ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 04:39
ކޮވިޑް-19 ވެކްސިންގެ ސާމްޕަލްތަކެއް
ކޮވިޑް-19 ވެކްސިންގެ ސާމްޕަލްތަކެއް
ރޮއިޓަރސް
ކޮވިޑް-19 ދެކުނު ކޮރެއާގެ ހާލަތު
ދެކުނު ކޮރެއާގެ 16 މިލިއަން މީހުން ގަޔަށް ވެކްސިން ޖެހުމަށް ފައިޒަރ އާއި ޖޯންސަން އެންޑް ޖޯންސަން އާއެކު އެއްބަސްވުމަކަށް
 
1.2 ބިލިއަން އެމެރިކާ ޑޮލަރު ވެކްސިން ޖެހުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައި
 
ވެކްސިން ދިނުމުގެ ޕްރޮގްރާމް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ފެށުމަށް އަންނަނީ މަސައްކަތްކުރަމުން
 
ދެކުނު ކޮރެއާގެ 52 މިލިއަން މީހުންގެ އާބާދީގެ 85 އިންސައްތައަށް ވެކްސިން ލިބިގެންދާނެ

ދެކުނު ކޮރެއާގެ މުޅި އާބާދީއަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން ފައިޒަރ އާއި ޖޯންސަން އެންޑް ޖޯންސަން އާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް އެގައުމުން ބުނެފިއެވެ.

ދެކުނު ކޮރެއާއަށް ކޮވިޑް-19 ގެ ތިން ވަނަ ރާޅެއް އައިސްފައިވާއިރު މި ދެކުންފުނި މެދުވެރިކޮށް އެގައުމުގެ އާބާދީގެ 16 މިލިއަން މީހުންނަށް ބޭނުންވާ ވެކްސިން ހޯދުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ބުދަ ދުވަހަކީ އެގައުމުގައި އެއް ދުވަހާ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ދެވަނަ ދުވަހަށް ވާއިރު ދެކުނު ކޮރެއާގެ ރައްޔިތުން އަންނަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާމެދު ސުވާލު އުފައްދަމުންނެވެ.

ފައިޒަރ ގެ ވެކްސިން 10 މިލިއަން މީހުންނަށް ދިނުމަށް ނިންމާފައިވާއިރު މިޝިޕްމަންޓް ދެކުނު ކޮރެއާއަށް ދާނީ އަންނަ އަހަރުގެ ތިންވަނަ ކުއަރޓަރގައެވެ.

ކޮވިޑް-19 އަށް ވެކްސިން ޖެހުމުގައި ދެކުނު ކޮރެއާގެ ސަރުކާރުން ގެންގުޅޭ ޕްލޭނާ ގުޅޭގޮތުން ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން އެގައުމުގެ ބޮޑުވަޒީރު ޗަންގް ސައި ކިއަން ވިދާޅުވީ ގައުމުގެ ގާބިލްކަން ހުރި މިންވަރަށް ބަލާ އަންނަ އަހަރުގެ ދެވަނަ ކުއަރޓަރގައި ޝިޕްމަންޓްތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށް ޗަންގް ވިދާޅުވިއެވެ.

ޗަންގް އިތުރަށް ވިދާޅުވީ ޖޯންސަން އެންޑް ޖޯންސަން އާއެކު ކުރިން 4 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ވެފައިވާ އެއްބަސްވުމުން މިހާރު 6 މިލިއަނަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ދެވަނަ ކުއަރޓަރގައި ވެކްސިން ދިނުމަށް ތައްޔާރުވަމުންދާކަމަށް ޗަންގް ވިދާޅުވިއެވެ.

ފައިޒަރ އާއި ޖޯންސަން އެންޑް ޖޯންސަން އާއެކު މިވީ އެއްބަސްވުމާއި ކޮވެކްސް ފެސިލިޓީގެ ދަށުން ލިބޭ ވެކްސިނާއެކު ދެކުނު ކޮރެއާގެ 52 މިލިއަން މީހުންގެ އާބާދީގެ 85 އިންސައްތައަށް ވެކްސިން ލިބިގެންދާނެއެވެ.

ދެކުނު ކޮރެއާއިން ވަނީ މީގެކުރިން އެސްޓްރާޒެނިކާ އާއެކު ވެކްސިން ހޯދުމުގެ އެއްބަސްވުމަކަށް އައިސްފައެވެ. އެކުންފުނީގެ ޝިޕްމަންޓް އަންނަ އަހަރުގެ ޖެނުއަރީ މަހު ލިބޭނެކަމަށް ދެކުނު ކޮރެއާއިން ބުނެއެވެ. މީގެއިތުރުން މޮޑާނާގެ ވެކްސިން ހޯދުމަށް ވާހަކަދައްކަމުންދާއިރު މޮޑާނާއިން 20 މިލިއަން ޑޯޒް ހޯދުމަށް ދެކުނު ކޮރެއާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮރެއާ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އެޖެންސީގެ ސީނިއާރ އޮފިޝަލެއް ކަމުގައިވާ ޔަންގް ޑޮންގްޔޯ ވިދާޅުވީ ވެކްސިން ދިނުމުގެ ޕްރޮގްރާމް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ނޮވެމްބަރ މަސް ތެރޭގައި ވެކްސިން ދީ ނިމޭނެކަމަށް ޔަންގް ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ 1.2 ބިލިއަން އެމެރިކާ ޑޮލަރު ވެކްސިން ޖެހުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައެވެ.

ބުދަ ދުވަހު އެގައުމުގައި އަލަށް 985 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 53،533ށް އަރާފައެވެ. އަދި މިހާތަނަށް އައިއިރު 756 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ދެކުނު ކޮރެއާގައި އަންނަނީ ދުވާލަކު 55،000 މީހުން ވައިރަސް އަށް ޓެސްޓް ކުރަމުންނެވެ.

ކްރިސްމަސް އާއި އައު އަހަރާ ދިމާކޮށް ދެކުނު ކޮރެއާއިން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ސްކީ ކުރެވޭގޮތަށް ހުރިހުރިހާ ރިސޯޓަކާއި ޓޫރިސްޓް ސްޕޮޓްތައް ބަންދުކޮށްފައެވެ. އަދި ހަތަރު މީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅު އެންމެ ފުރަތަމަ ވައިރަސް ފެނުނު ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ ހިމެނޭއިރު ވައިރަސް ފެތުރުން ފަސޭހަކަމާއެކު ކޮންޓްރޯލްކުރި ގައުމުތަކުގެ ތެރޭގައިވެސް ދެކުނު ކޮރެއާ ހިމެނެއެވެ. އެކަމުގެ ތައުރީފްގެ ބަސްތައް ބައިނަލްއަގްވާމީ މުޖުތަމަޢުން ދެކުނު ކޮރެއާއަށް ލިބިފައިވާއިރު ވައިރަސްގެ ތިން ވަނަ ވޭވެއް އައިސްފައިވަނީ މާބޮޑަށް އެކަމުގެ ޔަގީންކަން އޮތުމުގެ ސަބަބުން ފަރުވާކުޑަކޮށްލެވުމުގެ ސަބަބުން ކަމަށް ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް