަމަވެސް ބައިޑަން ހުވާކުރެއްވުމާއި ހަމައަށް ވެރިކަމުގެ ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ ނައިބު ރައީސް މައިކް ޕެންސްއެވެ.

އެހެންނަމަވެސް ދައުރު ހަމަވާން ކުޑަދުވަސްކޮޅެއް އޮތުމާއެކު ވެރިކަމުން އަޒުލުކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ވަގުތުނަގާނެތީ އެއަށްވުރެ ބޮޑަށް ބެލެވެނީ އެމެންޑްމަންޓް 25 ގެ ބޭނުންކުރާނެ ކަމަށެވެ.

ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް މީގެކުރިންވެސް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބުނުވީ އެކަމަށް ނެގުނު ވޯޓުގައި ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ފާސްނުވުމުންނެވެ.

އެމެންޑްމަންޓް 25 އަކީ ކޮބާ؟

އެމެރިކާގެ ޤާނޫނު އަސާސީއަށް ގެނެސްފައިވާ އެމެންޑްމަންޓް 25 އަކީ 1967 ވަނަ އަހަރު ގެނެސްފައިވާ އިސްލާހެކެވެ. މިއިސްލާހު ގެނައީ 1963 ވަނަ އަހަރު ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ. އެއީ ވެރިކަމުގައި ހުންނަ މީހަކަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތެއް އެކަށައެޅުމަށްޓަކައެވެ.

މީގެކުރިން މިމާއްދާ ވަނީ ސިއްހީ ސަބަބުތަކަށްޓަކައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ނުކުޅެދިފައިވާ ބައެއް ފަހަރު ބޭނުންކޮށްފައެވެ.

ސެކްޝަން 3 ގެ ދަށުން އެންމެ ފުރަތަމަ ބާރުތައް ވަގުތީ ގޮތުން ބަދަލު ކުރައްވާފައިވަނީ އޭރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޖޯރޖް ޑަބްލިޔު ބުޝް އެވެ. އެމަނިކުފާނުގެ ނައިބު ރައީސް ޑިކް ޗެއްނޭ އަށް ބާރުތައް ބަދަލުކުރެއްވީ ސިއްހީ ހާލުކޮޅު ހުރިގޮތުންނެވެ.

އެހެންނަމަވެސް އެމެޑްމެންޓް 25 ގެ ބޭނުން ކުރީގެ ރައީސް ރޮނަލްޑް ރޭގަން ކުރައްވާފައެއްނުވެއެވެ. އެމަނިކުފާނުގެ ހަށިކޮޅަށް 1981 ވަނަ އަހަރު މީހަކު ބަޑިޖެހުމުން ވަގުތީގޮތުން ބާރުތައް ނައިބު ރައީސް ޖޯރޖް އެޗް ޑަބްލިޔު ބުޝް އަށް ބަދަލުކުރެއްވީއެވެ.

ކޮންގްރެސްގެ ބައްދަލުވުމުގެ ތެރެއިން

ސެކްޝަން 4:

ޓްރަމްޕް ވެރިކަމުން ދުރުކުރުމުގެ ކަންތަކުގައި ސެކްޝަން 4ށް ބޮޑަށް ބަލަމުންދަނީ ޓްރަމްޕް ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުކުޅެދިފައިވާތީއެވެ. އަދި ޓްރަމްޕް އަމިއްލަފުޅަށް މަގާމުން އެކަހެރިވެ ވަޑައިނުގަންނަވާތީއެވެ.

ސެކްޝަން 4 ގެ ދަށުން ނައިބު ރައީސް މައިކް ޕެންސްގެ އިތުރުން ޓްރަމްޕްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މެޖޯރިޓީ ބޭފުޅުން ޓްރަމްޕް މަގާމުން ދުރުކުރުމަށް އެއްބަސްވެވަޑައިގެން އެކަން އިއުލާންކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

މިކަން ހަމަޖެހިފައި އޮންނަގޮތުން ޓްރަމްޕަށް ކޮންމެ ވަގުތެއްގައިވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ކުޅަދާނަކަން ހުންނެވިކަމަށް އިއުލާންކުރައްވާ ބާރުތައް އަލުން ހޯއްދެވޭނެއެވެ. އެއީ އެހެންނަމަވެސް ޕެންސް އާއި ކެބިނެޓްގެ މެޖޯރިޓީ މެމްބަރުން ހަތަރު ދުވަސްތެރޭގައި އެކަން ދޮގުކޮށް ޓްރަމްޕް މަގާމުން ވަކިކުރުމަށް މަސައްކަތް ނުކުރާ ކަމަށްވާނަމައެވެ.

ކެބިނެޓުން މިކަންތައް ކުރިޔަށް ނުގެންދެވިއްޖެނަމަ ދެން މިކަން ދާނީ ކޮންގްރެސް އަށެވެ. ސެނެޓާއި ހައުސްގެ ތިން ބައިކުޅަ ދެ ބައި ވޯޓުން ޓްރަމްޕްގެ ބާރުތައް ނެގުމަށް ކަނޑައަޅައިފިނަމަ ޕެންސް އަށް ރައީސް ކަމުގެ މަސްއޫލިއްޔަތުތައް ދޫކުރައްވަންޖެހޭނެއެވެ.

އޭބީސީ ނިއުސް އިން ބުނާގޮތުގައި މިކަމަށް ކެބިނެޓްގައި މަޝްވަރާކުރާނީ ކިހާ މުއްދަތަކަށް ކަމެއް އަދި ސާފެއްނުވެއެވެ.

ކޮންސްޓިޓިޔުޝަން ސްކޮލަރ އެއް ކަމުގައިވާ ފްރޭންކް ބޯވްމަން ވިދާޅުވާ ގޮތުގައި އެމެޑްމަންޓް 25 ބޭނުންކޮށްފައިވާ ގޮތްތަކަށް ބަލާއިރު ރައީސްކަމުގައި ހުންނަ މީހަކަށް ސިކުނޑީގެ މައްސަލައެއް ނުވަތަ އޭނާއަށް ކުރިމަތިވާ ސިއްހީ މައްސަލައެއްގައި މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެކަމަށް ނިންމޭނެކަމަށެވެ.

ޓްރަމްޕް މަގާމުން ވަކިކުރުމަށްޓަކައި އަދި އެމެރިކާގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށްޓަކައި ކޮންގްރެސް އިން ޓްރަމްޕް ކަންތައް މިކުރެއްވި ގޮތާމެދު ފިޔަވަޅެއް އަޅަންޖެހޭކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އެހެން ނޫންކަމަށްވާނަމަ އެމެރިކާގެ ޑިމޮކްރަސީ އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް މާހިރުން ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
40%
20%
0%
0%
20%
20%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު