ކ. މާލެ
|
27 ޑިސެންބަރ 2020 | އާދީއްތަ 15:18
އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތާއި ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ
އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތާއި ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީސް
ފަރސްޓްލޭޑީ ފަޒްނާ އަހުމަދު
ކޮވިޑު ތެރޭ ފަރސްޓްލޭޑީ ބައިވެރިވެވަޑައިގަތް ފުރަތަމަ ރަސްމީ ޙަފްލާ: ކަނބަލުންގެ ހުނަރުތަކާ ގުޅިފައި
 
މި ޙަފްލާގައި ފަޒްނާގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި ހުންނެވީވެސް އަންހެން ކަނބަލެއް
 
ހެދުމުގެ ފޮތީގެ ޑިޒައިންގެ އިންސްޕިރޭޝަނަކީ މަސްމަހާމެހީގެ ބާވަތެއް ކަމަށްވާ "ބިބީ"
 
ފޮޓޯގައި ތުރުކުރައްވާފައިވާ ދިގު ހެދުމުގެ ޑިޒައިނަކީ ދިވެހިވަންތަ ބްރޭންޑެއްގެ ޑިޒައިންއެއް

އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތާއި ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ހޮނިހިރު ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި އޮތް ރަސްމިއްޔާތަކީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ފަރސްޓްލޭޑީ ފަޒްނާ އަޙުމަދު ބައިވެރިވެވަޑައިގަތް ރަސްމީ ފުރަތަމަ ޙަފްލާއެވެ. މި ޙަފްލާއާ ގުޅޭ ބައެއް ފޮޓޯތައް ފަޒްނާ ވަނީ އެކަމަނާގެއިންސްޓަގްރާމްގައިހިއްސާ ކުރައްވާފައެވެ. އެގޮތުން ފަޒްނާ ވިދާޅުވީ، މި ޙަފްލާގައި ދިވެހި އަންހެނުންގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުސަތު އެކަމަނާއަށް ލިބިގެން ދިއުމުން އުފާ ކުރައްވާ ކަމަށެވެ.

މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙާއެކު ވަޑައިގަތް މަންޒަރުގެ ފޮޓޯއެއް ހިއްސާ ކުރައްވައި ފަޒްނާ ވިދާޅުވީ، އެ ފޮޓޯގައި ތުރުކުރައްވާފައިވާ ދިގު ހެދުމުގެ ފޮތީގެ ޑިޒައިނަކީ ދިވެހިވަންތަ ބްރޭންޑެއް ކަމަށްވާ "މަސް ކުލަ" ގެ ޑިޒައިނެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްކުލައިގެ މި ޑިޒައިނަކީ މަސްމަހާމެހީގެ ބާވަތެއް ކަމަށްވާ "ބިބީ" (ބަޓަރފްލައި ފިޝް) ހުންނަ ގޮތް ބަލައި، އޭގެ މައްޗަށް ބިނާ ކޮށްފައިވާ ޑިޒައިނެކެވެ. އޮފް މެޓީރިއަލްއެއްގެ ފޮއްޗެއްގައި އަތުރާލާފައިވާ މި ޑިޒައިންގެ ހެދުން ފަހާފައިވަނީވެސް ދިވެހި ކަނބަލެކެވެ. އެއީ ކުޅަދާނަ ފެހުންތެރިއެއް ކަމަށްވާ އާބިދާ އިސްމާއިލްއެވެ.

ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙާއެކު ފަޒްނާ ވަޑައިގަންނަވަނީ

އޭގެ އިތުރުން، ފަރސްޓްލޭޑީ ފަޒްނާ ވަނީ ދިވެހި އަންހެން ދެބެއިން ކަމަށްވާ ރާނިޔާ އަހްމަދު މަންސޫރާއި، ރާޔާ އަހްމަދު މަންސޫރުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "އޮއިވާލި އާރޓް ޝޮޕް" ގެ ތަނޑިގަނޑެއްވެސް އަޅުއްވާފައެވެ. ތަނޑިގަނޑުގެ ސަބަބުން ކަނބަލުންގެ ހުނަރު ދައްކުވައިދޭ މި މުޅި "އައުޓްފިޓް" ފުރިހަމަ ކޮށްލައެވެ. ރަންކުލައިގެ މި ހިމަ ތަނޑިގަނޑަކީ ދިވެހި ކަނބަލުންގެ ފަންނާއި ފުނޫނު ނުހަނު ރަނގަޅަށް ދައްކުވައިދޭ އެއްޗެއްވެސް މެއެވެ.

އޮއިވާލި އާރޓް ޝޮޕްގެ ތަނޑިގަނޑެއް

އިއްތިފާޤަކުން މި ޙަފްލާގައި ފަޒްނާގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި ހުންނެވީވެސް އަންހެން ކަނބަލެއް ކަމަށް އެކަމަނާގެ އިންސްޓަގްރާމްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. މި ޕޯސްޓަށް މިހާތަނަށް 500ށް ވުރެ ގިނަ ލައިކް ލިބިފައިވާއިރު، އެތައް ބަޔަކު ވަނީ ފަޒްނާގެ މި ހިތްގައިމު "އައުޓްފިޓް"އަށް ތައުރީފު ކޮށްފައެވެ. އަދި ކަނބަލުންގެ ހުނަރު ދައްކުވައި، އަންހެނުން ބާރުވެރިކުރުވުމަށް ފަރްސްޓްލޭޑީ ކުރައްވާ މަސައްކަތްޕުޅަށް އިތުރުވި ބޮޅެއްގެ ގޮތުގައި މިކަންވެސް ގިނަ ބަޔަކު ސިފަ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
67%
0%
33%
0%
0%
ކޮމެންޓް