ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 15:51
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން
އޭއެފްޕީ
އެމެރިކާގެ އިލެކްޓޯރަލް ކޮލެޖްގެ ވޯޓުގެ ނަތީޖާ
ހަމަނުޖެހުންތަކަށްފަހު އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑަން ހޮވިވަޑައިގެންނެވިކަން ރަސްމީކޮށް އިއުލާންކޮށްފި
 
ހަމަނުޖެހުންތަކުގައި 4 މީހަކު ވަނީ މަރުވަފައި
 
ރިޕަބްލިކަންގެ ފެކްޝަނަކުން ވަނީ މައި ސްޓޭޓްތަކުގެ ނަތީޖާ ގަބޫލުނުކޮށް އެކަން ހުށަހަޅާފައި
 
ޓްރަމްޕަށް ލިބިވަޑައި ގަންނަވާފައި ވަނީ 232 ވޯޓު
 
ބައިޑަން އަށް 306 ވޯޓު ލިބިވަޑައިގަތް

މުޒާހަރާ އާއި ހަމަނުޖެހުމާއި އެކަމުގެ ތެރޭގައި މީހުންތަކެއް މަރުވުމަށްފަހު އެންމެ ފަހުން މިވަނީ އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑަން އަދި ނައިބު ރައީސް ކަމަށް ކަމަލާ ހެރިސް ހޮވިވަޑައިގަންނަވާފައިވާކަން ކޮންގްރެސް އިން ރަސްމީކޮށް އިއުލާންކޮށްފައެވެ. މިއާއެކު 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮޅަށް އަނބުރާލެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދެވި ހުރިހާ ކަމަކަށް މިވަނީ ނިމުން އައިސްފައެވެ. އަދި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާނީ ޖޯ ބައިޑަންކަން މިވަނީ ސާފުވެގެން ގޮސްފައެވެ.

އިލެކްޓޯރަލް ކޮލެޖްގެ ވޯޓު ގުނުމުގެ ކަންކަން ކުރިޔަށްދިޔަ ޔޫއެސް ކެޕިޓޮލްގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ގަދަކަމުން ވަދެގަނެ ހިނގި ހަމަނުޖެހުމަށްފަހު ކަންކަން މިވަނީ ހަމައަކަށް އެޅިފައެވެ. ހިނގާ މިދިޔަ ކަންކަމާއި ގުޅޭގޮތުންނާއި ވަކިން ޚާއްސަކޮށް އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ޓްރަމްޕް ދައްކަވަމުން ގެންދެވި ވާހަކަތައް ގަބޫލުނުކުރައްވާކަން ހާމަކުރައްވާފައިވާ ސެނެޓްގައި ރިޕަބްލިކަން ތަމްސީލުކުރައްވާ ލީޑަރ މިޗް މެކާނަލް ވިދާޅުވީ އެމެރިކާގެ ސެނެޓް އެއްވެސް ކަމަކާ ބިރުގަނެ ކުރަން ޖެހޭ ކަމެއް އެކުރަންޖެހޭ ގޮތަކަށް ކުރުމަށް ފަސްނުޖެހޭނެކަމަށެވެ. މެކާނަލް ވިދާޅުވީ ހަވާލުވެފައިވާ ޑިޔުޓީ އާ އެއްގޮތަށް ޒިންމާތައް އަދާކުރައްވާނެކަމަށެވެ. މެކާނަލް މިމޭރުމުން ވާހަކަ ދެއްކެވީ ކެޕިޓޮލް އަށް ވަތް މީހުން ނެރެ އެސަރަހައްދުގައި އެއްވެސް ހަމަޖެހުމެއް ނުހިނގާކަން ކަށަވަރުވުމަށްފަހު އެވެ.

އެމެރިކާގެ ޤާނޫނު އަސާސީ ބުނާގޮތުން އެމެރިކާގެ ކޮންގްރެސް އިން އިލެކްޓޮރަލް ކޮލެޖްގެ ވޯޓުތައް ގުނަން ޖެހޭނެއެވެ. ސްޓޭޓްތަކުގެ އިލެކްޓޯރަލް އިން ލާފައިވާ މިވޯޓުތަކުގެ ނަތީޖާ އަކީ އިލެކްޓޯރަލް ކޮލެޖްގެ 538 ވޯޓުގެ ތެރެއިން ބައިޑަން އަށް 306 ވޯޓު ލިބިވަޑައިގަތުމެވެ. ޓްރަމްޕަށް ލިބިވަޑައިގަންނަވާފައިވަނީ 232 ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް އިލެކްޓޯރަލް ކޮލެޖްގެ 270 ވޯޓު ބޭނުންވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ޓްރަމްޕް އާއި ޓްރަމްޕްގެ ބައިވެރިން މިހާތަނަށްވެސް ދައްކަވަމުން ގެންދެވި އެއްވެސް ވާހަކައަކަށް ހެއްކެއް ދެއްކިފައެއްނުވެއެވެ. ޓްރަމްޕްގެ ޤާނޫނީ ޓީމުން ކޯޓުތަކަށް ހުށަހެޅި އެތައް މައްސަލައެއް ވަނީ އެކަށީގެންވާ ހެކި ދެއްކިފައިނުވުމުގެ ސަބަބުން ބޭރުކޮށްލާފައެވެ.

އެހެންނަމަވެސް އިލެކްޓޯރަލް ކޮލެޖްގެ ވޯޓުތައް ގުނުމަށް ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަންގެ ފެކްޝަނަކުން ވަނީ މައި ސްޓޭޓްތަކުގެ ނަތީޖާ ގަބޫލުނުކޮށް އެކަން ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ ބައިޑަން އަށް ކާމިޔާބު ލިބިވަޑައިގެންނެވި އެރިޒޯނާ، ޖޯރޖިއާ، ޕެންސިލްވީނިއާ، މިޗިގަން އަދި ވިސްކޮންސިން އެވެ.

މިކަންތައް ކާމިޔާބުނުވީ ސެނެޓް އަދި ހައުސްގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުން ޓްރަމްޕް އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ވިދާޅުވެ ދައްކަވަމުންދާ ވާހަކަތައް ގަބޫލުނުކުރައްވާ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް އެކަމަށްޓަކައި ނެގުނު ވޯޓުތަކުގައި ވޯޓު ދެއްވުމުންނެވެ.

ކެޕިޓޮލް އަށް ގަދަކަމުން ވަދެ ހިންގި ހަމަނުޖެހުމަށްފަހު ކުރިން ރާވާފައިވާ ގޮތަށް ދިގު ބަހުސްތަކެއް ކޮށް އެސްޓޭޓްތަކުގެ އިލެކްޓަރސް އިން ކަނޑައެޅުމަށް ރޭވިރޭވުމާއި އެއްގޮތަށް ކަންކަން ނުކުރުމަށް ނިންމިއެވެ.

ހައުސް އަދި ސެނެޓުންވެސް ވަނީ އެރިޒޯނާ އާއި ޕެންސިލްވީނިއާގެ ވޯޓު ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުން ބަލައިނުގަނެފައެވެ. އެރިޒޯނާގެ އިލެކްޓޯރަލް ކޮލެޖްގެ ވޯޓުގެ ނަތީޖާ ގަބޫލުނުކުރުމަށް ހުށަހެޅި ހުށަހެޅުން ވަނީ 93 ވޯޓު 6 ވޯޓުން ބޭރުވެފައެވެ. ހައުސްގައި ނެގުނު ވޯޓުގެ ނަތީޖާ އަކީ 303 އަދި 121 އެވެ.

ޕެންސިލްވީނިއާގެ ނަތީޖާ އަނބުރާލުމަށް ހުށަހެޅުނު ހުށަހެޅުން ސެނެޓްގައި ނެގުނު ވޯޓުން ނާކާމިޔާބުވީ 92 ވޯޓު 7 ވޯޓުންނެވެ. ހައުސްއިން 282 ވޯޓު 138 ވޯޓުންނެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ބައިޑަން އަށް އިންތިޚާބު ކާމިޔާބުވެއްޖެކަން ރަސްމީކޮށް އިއުލާންކުރުމުގެ ކަންކަން ފެށުމާއެކު ހެން ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކެޕިޓޮލްގެ ތެރެއަށް ވަދެގަނެފައެވެ. "މޭކް އެމެރިކާ ގްރޭޓް އެގެއިން" ޖަހާފައިހުރި ތޮއްޕާއި "ޓްރަމްޕް" ޖަހާފައި ހުރި ދިދަތައް ހިފައިގެން އެމީހުން ވަދެގަތްއިރު މިހަމަނުޖެހުމުގައި 4 މީހަކު ވަނީ މަރުވަފައެވެ. މިހަމަނުޖެހުން ހިނގުމުގެ ކުރިން ޓްރަމްޕް ވަނީ މިފަދަ އަމަލުތަކަށް ހިތްވަރުދޭ ފަދަ މޭރުމަކުން ޓްރަމްޕްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވާފައެވެ.

ވައިޓް ހައުސްގެ ބޭރުގައި ހުންނަވާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިހާރު މިކަމަށް ވަކާލާތުކޮށް އެކަމަށް ވާހަކަ ނުދައްކައިފިނަމަ ދެން ގައުމެއް ނޯންނާނެކަމަށެވެ. އަދި ކެޕިޓޮލް އަށް ދިޔުމަށް ސަޕޯޓަރުންނަށް ގޮވާލެއްވިއިރު އެމަނިކުފާނުވެސް އެމީހުންނާއި ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. ކެޕިޓޮލް ކައިރިއަށް މީހުން އެއްވެ ހަމަނުޖެހުން ހިންގަން ފެށުމުން ޓްރަމްޕް ވަނީ ވައިޓް ހައުސްއަށް ވަދެވަޑައިގަންނަވާފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކެޕިޓޮލް ތެރެއަށް ވަދެގަނެ ސެނެޓްގެ ޗެމްބަރު ތެރެއަށް ވަދެފައެވެ. އަދި ދޮރުތަކާއި ކުޑަދޮރޮތައް ހަލާކުކޮށްލާ ތަކެއްޗަށް ގެއްލުންދީފައެވެ.

މިހަމަނުޖެހުންތަކުގައި އަންހެނަކު މަރުވެފައިވާއިރު އިތުރު ތިން މީހަކު މަރުވެފައިވަނީ ފަރުވާދެމުން ދަނިކޮށެވެ. ކެޕިޓޮލް ކައިރީގައި ހުންނަ ރިޕަބްލިކަން އަދި ޑިމޮކްރަޓިކް ޕާޓީގެ އޮފީސްތައް ކައރިން ދެ ބޮމެއް ވަނީ ފެނިފައެވެ. މިހަމަނުޖެހުންތަކާއި ގުޅިގެން 52 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އިލެކްޓޯރަލް ކޮލެޖްގެ ނަތީޖާ މައިކް ޕެންސް އިއުލާންކުރައްވަނީ

މިހަމަނުޖެހުމުގައި ކޮންގްރެސްގެ ސްޓާފުން ވަނީ ޑެސްކު ތަކާއި ގޮނޑިތަށް ދަށަށްވަދެ އެމީހުންގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކޮށްފައެވެ. މިހަމަނުޖެހުންތަކާއި ގުޅިގެން ވޮޝިންގޓަންގެ މޭޔަރ ވަނީ ކާފިޔު އިއުލާންކޮށްފައެވެ.

މިހަމަނުޖެހުންތައް އެމެރިކާގެ ކުރީގެ ރައީސުންކަމަށްވާ ޖޯރޖް ޑަބްލިޔު ބުޝް އައި، ބިލް ކްލިންޓަން އަދި ޖެމީ ކާރޓަ ވަނީ ކުށްވެރިކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
25%
25%
50%
ކޮމެންޓް