ކ. މާލެ
|
6 ޖެނުއަރީ 2021 | ބުދަ 13:35
ކެލިފޯނިއާގެ ކޭސްތައް ނުރައްކާ މިންވަރަކަށް އިތުރުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފައި
ކެލިފޯނިއާގެ ކޭސްތައް ނުރައްކާ މިންވަރަކަށް އިތުރުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފައި
ބިޒްނަސް އިންސައިޑަރ
ކެލިފޯނިއާގެ ކޭސްތައް އިތުރުވުން
ކެލިފޯނިއާގައި އައިސީޔޫ ބެޑް ކެޕޭސިޓީ ދަށްވެ ޒަރޫރީ ނޫން އޮޕަރޭޝަންތައް ކުރުން ހުއްޓާލަން އަންގައިފި
 
އައިސީޔޫ ބެޑްގެ ކެޕޭސިޓީ 10 އިންސައްތައަށްވުރެ ދަށްވެފައިވާ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުން ޒަރޫރީ ނޫން އޮޕަރޭޝަންތައް ހުއްޓާލުމަށް އަންގާފައިވޭ

އެމެރިކާގެ ކެލިފޯނިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވެ އައިސީޔޫ ބެޑްގެ ކެޕޭސިޓީ 10 އިންސައްތައަށްވުރެ ދަށްވެފައިވާ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުން ޒަރޫރީ ނޫން އޮޕަރޭޝަންތައް ހުއްޓާލުމަށް އެ ސިޓީގެ ސިއްހީ އޮފިޝަލުން އަންގައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ކެލިފޯނިއާގެ ހޮސްޕިޓަލްތަކަށް ބާރު ކުޑަކުރުމުގެ ގޮތުންނެވެ. ކެލިފޯނިއާގެ ހޮސްޕިޓަލްތަކުގައި އެތައް ލައްކަ ބަޔަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ކުރިއަށް އޮތް 3 ހަފްތާ ތެރޭގައި ވެސް މި އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ބުނެފައިވަނީ މި ނިންމުމާއެކު ހޮސްޕިޓަލްތަކުގެ ބާރު ކުޑަވުމުގެ އިތުރުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ލުއިފަސޭހަވުމުގެ އިތުރުން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ކެލިފޯނިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތަކަށް ބުރަ ބޮޑުވެފައިވާ އިރު، ކެލިފޯނިއާގެ ގިނަ ހޮސްޕިޓަލްތަކުގައި ކޭޓަރ ކުރެވޭ ވަރަށްވުރެ އަދަދުތައް އިތުރުވަމުން އަންނަ ކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.

މުޅި އެމެރިކާއިން މިހާތަނަށް ތިންލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު، ހަމައެކަނި ނިމިދިޔަ ޑިސެމްބަރު މަހު އެކަނިވެސް 78،000 މީހުން މަރުވެފައިވެއެވެ. އެއާއެކު، އެ ޤައުމުގައި މަރުވާ މީހުންގެ އަދަދުތައް ކޮންޓްރޯލް ކުރުމަށް ވެކްސިން ޕްރޮގްރާމްވެސް މިހާރު ވަނީ އިތުރަށް ފުޅާ ކޮށްފައެވެ.

އެމެރިކާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5 މިލިއަނަށް އަރާފައިވަނީ 200 ދުވަހުންނެވެ. އަދި 5 މިލިއަނުން 10 މިލިއަނަށް ކޭސްތަކުގެ އަދަދުތައް އިތުރުވާން 93 ދުވަސް ނަގާފައިވާއިރު، އެ އަދަދު 20 މިލިއަނަށް އަރާފައިވަނީ އެންމެ 71 ދުވަހުންނެވެ.

މުޅި އެމެރިކާއަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ކެލިފޯނިއާއިންނެވެ. އެގޮތުން ހަމައެކަނި ކެލިފޯނިއާއިންވެސް 2.2 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ޓެކްސަސްއިން 1.7 މިލިއަން އަދި ފްލޮރިޑާއިން 1.3 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

ނިމިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި އެމެރިކާގައި ފެންނަމުންދިޔަ ކޭސްތަކުގެ އަދަދުތައް ޕީކަށް އަރާފައިވާއިރު، އޭރު ދުވާލެއްގެ މައްޗަށް 218،000 ކޭސް ރިޕޯޓު ކުރާކަމަށް ރޮއިޓަރސް އިން ބުނެއެވެ. އަދި މިހާރު ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތަކުގެ އަދަދު އުޅެނީ 186،000 ގައި ކަމަށްވެސް އެމެރިކާގެ ސިއްޙަތާބެހޭ އޮފިޝަލުންނާ ޙަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އޭގެ އިތުރުން، ހޮސްޕިޓަލުތަކުގައި ފަރުވާދޭ މީހުންގެ އަދަދުވެސް 25 އިންސައްތައަށް އިތުރުވެފައިވާއިރު، މިވަގުތުވެސް 125،000ށް ވުރެ ގިނަ މީހުންނަށް އެމެރިކާގެ ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް