ކ. މާލެ
|
6 ޖެނުއަރީ 2021 | ބުދަ 08:43
ކިމް އާއި ކާންޔޭގެ ކައިވެނީގެ ހަފްލާގެ ތެރެއިން؛ ދެ މީހުން ކައިވެނިކޮށްފައިވަނި 2014 ވަނަ އަހަރުގެ މޭ މަހު
ކިމް އާއި ކާންޔޭގެ ކައިވެނީގެ ހަފްލާގެ ތެރެއިން؛ ދެ މީހުން ކައިވެނިކޮށްފައިވަނި 2014 ވަނަ އަހަރުގެ މޭ މަހު
ޑެއިލީ މެއިލް
ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓް ވަރިވުން
ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓް ވަރިވަނީ؟
 
ދެ އަހަރު އެކުގައި އުޅުމަށްފަހު ކިމް އާއި ކާންޏޭ ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރުގެ މޭ މަހު
 
ވަރިވާން އަދި ކޯޓަކަށް ހުށަނާޅާ
 
ކައިވެނި ރޫޅެނީ ކަމުގެ ރިޕޯޓްތަކާ ގުޅޭގޮތުން ކިމް ނޫނީ ކާންޔޭގެ ފަރާތުން އެއްޗެއް ބުނެފައެއް ނުވޭ

އެމެރިކާގެ މަޝްހޫރު ފަންނާނުންކަމަށްވާ ކިމް ކާޑޭޝިއަން އާއި ފިރިމީހާ ކާންޔޭ ވެސްޓް ކައިވެނި ރޫޅާލަން ނިންމާފައިވާކަމުގެ ހަބަރުތައް ފެތުރެން ފަށައިފިއެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ރިއަލިޓީ ތަރި ކިމް، 40، އާއި ރެޕަރ ކާންޔޭ، 43، ވަރިވާން ނިންމާފައިވީ ނަމަވެސް އަދި މިކަމަށް އެދި ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ. ޓީއެމްޒީން ބުނީ ދެ މީހުން ކައިވެނި ސަލާމަތް ކުރުމަށް ކައުންސިލިންއަށް ދާތާ ވަރަށް ދުވަސްވެއްޖެކަމަށެވެ. އަދި، މިދިޔަ އަހަރުގެ ފަހުކޮޅު ވަރިވާން ކިމް ނިންމި ނަމަވެސް ކާންޔޭއަކީ ސީރިއަސް ނަފްސާނީ ބަލި ތަހައްމަލު ކުރަމުން އަންނަ މީހަކަށްވުމުން އެކަންތައް މަޑުޖައްސާފައިވާކަމަށް ޓީއެމްޒީން ބުންޏެވެ.

2020 ވަނަ އަހަރުގެ ފަހުކޮޅަށް ދިޔައިރު މި ކައިވެނި ސަލާމަތް ނުކުރެވޭ ހިސާބަށްގޮސް، ކިމް އެމެރިކާގެ އެއް ކޯސްޓްގައި އޮންނަ ކެލިފޯނިއާގައި ދިރިއުޅެމުން ދިޔައިރު ކާންޏޭ ދިރިއުޅެމުންދަނީ އެ ގައުމުގެ އަނެއް ކޯސްޓްގައި އޮންނަ ވަޔޯމިންގގައެވެ.

ދެ އަހަރު އެކުގައި އުޅުމަށްފަހު ކިމް އާއި ކާންޏޭ ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރުގެ މޭ މަހުއެވެ. އަދި ދެ މީހުންގެ ހަތަރު ކުދިން ތިބެއެވެ. ހަތް އަހަރުގެ ނޯތު، ފަސް އަހަރުގެ ސެއިންޓް، ދެ އަހަރުގެ ޝިކާގޯ އަދި އެއް އަހަރުގެ ސާމްއެވެ.

ކިމް އާއި ކާންޔޭ ދަރިންނާއެކު. ފޮޓޯ: އިންސްޓަގްރާމް/ކިމް ކާޑޭޝިއަން ވެސްޓް

ފާއިތުވި މަސްތަކުގައި ދެ މީހުން ހަމައެކަނި ބައްދަލުވެފައިވަނީ ދަރިންގެ ކަންކަމުގައި ކަމަށާއި ކިމް އަދިވެސް ވަރިވާން ކޯޓްގައި އެދިފައި ނުވާ ސަބަބަކީ ދަރިންނަށް އެންމެ ރަނގަޅަށް ކަންތައް ކުރުމަށް ބޭނުންވާތީކަމަށް ކިމްގެ އާއިލާގެ މަޝްހޫރު ރިއަލިޓީ ޝޯވ ޕްރޮޑިއުސް ކުރާ "އީ"އިން ރިޕޯޓްކުރެއެވެ. ނަމަވެސް ވަރީގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކިމް ވަނީ ވަކީލަކު ހަމަޖައްސާފައެވެ.

2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކާންޔޭ ވާދަކޮށްފައިވާއިރު، މި ކަމުގައި ކިމްގެ މާބޮޑު ބައިވެރިވުމެއް ނޫނީ އެހީއެއް ފެނިފައެއް ނުވެއެވެ. އަދި އޭނާގެ ޓްވިޓަރ މެދުވެރިކޮށް ކިމްއާއި އާއިލާގެ މީހުންނަށް ތަފާތު ތުހުމަތުތައް ވެސް ކޮށްފައިވެއެވެ. ނަމަވެސް އެއީ އޭނާގެ ނަފްސާނީގެ ބަލީގެ ސަބަބުން އަންނަ "އެޕިސޯޑްތަކެއް"ކަމަށް އެ މީހުންގެ ޓީމުން ބުނެއެވެ.

ކިމް އާއި ކާންޔޭ ވަރިވަނީކަމަށް ރިޕޯޓްކުރާއިރު، މިދިޔަ އަހަރު އޮކްޓޯބަރގައި ކިމްގެ 40 ވަނަ އަހަރު ފާހަގަކުރަން ޓަހީޓީއަށް ދިޔަ ދަތުރުގެ ފޮޓޯތަކުން ކާންޔޭ ފެނެއެވެ. ކިމް ވެސް މިދަތުރުގައި ފިރިމީހާއާއެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު، ޕޭޖް ސިކްސްއިން ބުނީ ކާންޔޭ ދަތުރުގައި ބައިވެރިވީ ކުޑަ ދުވަސްކޮޅަކަށްކަމަށެވެ.

ކިމް އެންމެ ފަހުން ކާންޔޭއާއެކު ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވަނީ ނޮވެމްބަރު މަހުގައެވެ.

ކައިވެނި ރޫޅެނީ ކަމުގެ ރިޕޯޓްތަކާ ގުޅޭގޮތުން ކިމް ނޫނީ ކާންޔޭގެ ފަރާތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
50%
50%
0%
0%
0%
ކޮމެންޓް