ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 06:58
މިސައިލް ހަމަލާގައި ވެއްޓުނު ބޯޓުގެ ބައިތައް
މިސައިލް ހަމަލާގައި ވެއްޓުނު ބޯޓުގެ ބައިތައް
ރޮއިޓަރސް
އީރާނުގެ މިސައިލް ހަމަލާ
މިސައިލް ހަމަލާގައި ވެއްޓުނު ބޯޓުން މަރުވި އާއިލާތަކަށް ފައިސާގެ އެހީދޭން އީރާނުން ނިންމައިފި
 
ވެއްޓުނު ބޯޓަށް ވަނީ އީރާނުން ފޮނުވާލި ދެ މިސައިލް ހަމަލާ އަމާޒުވެފައި

2019 ވަނަ އަހަރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ހަމަލާއަކުން ވެއްޓުނު ޔޫކްރެއިން ބޯޓުން މަރުވި 176 މީހުންގެ އާއިލާތަކަށް ފައިސާގެ އެހީ ދިނުމަށް އީރާނުން ނިންމައިފިއެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ތެހެރާނުން ފުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޔޫކްރޭން އިންޓަނޭޝަނަލް އެއާލައިންގެ ބޮއިން 737 މަރުކާގެ މި ބޯޓަށް ވަނީ ދެ މިސައިލް ހަމަލާ އަރައިފައެވެ.

ބޯޓަށް ހަމަލާ ދިންކަމަށް އީރާނުން އެންމެ ފުރަތަމަ ދެކޮޅު ހެދުމަށްފަހު، ފަހުން އެ ހަމަލާގެ ޒިންމާ އެގައުމުން ވަނީ ނަގައިފައެވެ. އަދި އެއީ ގަސްތުގައި ދިން ހަމަލާއެއް ނޫން ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ޔޫކްރެއިންގެ ބޯޓަށް މިސައިލް ހަމަލާއެރި ވަގުތަކީ އީރާނުގެ އެއާ ޑިފެންސް އެލާޓުގައި އޮތް ވަގުތެކެވެ. އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އީރާނުގެ އިސް ޖެނެރަލެއް ކަމަށްވާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން، ޔޫކްރެއިންގެ ބޯޓަށް މިސައިލް ހަމަލާދިނުމުގެ ކުރިން އީރާނުން ވަނީ އީރާގުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ.

އީރާނުގެ ސަރުކާރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ހަމަލާއަކުން ވެއްޓުނު ޔޫކްރޭންގެ ބޯޓުން މަރުވި މީހުންގެ ކޮންމެ އާއިލާއަކަށް 150،000 ޑޮލަރު ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ވެއްޓުނު ބޯޓުން މަރުވި މީހުންގެ ތެރޭގައި ގިނައީ އީރާނުގެ މީހުންނެވެ. އެގޮތުން އީރާނުގެ 82 މީހުންވަނީ މަރުވެފައެވެ. މީގެ އިތުރުން ކެނެޑާގެ 63 މީހުންނާއި، ޔޫކްރެއިންގެ 11 މީހުންނާއި، އަފްގާނިސްތާނުގެ ހަތަރު މީހުނާއި، އިނގިރޭސިވިލާތުގެ ހަތަރު މީހުން އަދި ޖަރުމަނުވިލާތުގެ ތިން މީހުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް