ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 04:52
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން
ރޮއިޓަރސް
އެމެރިކާގެ އައު ރައީސް ވެރިކަމާއި ހަވާލުވުން
ބާރުތައް ބަދަލުކުރުމުގެ މަރުހަލާގައި ޓްރަމްޕްގެ ފަރާތުން ބައިޑަން އަށް ހުރަސްތަކެއް
 
ޕެންޓަގަންގެ ބައެއް އޮފިޝަލުންގެ ފަރާތުން މައުލޫމާތު ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދޭ
 
ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު
 
ޑިޕާޓްމަންޓް އޮފް ޑިފެންސް އާއި އޮފީސް އޮފް މެނޭޖްމަންޓް އާއި ބަޖެޓްގެ ފަރާތުން ސިޔާސީ ގޮތުން އުނދަގޫތައް ކުރިމަތިވެފައިވޭ
 
އެމެރިކާގެ ދިފާއީ ބައެއް އެޖެންސީތަކުން ބޭނުންވާ މައުލޫމާތު ނުލިބޭ

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން އަށް ބާރުތައް ބަދަލުކުރުމުގެ މަރުހަލާގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓީމުގެ ފަރާތުން އެއްބާރުލުން ލިބެމުންނުދާކަމަށާއި ބޭނުންވާ ބައެއް މައުލޫމާތުތައް ފޯރުކޮށްދެމުންނުދާ ކަމަށް ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން ވިދާޅުވީ އެމެރިކާގެ ދިފާއީ ބައެއް އެޖެންސީތައް ހުރީ ޓްރަމްޕްގެ ވެރިކަމުގައި ހުސްކޮށް ކަމަށާއި ޓްރަމްޕްގެ ޓީމުގެ ފަރާތުން ބޭނުންވާ މައުލޫމާތު ނުލިބޭކަމަށެވެ. އަދި މިއީ ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަންގެ ފޮރިން ޕޮލިސީ ޓީމާއި ބައްދަލުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޑިފެންސް އާއި އޮފީސް އޮފް މެނޭޖްމަންޓް އާއި ބަޖެޓްގެ ފަރާތުން ސިޔާސީ ގޮތުން އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށެވެ. އެތަންތަނުން އެއްބާރުލުން ލިބެމުންނުދާ ކަމަށް ބައިޑަން ވިދާޅުވިއެވެ.

"ގައުމުގެ ސެކިޔުރިޓީ އާއި ގުޅޭ މައި ތަންތަނުން ބޭނުންވާ ހުރިހާ މައުލޫމާތެއް މިހާރު އަހަރުމެންނަށް ލިބެމުންނެއްނުދޭ. އަހަރެން ދެކޭގޮތުގައި މިއީ ޒިންމާދާރުކަން ކުޑަވުން." ބައިޑަން ވިދާޅުވިއެވެ.

ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު ބައިޑަން ކާމިޔާބުކުރައްވާފައިވާއިރު ބާރުތައް ބަދަލުކުރުމުގެ ކަންކަމުގައި ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުންނާއި ބައިޑަންގެ ޓީމުން ބައްދަލުކޮށް ވާހަކަދައްކަން ފަށާފައިވަނީ ނޮވެމްބަރ މަހުގެ ފަހުކޮޅުން ފެށިގެންނެވެ.

ޓްރަމްޕް ގެންދަވަނީ އިންތިޚާބުން ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެންނެވިކަން ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕްގެ ސަރުކާރުން ބައިޑަން އަށް އެއްބާރުލުން ދިނުމަށް ހުއްދަ ދީފައިވަނީވެސް ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ. ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ޑިސެމްބަރ މަހުގެ ކުރީކޮޅު ބައިޑަންގެ ޓީމުން ބުނެފައިވަނީ ޕެންޓަގަންގެ ބައެއް އޮފިޝަލުންގެ ފަރާތުން މައުލޫމާތު ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަމަށެވެ.

އެކަމާއި ގުޅިގެން ޑިފެންސް ސެކެޓްރީ ކްރިސްޓޮފަރ މިލާ ވިދާޅުވެފައިވަނީ ޕެންޓަގަން އިން 164 އިންޓަރވިއުއެއް 400ށް ވުރެ ގިނަ އޮފިޝަލުންނާއެކު ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 5000ށް ވުރެ ގިނަ ކަރުދާސް ހިމެނޭ ޑޮކިޔުމަންޓްތައް ބައިޑަންގެ ޓީމާއި ހިއްސާކޮށްފައިވާ ކަމަށްވެސް ޑިފެންސް ސެކެޓްރީ ވިދާޅުވިއެވެ.

"ޑިޕާޓްމަންޓް އޮފް ޑިފެންސުގެ ސިޔާސީ އަދި އެހެން އޮފިޝަލުންވެސް މަސައްކަތް ކުރަމުން އަންނަނީ ވަރަށް ޕްރޮފެޝަނަލްކޮށް، ބާރުތައް ބަދަލުކުރުމުގެ ހުރިހާ ކަމަކަށް އެއްބާރުލުން ދެމުންދޭ. އަދި ޝެޑިޔުލްގައިވާ ގޮތަށް އެކަންކަން އަންނަނީ ކުރަމުން. ޒަމާނުއްސުރެވެސް ހިފަހައްޓަމުން އަންނަމުން އުސޫލުގައި މިފަހަރުވެސް އަންނަނީ ހިފަހައްޓަމުން. ދެފުށް ފެންނަ ގޮތަށް ބާރުތައް ބަދަލުކުރުމުގެ ކަންކަމުގައި އަންނަނީ އެއްބާރުލުން ދެމުން"
ޑިފެންސް ސެކެޓްރީ ކްރިސްޓޮފަރ މިލާ

ނަމަވެސް ބައިޑަންގެ ޓީމުން ވަނީ އެއްބާރުލުން ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަނެއްކޮޅުން ބައިޑަން ވެރިކަމާއި ހަވާލުވެވަޑައިގަންނަވާއިރު ފޮރިން ޕޮލިސީ އާއި ނޭޝަނަލް ސެކިޔުރިޓީ އާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ކުރިމަތިވާނެއެވެ. އެއީ ޓްރަމްޕްގެ ސަރުކާރުގައި އެކި ގައުމުތަކާއެކު ގެންގުޅެފައިވާ ސިޔާސަތުގެ ސަބަބުންނެވެ. އޭގެތެރޭގައި ޗައިނާ، އިރާން އަދި އުތުރު ކޮރެއާ އާއެކު އެމެރިކާ އިން ގެންގުޅޭ ސިޔާސަތުތައް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ކޮވިޑް-19 ޕެންޑަމިކް ކޮންޓްރޯލްކުރުމަކީވެސް ބައިޑަން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ކުރައްވަން ޖެހިވަޑައިގަންނަވާނެ މުހިންމު ކަމެކެވެ.

މީގެއިތުރުން ޓްރަމްޕްގެ ސިޔާސަތުގެ ދަށުން ބޭރު ގައުމުތަކާއެކު އޮތް ގުޅުމުގައި "އެމެރިކާ ފަސްޓް" އެޖެންޑާގެ ދަށުން ހިނގާފައިވާ ކަންކަން ބަދަލުކޮށް ގުޅުންތައް ބަދަހިކުރުމަކީވެސް ބައިޑަން ކުރިމަތިލައްވާނެ މުހިންމު އެއް ކަންތަކެވެ.

ބައިޑަން ވިދާޅުވީ އެމެރިކާގެ ފައުޖުތައް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ގޮތާއި ދުޝްމަނުންނާ ދެކޮޅަށް ކުރިޔަށްގެންދާ އޮޕަރޭޝަންތަކުގެ ސާފު މައުލޫމާތު ބޭނުންފުޅުވާ ކަމަށެވެ. އަދި ޑިފެންސް ޑިޕާޓްމަންޓާއި އެހެނިހެން އެޖެންސީތައް ކުރިޔަށް ގެންދިޔުމަށްޓަކައި ބަޖެޓް އެކުލަވާލާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތުތައް ބޭނުންފުޅުވާކަމަށް ބައިޑަން ވިދާޅުވިއެވެ. އެއީ ވެރިކަމާއި ހަވާލުވުމަށްފަހު އަރާފާނެ އޮޅުންތަކުގެ ސަބަބުން ކަމަށް ބައިޑަން ވިދާޅުވިއެވެ.

އަދި މައި ސަރުކާރުގެ ފަރާތުން ކަންކަން ސާފުކުރަމުންދިޔައިރު ސިޔާސީ ލީޑަރޝިޕްގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވި ކަމަށް ބައިޑަން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް