ކ. މާލެ
|
11 ޑިސެންބަރ 2020 | ހުކުރު 15:04
ސްޕްރީމް ކޯޓު، މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވާ ގިނަ މައްސަލަތަކަކީ ކުރިން ހުށަހެޅި ސުޕްރީމް ކޯޓުގައި ފުނިޖެހިފައި ހުރި މައްސަލަތައް
ސްޕްރީމް ކޯޓު، މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވާ ގިނަ މައްސަލަތަކަކީ ކުރިން ހުށަހެޅި ސުޕްރީމް ކޯޓުގައި ފުނިޖެހިފައި ހުރި މައްސަލަތައް
ސުޕްރީމް ކޯޓުގެ ހިސާބުތައް
ސުޕްރީމް ކޯޓުގެ ހިސާބުތަކަށް އަވަސް ކަޅިއެއް
 
މިހާތަނަށް އެންމެ ގިނަ މައްސަލަ ނިންމާފައި ވަނީ 2011 ވަނަ އަހަރު
 
ކޯޓު އުފެދުނު ފަހުން މިހާތަނަށް 229,434,972.00ރ. ޚަރަދުކޮށްފައިވޭ
 
ސުޕްރީމް ކޯޓުގެ އުމުރުން މިވީ 11 އަހަރު ތެރޭގައި އެކޯޓުން ނިންމާފައިވަނީ ޖުމުލަ 352 މައްސަލަ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދުނީ 2008 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ޤާނޫނު އަސާސީ އާއެކުގައެވެ. 2009 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓަށް ފަނޑިޔާރުން ޢައްޔަނުކޮށް ނިމި މަސައްކަތް ފަށައިގަނެވިއްޖެއެވެ. ސުޕްރީމް ކޯޓުގެ މިހާރުގެ އުމުރަކީ 11 އަހަރެވެ.

މި 11 އަހަރަށް ދިވެހިރާއްޖޭގެ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ މަތީ ކޯޓަށް، ދައުލަތުގެ ބަޖެޓުން، ރައްޔިތުންގެ ފައިސާއިން މިހާތަނަށް 229,434,972.00ރ. (ދުއިސައްތަ ނަވާވީސް މިލިއަން ހަތަރުސަތޭކަ ތިރީސް ހަތަރުހާސް ނުވަސަތޭކަ ހަތްދިހަ ދޭއް) ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފެންނަންހުރި ހިސާބުތަކުން ފާހަގަވެއެވެ. އިހަށް ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތީމުގޭގެ ހައިބަތުބޮޑު އެ ޢިމާރާތަކީ ސުޕްރީމް ކޯޓުގެ ޢިމާރާތް ކަމުގައި ހަމަޖައްސައި، ކޮންމެ ފަނޑިޔާރަކަށް ކާރުކޮޅަކާއި، ސެކިއުރިޓީއާއި، ބޭސްފަރުވާގެ އިންޝުއަރެންސް ދިނުމަށްފަހު، ހެޔޮވަރުގެ މުސާރައެއްވެސް ރައްޔިތުންގެ ފައިސާއިން ދިނުމަށް ރައްޔިތުން ނިންމީ ހެޔޮހިތުންނެވެ. އެ ކޯޓުން ކުރައްވާނޭ މަސައްކަތުގެ ބުރަކަމާއި، ކޯޓުގެ ހައިބަތުގެ ބޮޑުކަމަށް ފުރިހަމައަށް ރިއާޔަތް ކުރައްވައިގެންނެވެ.

މިހުރިހާ ކަމެއްގެ ބަދަލުގައި ސުޕްރީމް ކޯޓުން ރައްޔިތުންނަށް ޚިދުމަތްކޮށްދީފިތޯއެވެ؟

ސުޕްރީމް ކޯޓުގެ އުމުރުން މިވީ 11 އަހަރު ތެރޭގައި އެކޯޓުން ނިންމާފައިވަނީ ޖުމުލަ 352 މައްސަލައެވެ. އޭގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މައްސަލަ ނިންމާފައިވަނީ 4 ސެޕްޓެމްބަރު 2019 ގެ ފަހުންނެވެ. މާނައަކީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރުން ޢައްޔަނުކުރެވުނު ފަހުންނެވެ.

އެ ކޯޓުން 2008 ވަނަ އަހަރު ނިންމީ 4 މައްސަލައެވެ. އެ އަހަރުގެ ހަތަރު މަހަށް ދައުލަތުން ސުޕްރީމް ކޯޓަށް ޚަރަދުކުރީ 4 މިލިއަން ރުފިޔާއެވެ.

2009 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ 18 މައްސަލައެކެވެ. އެ އަހަރުގެ ބަޖެޓަކީ 13,147,976.00ރ. (ތޭރަ މިލިއަން އެއްލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ ހައެއް) ރުފިޔާއެވެ. އެއީ ނިންމި ކޮންމެ މައްސަލައެއްގެ ނިސްބަތުން ބަލާއިރު މައްސަލައަކަށް 730,443.11ރ. (ހަތްލައްކަ ތިރީސްހާސް ހަތަރުސަތޭކަ ސާޅީސް ތިނެއް ރުފިޔާ އެގާރަ ލާރި) އެވެ.

2010 ވަނަ އަހަރު ސުޕްރީމް ކޯޓުން 13 މައްސަލައެއް ނިންމިއިރު އެ އަހަރުގެ ބަޖެޓަކީ 13,534,721.00ރ. (ތޭރަމިލިއަން ފަސްސަތޭކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ އެކާވީސް ރުފިޔާ) އެވެ.

2011 ވަނަ ސުޕްރީމް ކޯޓުން ނިންމީ 47 މައްސަލައެވެ. އޭގެ ތެރެއިން 25 މައްސަލައަކީ އިންތިޚާބީ މައްސަލައެވެ.

2012 ވަނަ އަހަރު 28 މައްސަލަ، 2013 ވަނަ އަހަރު 18 މައްސަލަ، 2014 ވަނަ އަހަރު 12 މައްސަލަ، 2015 ވަނަ އަހަރު 28 މައްސަލަ، 2016 ވަނަ އަހަރު 20 މައްސަލަ، 2017 ވަނަ އަހަރު 16 މައްސަލަ، 2018 ވަނަ އަހަރު 27 މައްސަލަ އަދި 2019 ވަނަ އަހަރު 28 މައްސަލައެވެ. 2019 ވަނަ އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން 2 މައްސަލައެއް ނިންމީ މިހާރުގެ ފަނޑިޔާރުން ހިމެނޭ ބެންޗުންނެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ޢައްޔަނުކުރުމުގެ ކުރިއަށް ހިނގައިދިޔަ މުއްދަތުގައި އެކޯޓުން ބަލައި ނިންމާފައިވަނީ 257 މައްސަލައެވެ. އެ މައްސަލަތައް އެކޯޓުން ނިންމުމަށް ރައްޔިތުންގެ ފައިސާއިން ކުރި ހޭދައަކީ ޖުމުލަ 195,394,788.00ރ. (އެއްސަތޭކަ ނުވަދިހަ ފަސްމިލިއަން ތިންސަތޭކަ ނުވަދިހަ ހަތަރު ހާސް ހަތްސަތޭކަ އަށްޑިހަ އަށެއް) ރުފިޔާއެވެ. ރައްޔިތުންގެ ފައިސާގެ ތެރެއިން 195 މިލިއަން ޚަރަދުކުރީމާ ނަތީޖާއަށް ނުކުތީ ޖުމުލަ 257 ނިންމުމެވެ. އެއީ 2008 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ދައުލަތުގެ އަހަރީ ބަޖެޓުން ސުޕްރީމް ކޯޓަށް ޚަރަދުކޮށްފައިވާކަމަށް ފެންނަން އޮތް ޖުމުލައެވެ.

ސްޕްރީމްކުޓުގެ ޝަރީއަތެއް ކުރިއަށް ދަނީ - ސުޕްރީމް ކޯޓު މިހާރު އޮތީ އަހަރީ ޗުއްޓީގައި

ސުޕްރީމް ކޯޓު އުފެދުނު ފަހުން، 2019 އާ ހަމައަށް ވެއަތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ނިންމާފައި ވަނީ 2011 ވަނަ އަހަރު އެކޯޓުން ނިންމާފައި އޮތް 47 މައްސަލައެވެ. އެއީ އެހާތަނަށް އޮތް ރެކޯޑެވެ. އެއީ އިންތިޚާބީ މައްސަލަކަމަށްވާތީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމުން ޤާނޫނުން ލާޒިމުކުރާތީ ނިންމި 25 މައްސަލަވެސް ހިމަނައިގެންނެވެ.

2020 ވަނަ އަހަރަށް ޤައުމު ހޭލީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއަށެވެ. އެކަމުގައި މުޅި ޤައުމު ހުއްޓިފައި އޮތްއިރުވެސް، ސުޕްރީމް ކޯޓުގެ ދުވެލި ވީ ބާރެވެ. މި އަހަރުގެ މިހާތަނަށް 92 މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ. ވަކިވަކި ފަނޑިޔާރުންގެ ނިސްބަތުން ބަލާއިރު، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙުމަދު މުޢުތަޞިމް ޢަދުނާން 7 ރައުޔު، ފަނޑިޔާރު އަލްއުސްތާޛާ ޑރ. އަޒްމިރަލްދާ ޒާހިރު 14 ރައުޔު، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު 19 ރައުޔު، ފަނޑިޔާރު އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރު 11 ރައުޔު، އަދި އެންމެ ފަހުން ޢައްޔަނުކުރެވުނު ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލްއުސްތާޛު ޑރ.މުޙައްމަދު އިބްރާހީމް 3 ރައުޔު އިއްވިއިރު، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން 2 މައްސަލައެއްގެ ރައުޔު އިއްވާފައިވެއެވެ. ފަހުގެ ފަނޑިޔާރުންގެ ތެރެއިން އެންމެ ގިނަ މައްސަލަ ނިންމެވި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު 35 ރައުޔެއް އިއްވަވާފައިވެއެވެ.

މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވާ ގިނަ މައްސަލަތަކަކީ ކުރިން ހުށަހެޅި ސުޕްރީމް ކޯޓުގައި ފުނިޖެހިފައި ހުރި މައްސަލަތަކެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/08 ޤަޟިއްޔާ (ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލް) އަކީ 22 ފެބުރުއަރީ 2015 ދުވަހު ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ކުރެވުނު މައްސަލައެކެވެ. އެ މައްސަލަ ކޯޓުން ނިންމީ މައްސަލަ ރަޖިސްޓްރީކުރެވުނުތާ 6 އަހަރާއި، 4 މަހާއި، 23 ދުވަސް ފަހުން، 15 ޖުލައި 2020 ގައެވެ. ސުޕްރީމް ކޯޓުގެ 2014/SC-A/32 ޤަޟިއްޔާ (ފާތުމަތު މަނިކެ ވ. މަރްޔަމް ފަރުހާދު ވަޙީދު) ގެ ފައިލު 6 އަހަރާއި، 5 މަހާއި، 24 ދުވަސް ވަންދެން ސުޕްރީމް ކޯޓުގައި ފަނޑިޔާރުންގެ މޭޒުކޮޅުމަތީގައި އޮތެވެ. އެ ޤަޟިއްޔާ ނިންމެވީ 8 ޖޫން 2020 ގައެވެ. ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްއިން އިސްތިއުނާފްކޮށް ހުށަހެޅި ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/32 ޤަޟިއްޔާގައި ގޮތެއް ނުނިމި 7 އަހަރާއި 11 މަސް ދުވަސް ވަންދެން ސުޕްރީމް ކޯޓުގައި އޮތެވެ. އެ މައްސަލަވެސް ނިންމީ މިހާރުގެ ފަނޑިޔާރުން 6 އޮގަސްޓް 2020 ގައެވެ. އަހަރު ދުވަހުގެ ހިންގުންތެރި މަސައްކަތަށްފަހު ސުޕްރީމް ކޯޓު މިހާރު އޮތީ އަހަރީ ޗުއްޓީގައެވެ. މިވަގުތު ކުރިއަށްދާނީ އިދާރީ އިންތިޒާމުތައް ހަރުދަނާކުރުމާއި، އަވަހަށް ނިންމަންޖެހޭ މައްސަލަތަކުގެ މަސައްކަތް އެކަންޏެވެ. ނިމެން މިދާ އަހަރުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތަށް ބަލާއިރު ކުރިއަށް އޮތް އަހަރު ފެންނަނީ އަލިކޮށެވެ. ސުޕްރީމް ކޯޓުގައި ފުނިޖެހިފައިހުރި މައްސަލަތައް ނިންމައި، ސުޕްރީމް ކޯޓުގެ ދުވެލި މިހާރަށްވުރެވެސް ހަލުވިވެގެން ދާނޭކަމަށް ރައްޔިތުން އުއްމީދުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
100%
ކޮމެންޓް