ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 07:11
ޓްރަމްޕަށް ދާއީދުކުރާ އެތައް ހާސް ސަޕޯޓަރުންނެއް ވޮޝިންގްޓަންގެ މަގުތަކަށް ނުކުމެ ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން
ޓްރަމްޕަށް ދާއީދުކުރާ އެތައް ހާސް ސަޕޯޓަރުންނެއް ވޮޝިންގްޓަންގެ މަގުތަކަށް ނުކުމެ ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން
ރޮއިޓަރސް
ޓްރަމްޕްގެ ސަޕޯޓަރުން މުޒާހަރާ ކުރުން
ޓްރަމްޕްގެ ސަޕޯޓަރުން ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ސެނަޓަށް ވަދެއްޖެ
 
ޓްރަމްޕް ވަނީ އެކި ގޮތްގޮތުން އިންތިޚާބުގެ ނަތީޖާ އަނބުރާލެއްވުމަށް މަސައްކަތްކޮށްފައި
 
މުޒާހަރާ ކޮންޓްރޯލް ކުރުމަށް ނުކުތް ފުލުހުންނާއި އާންމުންނާއި ދެމެދު ވަނީ ހަމަނުޖެހުން ހިނގައިފައި

އެމެރިކާގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ކުރިޔަށްދިޔަ އެގައުމުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށްބުނެ ޓްރަމްޕްގެ އެތަށް ހާސް ސަޕޯޓަރުންނެއް ވޮޝިންގްޓަނުގައި ކުރަމުން އަންނަ މުޒާހަރާގައި ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ސެނެޓަށް ވަދެއްޖެއެވެ.

އިލެކްޓަރސް ވޯޓާއި އަމާޒުކޮށް ބާއްވާ މި މުޒާހަރާގެ ބައިވެރިން ވަނީ އިންތިހާބީ ރައީސް ޖޯ ބައިޑެންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބައިޑެން އިންތިހާބުވެވަޑައިގެންނެވީ ނުފޫޒާއި ބާރު ބޭނުން ކުރައްވައިގެން ކަމަށް ގޮވަމުންނެވެ. އަދި ކޯޓުތަކުން ހުކުމް ކުރަމުން ގެންދަނީ ބައިޑެން ބޭނުންފުޅުވާ ގޮތައް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާގެ ކޯޓުތަކަށް ވެސް ފާޑު ކިޔައިފައެވެ.

މި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ނުކުމެފައިވާއިރު، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި 100 އަށްވުރެ ގިނަ ބައިވެރިންނަށް އަނިޔާވެފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރި ފުލުހުންގެ ތެރެއިން 13 ފުލުހަކަށް ވަނީ އަނިޔާވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑަން ކޮޅަށް ބުރަވި ހިސާބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އިންތިޚާބުގައި އޮޅުވާލުންތަކެއް އުޅޭކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް ޓްރަމްޕްގެ މިތުހުމަތުތައް ސާބިތުކުރެވޭވަރުގެ ހެއްކެއް ޓްރަމްޕަށް ދެއްކެވިފައެއްނުވެއެވެ. އަދި އެކަން ކޯޓެއްގައިވެސް ސާބިތު ކުރެވިފައެއްނުވެއެވެ.

ޓްރަމްޕް ވަނީ އެކި ގޮތްގޮތުން އިންތިޚާބުގެ ނަތީޖާ ޓްރަމްޕްގެ ކޮޅަށް އަނބުރާލެއްވުމަށް މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ކޯޓުތަކަށް މައްސަލަތައް ލުމުގެ އިތުރުން އިންތިޚާބުގެ ނަތީޖާ އާ މެދު ފަހު ބަސް ބުނާ ސްޓޭޓްތަކުގެ އިލެކްޓޯރަލުންނާއި ބަދަލުކުރުމަށްވެސް ވަނީ މަސައްކަތްކުރައްވާފައެވެ.

މިއީ އެމެރިކާގެ ތާރީޚުގައިވެސް މިހާތަނަށް އިންތިޚާބަކަށްފަހު ބަލިވި ކެންޑިޑޭޓެއްގެ ފުށުން ފެނިފައިނުވާ ކަންތައްތަކެއް ކަމަށް ވުމާއެކު މިކަމާއި ގުޅިގެންވެސް ޓްރަމްޕަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
29%
29%
0%
29%
14%
0%
ކޮމެންޓް