ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 22:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިރާނުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ޤާސިމް ސުލައިމާނީ- ޓްރަމްޕް ވަނީ ސުލައިމާނީ އަވަހާރަ ކޮށްލުމަށް އޯޑަރު ދެއްވާފައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިރާނުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ޤާސިމް ސުލައިމާނީ- ޓްރަމްޕް ވަނީ ސުލައިމާނީ އަވަހާރަ ކޮށްލުމަށް އޯޑަރު ދެއްވާފައި
defensepoliticsasia.com
ޤާސިމް ސުލައިމާނީ އަވަހާރަ ކޮށްލުން
ސުލައިމާނީގެ މަރުގެ ބަދަލު ހިފުމަށް ޓްރަމްޕް ހައްޔަރު ކުރަން އިރާނުން އިންޓަރޕޯލްގެ ރެޑް ނޯޓިސްއަށް އެދިއްޖެ
 
ސުލައިމާނީ އަވަހާރަ ކޮށްލުމުގެ ހުއްދަ ރައީސް ޓްރަމްޕް ދެއްވި
 
ޤާސިމްގެ މަރުގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ
 
އިރާނުން ވަނީ ބައިނަލްއަޤުވާމީ ފުލުހުންގެ އޮގަނައިޒޭޝަންތަކަށް ހުށައަޅާފައި

ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭ ގޮތަށް އެމެރިކާގެ ސަރުކާރުގެ 48 އޮފިޝަލަކު ހައްޔަރު ކުރުމަށް އިރާނުން އިންޓަރޕޯލް ރެޑް ނޯޓިސް ނެރުމަށް އެދިއްޖެއެވެ.

އިރާނުގެ ޖުޑީޝަރީ ސްޕޯކްސްޕަރސަން ގުލާމް ހުސައިން އިސްމާއިލްއާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން، އިރާނުން ވަނީ ބައިނަލްއަޤުވާމީ ފުލުހުންގެ އޮގަނައިޒޭޝަންތަކަށް މިކަމަށް އެދި ހުށައަޅާފައެވެ. އެގޮތުން ޓްރަމްޕް ހިމެނޭ ގޮތަށް އެމެރިކާ ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ އޮފިޝަލުންތައް ހައްޔަރު ކުރުމަށް އެދިފައި މިވަނީ ޓްރަމްޕްގެ އޯޑަރަށް އިރާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަ ކޮށްލާފައިވާތީއެވެ.

އިސްމާއިލް ވަނީ ޤާސިމްގެ މަރުގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަން ފާހަގަ ކުރައްވައި، އެކަމުގައި އިރާނުން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލުމުގެ ހުއްދަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2019 ވަނަ އަހަރުގެ ޖޫން މަހު ދެއްވާފައިވާކަންވެސް ވަނީ ހާމަވެފައެވެ. ސުލައިމާނީ އަވަހާރަ ކޮށްލުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނީ ގަލްފް ސަރަހައްދު މަތިން މީހަކާނުލާ ދުއްވި ޑްރޯނެއް އިރާނުން ވައްޓާލުމާއި ގުޅިގެންނެވެ. އިރާނުން ބުނެފައިވަނީ އެޑްރޯން ވައްޓާލާފައިވަނީ އިރާނުގެ ކަނޑު ސަރަހައްދު މަތިން ޑްރޯން ދިޔުމުން ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ބުނެފައިވަނީ އެ ޑްރޯން ދުއްވާފައިވަނީ ބައިނަލްއަގްވާމީ ވައިގެ ސަރަހައްދުގައި ކަމަށެވެ.

އެމެރިކާގެ ޤާނޫނު އަސާސީ ބުނާގޮތުން އަސްކަރީ އެއްވެސް އޮޕަރޭޝަނެއް ފެށުމުގެ ހުއްދަ ދިނުމުގެ ބާރު ބެހިގެންވަނީ އެގައުމުގައި އެވަގުތަކު ހުންނަ ރައީސަކާއި ކޮންގްރެސް އަށެވެ. ކޮންގްރެސްއަށް ހަނގުރާމައަށް ފެށުމުގެ އަމުރު ކުރެވޭއިރު ރައީސަށް ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން އެމެރިކާ ދިފާޢުކުރުމަށް އަސްކަރިއްޔާގެ ބޭނުންކުރުމުގެ ބާރު ލިބިދެއެވެ.

އިރާނުގެ އެތައް ހާސްބަޔަކު ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން މަގުތަކަށް ނިކުމެ ހިތާމަ ފާޅު ކޮށްފައިވެއެވެ. އޭރުވެސް އެމެރިކާގެ ކިބައިން ބަދަލުހިފައި، ޓްރަމްޕް އަވަހާރަ ކޮށްލުމަށް އެ ޤައުމުގެ ރައްޔިތުން ދިޔައީ ގޮވާލަމުންނެވެ.

އެމެރިކާއިން ދިން ހަމަލާތަކުގައި ސުލައިމާނީ އަވަހާރަ ކޮށްލާފައިވަނީ ބަޣްދާދުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ކާރުކޮޅެއްގައި ނިކުންނަވަނިކޮށް ދިން ހަމަލާތަކެއްގަ އެވެ. ސުލައިމާނީ އަކީ އިރާނުން ބޭރުގައި ހިންގާ ހަނގުރާމަވެރި އޮޕަރޭޝަންތައް ވަކިން ޚާއްސަކޮށް އިރާގުގެ ޝީޢީ ޖަމާއަތްތަކުންނާއި ސީރިޔާގައި އިސްލާމިކް ސްޓޭޓާއި ދެކޮޅަށް ކުރިޔަށްގެންދާ ހަމަލާތަކުގެ މޭސްތިރިޔާ އެވެ. މެދުއިރުމަތީގައި އިރާނުގެ ސިޔާސަތުތައް ތަންފީޒުކުރެވެމުން ގޮސްފައިވަނީ ސުލައިމާނީގެ ބެއްލެވުމުގެ ދަށުންނެވެ. މެދުއިރުމަތީގައި އައިސިސް ބަލިކުރުމުގައި ސުލައިމާނީ އަދާކުރައްވާފައިވާ ދައުރުގެ ސަބަބުން ސުލައިމާނީ އަކީ މެދުއިރުމަތީގެ އެހެން ގައުމުތަކާއި އިރާނު މީހުންގެ މެދުގައި ގައުމީ ބަތޮލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
11%
79%
0%
11%
0%
0%
ކޮމެންޓް